ޚަބަރު

ޝަކުވާގެ މުއްދަތު ބުރާސްފަތި ދުވަހަށް ހަމަވާނެ، މިހާތަނަށް 80 ޝަކުވާ


އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވެވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ދާއިމީ ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިހަފްތާގެ ބުރާސްފަތި ދުވަހަށް ހަމަވާއިރު، މިހާތަނަށް 80 ޝަކުވާ ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބު ބޭއްވެވުމަށް ނިންމަވާފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެވެ. އަދި އިންތިޚާބުގެ 2 ވަނަ ބުރެއް ބާއްވަވަން ޖެހިއްޖެނަމަ ސެޕްޓެމްބަރު 30 ގައި 2 ވަނަ ބުރުގެ ވޯޓުލުން ބޭއްވެވުމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން މިމަހުގެ 11 ވަނަ ދުވަހު އާއްމުކުރެއްވި ދާއިމީ ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދެއްވާފައެވެ. ލިސްޓަށް މިހާތަނަށް 80 ޝަކުވާ ވަނީ ހުށަހަޅާފައެވެ.

ވޯޓާސް ލިސްޓަށް ހުށަހެޅި ޝަކުވާތައް:

• މަރުވެފައިވާ މީހުންގެ ނަން އޮތުމުން 59 ޝަކުވާ
• އެޑްރެސް ބަދަލުވެފައިވާތީ 14 ޝަކުވާ
• ލިސްޓުގައި ނަން ނެތުމުން 1 ޝަކުވާ
• އައިޑީކާޑު ބަދަލުވެގެން 1 ޝަކުވާ
• ދާއިރާ ބަދަލުވެގެން 3 ޝަކުވާ
• ނަން ބަދަލުވެގެން 2 ޝަކުވާ

އިލެކްޝަންސް ކޮމިޝަނުން ޢާންމުކުރެއްވި ލިސްޓަށް ހުށަހެޅުނު އިދާރީ ޝަކުވާތަކަށްފަހު، ވޯޓަރސް ލިސްޓުން އުނިކުރެއްވި ނަންތަކާއެކު މިހާރު ވޯޓު ދިނުމުގެ ޙައްޤު ލިބެނީ 282،672 މީހުންނަށެވެ. ނަމަވެސް ދާއިމީ ލިސްޓަށް ހުށަހެޅޭ ޝަކުވާތައް ބެއްލެވުމަށްފަހު ލިސްޓަށް އަދިވެސް ބަދަލުތަކެއް އަންނާނެއެވެ.

ވޯޓާސް ލިސްޓުގައި ނަން އޮތްތޯ ބަލާނެ ގޮތް:

ވޯޓުލާ މީހުންގެ ލިސްޓުގައި ނަން އޮތްތޯ ނުވަތަ ނަން އޮތީ ރަނގަޅަށްތޯ ޗެކް ކޮށްލުމަކީ، ވޯޓުލާ މީހުންގެ ޞައްޙަ ލިސްޓެއް ތައްޔާރުކުރުމަށްޓަކައި، ޕާޓީތަކުންނާއި، ކެނޑިޑޭޓުންނާއި، ފަރުދީގޮތުން ވެސް ކުރުން މުހިންމު ކަމެކެވެ. ލިސްޓުގައި ނަން އޮތްތޯ ބެލުމަށް 1414 އަށް ގުޅައިގެން ނުވަތަ އެސް.އެމް.އެސްއެއް ފޮނުއްވައިގެން ވެސް ޗެކް ކޮށްލެވޭނެއެވެ.

މި ލިސްޓު އިލެކްޝަންސްގެ ވެބްސައިޓުންނާއި، ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކުގެ އިދާރާއިން ވެސް ބެލޭނެއެވެ. ލިސްޓުގައި ނަން އޮތްތޯ ބަލަން އެސްއެމް ފޮނުވާނީ VR (space) ID number ޖެހުމަށްފަހު 1414 އަށެވެ.

ރީ-ރަޖިސްޓްރީ އަށް ފަސޭހަ ގޮތްތަކެއް:

މިއަހަރު ބާއްވަވާ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާ މީހުންނަށް އޮންލައިންކޮށް ރީ-ރަޖިސްޓްރީކުރެވޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސަވައި، ރިޔާސީ އިންތިޚާބުގެ ޤަވާޢިދު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ޢާންމުކުރައްވާފައެވެ.

އެގޮތުން އަންނަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 5 ވަނަ ދުވަހާ ހަމައަށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުއްވާލެއްވުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބަކީ އެންމެ ގިނަ ޢަދަދަކަށް ވޯޓު ފޮށި ބަހައްޓާނެ އިންތިޚާބެވެ. މިއަހަރުގެ ރިޔާސީ އިންތިޚާބުގައި 600 އަށްވުރެ ގިނަ ވޯޓުފޮށި ބެހެއްޓުމަށް ވަނީ ނިންމަވާފައެވެ. މިއީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ އަޅާބަލާއިރު 128 ފޮށީގެ އިތުރުވުމެވެ. 2018 ވަނަ އަހަރުގެ އިންތިޚާބުގައި ބަހައްޓާފައިވަނީ 472 ފޮއްޓެވެ.