ޚަބަރު

އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރަން އެންމެ ބޮޑު ހޭދައެއްކުރީ މިސަރުކާރުން: މާރިޔާ


ޤައުމީ ދިފާޢީ ބާރުގެ ޤާބިލްކަން އިތުރުކުރުމަށް ބޭނުންވާ ހަތިޔާރާއި އާލާތް ހޯދުމަށް ވޭތުވެދިޔަ 4 އަހަރާ ބައިގެ ތެރޭގައި ސަރުކާރުން ކުރެއްވި ހޭދައަކީ، މީގެ ކުރިން ދުވަހަކުވެސް ނުކުރާވަރުގެ ބޮޑު ހޭދައެއްކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސިފައިންގެ 131 ވަނަ އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ، ބާރުގަދަ ޤައުމުތަކުގެ ވާދަވެރިކަން އިންޑިއާ ކަނޑުގައި އިތުރުވަމުން ދިއުމުގެ ސަބަބުން، ސަރަޙައްދުގެ އިސްތިރާޖީ މާޙައުލުގެ ހަލަބޮލިކަން އިތުރުވެ، އެކަމުގެ އަސަރު ރާއްޖެއަށްވެސް ކުރަމުންއަންނަކަމަށެވެ. ކަނޑުމަގުން ހިންގާ ޑްރަގާއި އިންސާނީ ވަގުފާރިއާއި، ބޭރުގެ ބޯޓުފަހަރު ދިވެހި މަސްކަނޑުތަކުން ޤަވާޢިދާއި ޚިލާފަށް މަސްވެރިކަންކުރުން ފަދަ ޢަމަލުތައް ހުއްޓުވާ، ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަހައްދާއި ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ހިންގާ ނުކިއްސަރު ޢަމަލުތައް ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތް އިތުރުވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ހަރުކަށި ފިކުރު ފެތުރުމާއި، ޓެރަރިޒަމަށް ހިތްވަރުދިނުމާއި، ބޭރުގެ ހަނގުރާމަތަކަށް ދިވެހި ޒުވާނުން ޝައުޤުވެރި ކުރުވުން ހުއްޓުވުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަވާކަމަށާއި، މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވާ ކާރިސާތަކާއި، އަލިފާނުގެ ޙާދިސާތައްވެސް އިތުރުވަމުން އަންނަކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ އެއްގަމާއި ކަނޑުގައި، އަސްކަރީ އަދި މަދަނީ ދިފާޢުގެ ބޭނުންތަކަށް ޤައުމީ ދިފާޢީ ބާރު ޙަރަކާތްތެރިވާންޖެހޭ ޙާލަތުތަކާއި މިންވަރުވެސް އެތައްގުނައެއް އިތުރުވެފައިވާކަމަށް ވިދާޅުވެފައެވެ. އެހެންކަމުން، ސަލާމަތީ މަސްރަޙްގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ޙައްލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިގޮތުން ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތަކީ ސިފައިންގެ ޤާބިލްކަން އިތުރުކުރުމުގެ ގޮތުން، މުހިންމު އެކި ފަންނުތަކުން ޤައުމީ ދިފާޢީ ބާރުގެ އެކި ލެވެލްގެ މީހުންނަށް ތަޢުލީމާއި ތަމްރީންދީ، ސިފައިންގެ މީހާގެ ވިސްނުން ފުޅާކޮށް ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތް. ރައީސް ޞާލިޙް ސަރުކާރާ ޙަވާލުވެވަޑައިގެންނެވި ފަހުން، އެކި ރޭންކުތަކުން 990 އަށް ވުރެ ގިނަ ސިފައިން ރާއްޖެއިން ބޭރުން ތަމްރީނު ކުރެވިއްޖެ. ކުރިން ހަމައެކަނި ރާއްޖޭގައި ތަމްރީން ކުރަމުން އައި ފަޔަރފައިޓަރުން ރާއްޖެއިން ބޭރަށް ފޮނުވައިގެން މިހާރު މިދަނީ ތަމްރީން ކުރަމުން." ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރގެ ވާހަކަފުޅުގައި، ސިފައިންނަށް މިހާތަނަށް ފަހިކޮށްދެއްވި ތަމްރީން ފުރުޞަތުތަކުގެ ތަފްސީލް ހާމަކުރައްވަމުން ވިދާޅުވީ، ސަލާމަތީ މަސްރަހަށް އަންނަ ބަދަލުތަކާއި، ސިފައިންނާ ޙަވާލުކުރެވޭ ޒިންމާތައް އިތުރުވާ މިންވަރަށް ބަލައި، ޤައުމީ ދިފާޢީ ބާރުގެ ލަޝްކަރު މިއަހަރުގެ މިހާތަނަށް 15 އިންސައްތަ އިތުރުކުރައްވާފައިވާކަމަށެވެ.

އަސްކަރިއްޔާ ހަރުދަނާކުރުމަށް ކުރައްވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ، މިސަރުކާރު ވެރިކަމާ ޙަވާލުވިއިރު، އަޅާނުލެވި އޮތުމުގެ ސަބަބުން ކޯސްޓްގާޑުގެ ގިނަ އުޅަނދުތައް ގްރައުންޑުވެފައި އޮތްކަމަށެވެ. ނަމަވެސް، ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވި އިޤްތިޞާދީ ދަތި ޙާލަތުގައިވެސް، ކޯސްޓްގާޑް ގެ ގިނަ އުޅަނދުތައް އޮޕަރޭޝަނަލް ޙާލަތަށް ގެނެވުނުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އިންޑިއާގެ އެހީގައި ކޯސްޓްގާޑްގެ ފްލީޓަށް އުޅަނދުތައް އިތުރުކުރެވިފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރ ވަނީ ތަފާތު ލޮޖިސްޓިކް އުޅަނދުތަކާއި، މުޅިން އާ 8 ސީ އެމްބިއުލާންސް ޚިދުމަތަށް އިތުރުކުރެވުނުކަމަށްވެސް ވިދާޅުވެފައެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ ޤައުމީ ދިފާޢީ ބާރުގެ ޤާބިލްކަން އިތުރުކުރުމަށް ބޭނުންވާ ހަތިޔާރާއި އާލާތް ހޯދުމަށް މި ވޭތުވެދިޔަ 4 އަހަރާ ބައިގެ ތެރޭގައި ސަރުކާރުގެ ބަޖެޓުން ކުރެވުނު ހޭދައަކީ، މީގެ ކުރިން ދުވަހަކުވެސް ނުކުރާވަރުގެ ބޮޑު ހޭދައެއްކަމަށެވެ.

"ސްޕެޝަލް ޕްރޮޓެކްޝަން ނުވަތަ ބޮޑީގާޑް ޚިދުމަތަށް ބެލިކަމުގައިވިޔަސް، ތަމްރީނުގެ އިތުރުން، މި ޚިދުމަތް ފުރިހަމަކުރުމަށް ބޭނުންވާ ޒަމާނީ ވަޞީލަތްތައް ހޯދާދެވުނު. މިލިޓަރީ އިންޓެލިޖެންސްގެ ދާއިރާ ހަރުދަނާ ކުރުމަށްވެސް ގިނަ ފިޔަވަޅުތަކެއް މިދަނީ އަޅަމުން. ޤައުމީ ދިފާޢީ ބާރަށް ބޭނުންވާ ޢުމުރާނީ ތަރައްޤީ ގެނައުމަށާއި، އެކިބާވަތުގެ ޤާބިލްކަން އިތުރު ކުރުމަށާއި، ބޭނުންވާ ހަތިޔާރާއި އެހެނިހެން އާލާތް ހޯދުމުގައި، ރަޙުމަތްތެރި ޤައުމުތަކުން ގިނަ އެހީތަކެއްވަނީ ލިބިފައި." ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި މަލްޓިޕާޓީ ޑިމޮކްރެސީއެއްގައި، އޭރަކު ހުންނަ ވެރިއަކު ހިތްހަމަނުޖެހޭ އިރަށް، ޑިއު ޕްރޮސެސް އެއް ނެތި، ސިފައިން ވަޒީފާއިން ވަކިކޮށް އަދަބުތައް ދީ ހެދުމަކީ، އެމީހެއްގެ އަމިއްލަ ފުރާނައަށްވުރެ ޤައުމުގެ ސަލާމަތް އިސްކޮށް، ރައްޔިތުންގެ ފުރާނަ އާއި މުދާ ސަލާމަތްކުރުމަށް ހުވާކޮށްގެން ތިބޭ ބަޔަކާމެދު ވެވޭ ބޮޑު ބޭއިންސާފެއްކަމަށް ސިފަކުރެއްވިއެވެ. އެހެންކަމުން، ސިޔާސީ ނުފޫޒާއި ތަފާތުކުރުން ތަކުން އެއްކިބާވެ، ރޭވި ތަރުތީބު ކުރެވިފައިވާ، އަދި ޕްރޮސީޖަރަލް ފެއަރނެސް އާއި ނެޗުރަލް ޖަސްޓިސްގެ އުޞޫލުތަކަށް އިޙްތިރާމްކުރާ އަސްކަރީ ޢަދުލުގެ ނިޒާމެއް، ޤައުމީ ދިފާޢީ ބާރުގައި ތަޢާރަފްކުރެވި ހިނގާތާ މިހާރު 2 އަހަރު ވެއްޖެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރަކީ ރިޔާސީ އިންތިޚާބު އޮންނަ އަހަރުކަން ހާމަކުރައްވަމުން މިނިސްޓަރ ވަނީ، ސިފައިންނަކީ ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުން ޤާނޫނުން މަނާ ކުރެވިފައިވާ ބައެއްކަން ހަނދާންކޮށްދެއްވާފައެވެ. އެގޮތުން އެއްވެސް ސިފައިންގެ މީހަކު ސިޔާސީ އޮއިވަރުގައި ޖެހި، ސިޔާސީ ކަންކަމުގައި ބައިވެރި ނުވުމަށް މިނިސްޓަރ ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. މިނިސްޓަރ ވިދާޅުވީ، ސިޔާސީގޮތުން ވިސްނުން ތަފާތުވުމުން، ރައްޔިތުންގެ މަޖިލިސްގެ މެމްބަރުންގެ މަސައްކަތަށް ހުރަސް އެޅުމަށް ސިފައިން ބޭނުންކޮށް، މަޖިލިސްގެ ތަޅުމުންނާއި ފާރުތައްމަތިން ސިފައިންލައްވާ މަޖިލިސް މެމްބަރުން އުކުން މާޒީއަށް ގޮސްފައިވާކަމަށެވެ. ހިތްހަމަނުޖެހޭ ޙުކުމެއް ލިބުމުން ސިފައިން ބޭނުންކޮށްގެން ފަނޑިޔާރުން ހައްޔަރުކޮށް، ފަނޑިޔާރުންގެ ޤާނޫނީ ވާޖިބަށް ހުރަސްއަޅާ، ކޯޓުގެ ޙުރުމަތް ކެނޑުންވެސް މާޒީގެ ސޮފްހާތަކަށް ވަދެގެން ގޮސްފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޤައުމީ ސަލާމަތަކީ ސިޔާސީ ހަތިޔާރަކަށް ހަދާ، ސިފައިން ބޭނުންކޮށްގެން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ޤައުމުގައި ނާމާންކަން ފެތުރުންވެސް މާޒީވެ ހިނގައްޖެކަމަށާއި، އެހުރިހާ ކަމެއް މި ޙާޞިލުކުރެވެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޤާނޫނަށް ބޯލެނބުމަށް ދެއްވާ އަހަންމިއްޔަތުކަމުގެ ސަބަބުންކަމަށްވެސް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވިއެވެ.