ކުޅިވަރު

މެލޭޝިޔާ މުބާރާތަކީ ފައިނަލްގައި ވާދަކުރެވޭނެ މުބާރާތެއް -މެނޭޖަރ


ކުރިއަށް ސެންޓްރަލް ޒޯން ވޮލީ މުބާރާތް އޮއްވާ މެލޭޝިޔަން އިންވިޓޭޝަނަލް ވޮލީ މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށް ޤައުމީ ވޮލީޓީމްގެ މެނޭޖަރ އަލީ ލަތީފް ބުނެފިއެވެ. 

ނިމިގެންދިޔަ މެލޭޝިޔަން އިންވިޓޭޝަނަލް ވޮލީ މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބިފައިވަނީ މެލޭޝިޔާގެ އެއްވަނަ ޓީމާ ވާދަކޮށް ސީދާ ތިން ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. ގައުމީ ޓީމްގެ މެނޭޖަރ އަލީ ލަތީފް ބުނީ މިއީ ފައިނަލްގައި ވާދަކުރެވޭ ފެންވަރުގެ މުބާރާތެއްކަމަށެވެ. ނަމަވެސް މިޓީމްތަކުގެ އަސްލު ފެންވަރު އެނގުނީ ޓީމްތަކުގެ ކުޅުން ފެނުމުންކަމަށް ލަތީފް ބުންޏެވެ.  މިފަހަރުގެ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ރަން މެޑަލްއަކަށް ގައުމީ ފިރިހެން ވޮލީ ޓީމް ވަނީ އަމާޒް ކަނޑައަޅާފައެވެ. އެމުބާރާތުގެ ކުރިން މެލޭޝިޔާގައި ކުރިއަށްދިޔަ މުބާރާތުން ވަރަށް ވާދަވެރި މެޗުތަކެއް ލިބި، ހުރިހާ ކުޅުންތެރިންނަށްވެސް އިތުރު ތަޖުރިބާތަކެއް ލިބިފައިވާކަމަށް އަލީ ލަތީފް ބުންޏެވެ. މިމުބާރާތުގައި ރާއްޖޭގެ ޓީމް އައީ މެޗަކަށްވުރެ މެޗެއް ރަނގަޅު ކުރަމުންކަމަށާއި، އެކަން އެންމެ ރަނގަޅަށް އެނގިގެން ގޮސްފައިވަނީ ތިންވަނަ ހޮވި މެޗްގައި މެލޭޝިޔާ ޓީމް ސީދާ ތިން ސެޓުން ބަލިކުރުމުންކަމަށްވެސް ލަތީފް ބުންޏެވެ.

"މިމުބާރާތަކީ އަސްލު ރާއްޖެއަށް ފައިނަލްގައިވެސް ވާދަކުރެވޭ ވަރުގެ މުބާާރާތެއް. ތައިލެންޑް ޓީމް ފިޔަވާ އެހެން ހުރިހާ ޓީމްތަކެއްވެސް ރާއްޖެއަށް ވާދަކުރެވޭނެ. އެކަން އެންމެ ރަނގަޅަށް އެނގެނީ މެލޭޝިޔާގެ ގައުމީ ޓީމްގެ އެންމެ ގިނަ ކުޅުންތެރިން ހިމެނޭ ޓީމް އަތުން، ތިންވަނަ ހޮވި މެޗްގައި ސީދާ 3 ސެޓުން މޮޅުވުމުން. ވަރަށް ރަނގަޅަށް ރާއްޖޭގެ ފެންވަރު އެނގިގެންދިޔަ. އަސްލު ކުރިން މުބާރާތުގެ ފެންވަރު އެގުނުނަމަ، ފައިނަލްގައި ކުޅެވޭނެ."

ގައުމީ ޓީމްގެ ކުޅުންތެރިން ބުނީ މެލޭޝިޔާ އިންވިޓޭޝަނަލް ވޮލީ މުބާރާތަށްވުރެ ސެންޓްރަލް ޒޯން ވޮލީ މުބާރާތް ވަރުގަދަ ވާނެކަމަށެވެ. މެލޭޝިޔާ މުބާރާތުގެ ޗެންޕިއަންކަން ހޯދި ތައިލެންޑްގެ ޓީމަކީ ތަފާތު ޓީމެއްކަމަށެވެ. ނަމަވެސް އެމެޗުގައިވެސް ރާއްޖޭގެ ޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަކަމަށް ގަބޫލް ކުރާކަމަށްވެސް ގައުމީ ޓީމްގެ ކުޅުންތެރިން ބުންޏެވެ.