ޚަބަރު

މުހިންމު މަސައްކަތްތައް ނިމެންދެން ދައުރު ދަންމާލަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ހުށަހަޅުއްވައިފި


ރައްޔިތުންގެ މަޖިލީހުގައި ހުރި ރައްޔިތުންނާއި ގުޅުންހުރި މުހިންމު މަސައްކަތްތައް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ދަންމާލުމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން ހުށަހަޅުއްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ މިދައުރުގެ އެންމެ ފަހު ޖަލްސާ އޮންނާނީ މިހަފްތާގެ ބުދަ ދުވަހުއެވެ. އޭގެ ފަހުން މަޖިލިސް ޗުއްޓީއަށް ދިއުމަށްފަހު އެނބުރި އަންނާނީ ޖުލައި މަހުގެ 17 ގައެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަތަކާއިއެކު މަޖިލީހުގެ މަސައްކަތްތައް ހުއްޓި، މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާނުލެވި މަސައްކަތްތައް އޮތީ ހުއްޓިފައެވެ. މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ 12 މެމްބަރަކު އެޕާޓީން ވަކިވި ހިސާބުންވަނީ މަޖިލީހުގެ ކޮމެޓީތައް އެކުލަވާލުމާއި، ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލަތައް ކުރިއަށް ނުގެންދެވިފައެވެ. މަޖިލީހަށް ވަނީ ބަންޑާރަ ނައިބާއި، ޚާރިޖީ ވަޒީރާއި، މަޖިލީހުގެ ނައިބް ރައީސާއި، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ ހުށަހެޅިފައެވެ. މީގެ ތެރެއިން މަޖިލީހުގެ ރައީސް ފިޔަވައި ދެންތިއްބެވި ހުރިހާ ބޭފުޅުންގެ އިތުބާރު ނެތް މައްސަލަތަކުގެ ނޯޓިސްވަނީ ހަމަވެފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިހުގެ ދައުރު ދިގު ދަންމާލަން މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފްއެވެ. އޭނާގެ އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއުއެވެ.

ޝިފާއު ވިދާޅުވީ ރައްޔިތުންނާ ގުޅުން ހުރި ގިނަ މައްސަލަތައް ހުއްޓައި މަޖިލިސް ޗުއްޓީ އަށް ދިއުމަކީ ކުރަން ރަނގަޅު ކަމެއް ނޫން ކަމަށެވެ. މަޖިލީހަށް މުހިންމު ބިލްތަކާއި ކޮމިޓީ މަސައްކަތްތައް ހުށަހެޅިފައި އޮތް އިރު، ގައުމުތަކަށް ސަފީރުންނާއި އެކިއެކި މަގާމުތަކަށް މީހުން އައްޔަން ކުރުމުގެ ކަންކަން ވެސް މަޖިލީހުގައި ކުރަން ހުރިކަން ޝިފާއުގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގައި އޮތްއިރު، އެކަމާ މެދު ވެސް ގޮތެއް ނިންމަން ޖެހޭ ކަމަށް ޝިފާއު ވިދާޅުވިއެވެ.

"ޤާނޫނު އަސާސީގައި ސާފުކޮށް އެބައޮތް މަޖިލީހުގެ ރައީސް މިހާލަތުގައި އަމަލު ކުރަންޖެހޭ ގޮތް. އެއަކުން ރެކިގަނެގެން ނޫޅެވޭނެ. މަޖިލީހުގައި މުހިންމު މަސައްކަތްތަކެއް ހުއްޓައި ޗުއްޓީއަށް ދާންވާނީ މިމަސައްކަތް ނިންމާފައި." ޝިފާއު ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަދެއްކެވި ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވީ މަޖިލީހުގެ ދައުރު ދަންމާލަން ހުށަހަޅުއްވާފައިވާ މައްސަލައަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި އެކަމާ މެދުގައި ގޮތެއް ނިންމަން ޖެހޭ ކަމަށާއި ގޮތެއް ނުނިންމައިފިނަމަ، އެ ވާނީ މަޖިލީހުގެ ރިޔާސަތުން ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކުރާ މަސައްކަތެއްގެ ގޮތުގައި ވަނީ ސިފަ ކުރައްވާފައެވެ.

"އަޅުގަނޑުމެންނަށް މިފެންނަނީ މަޖިލީހުގެ ރައީސާއި، މަޖިލީހުގެ ނައިބް ރައީސްވެސް ވޯޓަށް ފިއްލަވައިގެން މިތާނގަ ވޯޓު ނެގުނަ ނުދޭންވެގެން އެއްބޭފުޅަކު އަނެއްބޭފުޅެއްގެ ހިމާޔަތުގައި މަޖިލީހުގެ އިމްތިޔާޒަށް އަރުއްވާ ވަޑައިގެން މަޖިލީހުގެ ގަވާއިދާއި ޚިލާފްވާތަން." ރޮޒޭނާ ވިދާޅުވިއެވެ.

މިމައްސަލާގައި މަޖިލީހުގައި ހިމެނޭ އިދިކޮޅު މެމްބަރުން ވަނީ މަޖިލީހުގައި ހަމަޖެހިފައިވާ އުސޫލުތަކާއި، ޚިލާފަށް ވަކި ބަޔަކު ބޭނުންވާ ގޮތަށް މަޖިލިސް ހިންގަން ޖާގަ ނުދެވޭނެކަމަށެވެ. އެބޭފުޅުން ތުހުމަތު ކުރައްވާ ގޮތުގައި މަޖިލީސް މިހާލަތަށް ގެންދިޔައީ ސަރުކާރުން ބޭނުންވެގެން އެމްޑީޕީގެ މެމްބަރުންނެވެ.

މަޖިލީހުގައި ރައްޔިތުންނާއި ގުޅުންހުރި ބިލްތަކުގެ ތެރޭގައި ކޮތަޅުން ޖީއެސްޓީ ނެގުމުގެ ބިލާއި، އިންޑަސްޓްރިއަލް ރިލޭޝަންސް އަދި އޮކިއުޕޭޝަނަލް ސޭފްޓީ ބިލް ހިމެނެއެވެ. މީގެ އިތުރުން ސަފީރުންނަށް ރުހުން ދިނުމާއި، އިލެކްޝަންސް ކޮމިޝަންގެ މެމްބަރެއްގެ ދައުރު ހަމަވާތީ މެމްބަރަކު އައްޔަން ކުރެއްވުމުގެ މައްސަލަވެސް އޮތީ ކޮމެޓީ މަރުހަލާގައެވެ. މިމަސައްކަތް ނުކޮށް މަޖިލިސް ޗުއްޓީއަށް ގޮސްފިނަމަ، މިއީ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު އިހުމާލެއްގެ ގޮތުގައި އެމްޑީޕީގެ މެމްބަރުން ވަނީ ފާހަގަ ކުރައްވާފައެވެ.