ޚަބަރު

އިތުބާރު ނެތް މީހުންގެ އިތުބާރެއް ނެތް، އިސްތިއުފާ ދެއްވާ: އަސްލަމް


ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުގެ ނައިބް ރައީސް އީވާ ޢަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުންގެ ބޮޑު ޢައުލަބިއްޔަތަކުން ވައްދާފައިވާއިރު، މެޖޯރިޓީގެ އިތުބާރު ނެތް ބޭފުޅުންތަކެއް މަޖިލީހުގެ ރިޔާސަތުގައި ތިއްބެވުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިންތިޚާބުތަކާއި ބެހޭ ޢާންމު ޤާނޫނަށް ހުށަހެޅުއްވި އިސްލާހަށް ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ޖާގަ ދެނީކީ އެއްގޮތަކަށްވެސް މަޖިލީހުގެ ގަވާއިދާއި އެއްގޮތަށް ދާތީ ނޫންކަމަށެވެ. އެއީ ކިރިޔާވެސް މަޖިލީހުގެ މަސައްކަތެއް ކުރެވޭނެ ޖާގަ އޮތްނަމަ އެޖާގައަކަށް އެމްޑީޕީން ހުރަސް ނޭޅުމަަށް ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލައެއް ހުށަހެޅި ނޯޓިސް ހަމަވެފައިވާއިރުވެސް އެމައްސަލަ ކުރިއަށް ނުގެންދިއުމަކީ ސީދާ މަޖިލީހުގެ ގަވާއިދާއި ޚިލާފަށް ހިންގާކަމުގެ ހެއްކެއް ކަމަށެވެ. މަޖިލީހުގެ ރިޔާސަތުގެ އިތުބާރު ނެތް މައްސަލަ ހުށަހެޅިފައި އޮވެ މުއްދަތު ހަމަވުމުން އެހެން މަސައްކަތްތައް ގެންދެވޭނީ އެމައްސަލަތައް ނިންމުމަށްފަހު ކަމަށް އަސްލަމް ވިދާޅުވިއެވެ.

"މަޖިލިސް ބާރުވެރިކަމުގައި ތަޅުއަޅުވައިގެން އޮތުމަކީ ބާރުވެރިކަމަކަށް ނުވާނެ. އިތުބާރު ނެތް މީހުންގެ އިތުބާރެއް ނެތް. އެއީ ސާފު މައްސަލައެއް. އިތުބާރު ނެތް މީހުންގެ އިތުބާރެއް ނެތް. މަޖިލީހުގެ ގަވާއިދަށް ބައްލަވާލެއްވުމެއް ނެތް. ޤާނޫނު އަސާސީއަށް ބައްލަވާ ލެއްވުމެއްނެތް. ޤާނޫނަކަށް ބައްލަވާލެއްވުމެއްނެތް." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވަނީ މިއަދުގެ ޖަލްސާގައި މަޖިލީހުގެ 241 ކޮމެޓީގެ މަސައްކަތްތައް ކުރިއަށް ނުދާތީވެސް ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. މަޖިލީހުގެ އެހެނިހެން ކޮމެޓީތައްވެސް ހުއްޓިފައި ބޭއްވުމަކީ މަޖިލީހުގެ ގަވާއިދާއި ސީދާ ޚިލާފަށް ކުރާކަމެއްކަމަށް އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުގެ 241 ކޮމެޓީއަކީ ދިމާވެދާނެ ކޮންމެ ހާލަތަކަށް އެކުލަވާލެވިފައި އޮންނަ މަސައްކަތް ކުރެވޭ ކޮމެޓީއަކަށް ވާންޖެހޭކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ކޮމެޓީގައި މިހާރުވެސް ކުރަންހުރި މަސައްކަތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ކަމަށް ބުނާ ސިޓީވެސް މަޖިލީހަށް ހޯދޭނީ ކޮމެޓީތައް އެކުލަވާލެވި ބައްދަލުވުމެއް ބޭއްވިގެން ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވަނީ މަޖިލީހުގެ ޖަލްސާތައް ގަވާއިދާއި ޚިލާފަށް ކުރިއަށް ނުގެންގޮސް ޤާނޫނީ އިމުގެ ތެރެއަށް ވެންނެވުމަށް މަޖިލީހުގެ ރިޔާސަތަށް ތަކުރާރުކޮށް ގޮވާލައްވާފައެވެ.