ޚަބަރު

ޤައުމު ކުރިއެރުވުގައި އަންހެނުންގެ ބައިވެރިވުން


މިއަދަކީ، ބައިނަލް އަޤުވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހެވެ. އަންހެނުންގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ، " ޕްލެނެޓް ފިފްޓީ-ފިފްޓީ ބައި ޓުވެންޓީ ތަރޓީ- ސްޓެޕް އިޓް އަޕް ފޮ ޖެންޑަރ އިކުއަލިޓީ " ނުވަތަ އަންހެނުންނާއި ފިރިހެނުން ހަމަހަމަ ކުރުމަށް ކުރެވޭ މަސައްކަތް ކުރިއަށްވުރެ ހަލުވިކޮށް، 2030 ވަނަ އަހަރު އަންނަންވާއިރު ހަމަހަމަ ދުނިޔެއެއް ޤާއިމްކުރުމެވެ.

ރާއްޖޭގައި ވަޒީފާގެ މައިދާނުގައާއި އެހެނިހެން ކަންކަމުގައި އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ފުރުޞަތު ހޯދައިދިނުމުގެ ވާހަކައަކީ ވަރަށް ބާރަށް ދެެކެވޭ ވާހަކައެެކެވެ. ސިޔާސީ މައިދާނުގައި އަދި ކަންކަން ނިންމާ ހިސާބު ނުވަތަ "ޑިޒިޝަން މޭކިން ލެވެލް" ގައި އަންހެނުންގެ ޢަދަދު މަދުވި ކަމުގައި ވިޔަސް، ރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނުތައް ހެދިފައި ހުރި ގޮތުން، އަންހެނަކަށް ވީތީ ސިޔާސީ މަގާމުތަކަށް ވާދަކުރުމުގެ ހައްގުން މަހްރޫމްކުރެވިފައެއް ނޯވެއެވެ. ދައުލަތުގެ އެންމެ މަތީ ވެރިޔާގެ މަޤާމުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމާއި ލޯކަލް ކައުންސިލްތަކުގެ މެންބަރުންކަމަށް ކުރިމަތިލުމުގައި ވެސް އަންހެނުންނަށް އެއްވެސް ހުރަހެއް ނެތެެވެ. އެހެން ނަމަވެސް ޤާބޫލުކުރަން ޖެހޭ ހަޤީގަތަކީ، ޤާނޫނީ ދޮރުތައް ހުޅުވިފައި ހުރި ކަމުގައި ވިޔަސް، އެފަދަ މަޤާމުތަކަށް ކުރިމަތިލާ އަންހެނުންގެ ޢަދަދު މަދުކަމާއި، ކުރިމަތިލާ މަދު އަންހެނުންގެ ތެރެއިން ވެސް އިންތިޚާބުވާ އަންހެނުންގެ އަދަދު މަދުކަމެވެ.

މިހާރުގެ ހާލަތަށް ބަލާއިރު، ސަރުކާރުގެ ތިންބާރުގެ ތެރެއިން އެއްބާރު ކަމަށްވާ، ރައްޔިތުންގެ މަޖިލީހުގެ 85 މެމްބަރުންގެ ތެރޭގައި ތިއްބެވީ އެންމެ 5 އަންހެން ބޭކަނބަލުންނެވެ. އަދި ކެބިނެޓްގައި 14 ވަޒީރުންގެ ތެރޭގައި ތިއްބެވީ، އެންމެ ތިން އަންހެން ބޭކަނބަލުންނެވެ. އަދި ކައުންސިލްތަކުގައި މިހާރު ތިއްބެވި އެއްހާހަށްވުރެ ގިނަ ކައުންސިލަރުންގެ ތެރެއިން އަންހެނުންގެ ޢަދަދަކީ އެންމެ ފަސްދޮޅަސް ހަތަރެކެވެ.

ސިވިލް ސަރވިސްގައި މަސައްކަތް ކުރާ ފިރިހެނުންނަށްވުރެ އަންހެނުންގެ އަދަދު ގިނައެވެ. އެގޮތުން 24،000 މުއައްޒަފުންގެ ތެރެއިން 54 އިންސައްތަ އަންހެނުން މަސައްކަތް ކުރެއެވެ. ސިވިލް ސަރވިސްގައި މަސައްކަތްކުރާ އަންހެނުން އެންމެ ގިނައީ އިދާރީ މަސައްކަތްކުރާ މަޤާމްތަކުގައެވެ. އެހެން ނަމަވެސް އިސްމަޤާމްތަކުގައި އަންހެނުންގެ ނިސްބަތްއުޅެނީ ފާހަގަކޮށްލެވޭ ވަރަށް ދަށުގައެވެ. އެގޮތުން 540 އިސް މަޤާމް އޮތް އިރު އޭގެތެރެއިން އަންހެނުން އަދާކުރަނީ އެންމެ 183 މަގާމެވެ. އެއީ އިސް މަގާމްތަކުގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައެވެ.

އާބާދީގެ ދެބައިކުޅަ އެއްބައި ހިއްސާ ކުރަނީ އަންހެނުން ކަމަށް ވީއިރު، އަންހެނުން ބާރުވެރި ކުރުވައި، ޤައުމުގެ ކުރިއެރުމުގައި ހުރިހާ ގޮތަކުންވެސް ބައިވެރިކުރުވުމަށް މިއީ އެންމެ އެކަށީގެންވާ އަދަދުތޯ ސުވާލުކޮށްލަން ޖެހެއެވެ. އަދި މިފަދަ ކަންކަމަށް އަންހެނުން ކުރިމަތިލާ މިންވަރު އިތުރުކޮށް، އެކަނބަލުންނަށް ހުރި ހުރަސްތައް ދެނެގަނެ، އެފަދަ ހުރަސްތައް ނައްތާލުމަށް ހުރިހާ ފެންވަރެއްގައިވެސް މަސައްކަތް ކުރަންޖެހެއެވެ.