މިއަހަރު ރާއްޖެއިން ޙައްޖަށްދާ އެންމެ ފަހު ގްރޫޕް މިއަދު ފުރައިފިއެވެ.
މިއަދު ފުރީ ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޙައްޖަށްދާ 288 މީހުންނެވެ. މިގުރޫޕް ފުރުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ އެގުރޫޕުގެ މީހުންނާއި ބައްދަލުކުރައްވާފައެވެ.
ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ލިބިފައިވާ 1000 ކޯޓާގެ ދަށުން އެކި ދުވަސްމަތިން މިހާރުވަނީ ޙައްޖަށް ދާ ގްރޫޕްތައް ސަޢުދީއަށް ގޮސްފައެވެ. ހައްޖަށްދާ ފަހު ގުރޫޕުގެ ފުރުމުގެ ކުރިން އެމީހުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްަދު ޞާލިހްވަނީ ޙައްޖާޖީންގެ ޙާލު އޮޅުންފިލުއްވާފައެވެ. އަދި އެމަނިކުފާނުގެ ހެޔޮދުޢާ ޙައްޖާޖީންނާއި އެކުގައިވާ ކަމަށް ވިދާޅުވެ، ޙައްޖުވެރިންނަށް މަބްރޫރު ޙައްޖަކަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރުވަނީ ރާއްޖެއިން ޙައްޖަށްދާ ފަރާތްތަކުގެ ކަންކަން އިންތިޒާމުކުރުމަށް ޙައްޖު މިޝަނުން ކުރައްވާ މަސައްކަތް ފާހަގަކުރައްވާފައެވެ. އަދި ޙައްޖުގެ ކަންކަން އިންތިޒާމުކުރެއްވުމަށް ސަރުކާރުގެ ކުންފުނިތަކުން ކުރެއްވީ ވަރަށް ފުރިހަމަ މަސައްކަތެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ރާއްޖެއިން ޙައްޖަށް މިއަހަރު ދިޔަ ފަރާތްތަކުގެ ކަންކަން ވަރަށް އަމާން އޮމާންކޮށް މިވަނީ ގޮސްފައި. ޙައްޖާޖީންގެ ފަރާތުންވެސް ލިބުނީ ވަރަށް ރަނގަޅު ފީޑްބެކެއް. ހުންނާނެ އެންމެ ރަނގަޅުކޮށް ނުދާ ބައެއް ކަންކަންވެސް އެކަމަކުވެސް އެއް އަހަރުން އަނެއް އަހަރަށް މަސައްކަތް މިދަނީ ފުރިހަމަކުރަމުން. ކުންފުނިތަކުން މިމަސައްކަތް ކުރެއްވީ ހަމަ ޤައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެން." އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖެއިން މިހާރު 855 މީހުން ހައްޖަށް ގޮސް މިހާރުވަނީ ފުރަތަމަ ޢުމްރާގެ ކަންކަން ނިންމާފައެވެ. ސަޢުދީގައި ތިބި ހުރިހާ ޙައްޖާޖީންގެ ޙާލު ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އެންމެ ފަހު ގްރޫޕް މިރޭ މެންދަމުގެ ވަގުތެއްގައި ޖިއްދާއަށް ދާނެކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.
މިއަހަރު އަމީރުލް ޙައްޖުގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ. މިއަހަރުގެ ޙައްޖު ދުވަހަކީ މިމަހުގެ 27 ވަނަ ދުވަހެވެ.