ޚަބަރު

ޔަހޫދީ ސިފައިން ޖިނީނަށް އަރައި ތިން މީހުން ޝަހީދުކޮށްލައިފި


ޔަހޫދީ އިސްރާޢީލުގެ ޖައްބާރު ސިފައިން ހުޅަނގު އައްސޭރީގެ ޖިނީނަށް ރެފިއުޖީ ކޭމްޕަށް ވަދެ ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ފަލަސްޠީނުގެ ތިން މީހުން ޝަހީދުކޮށްލައިފިއެވެ. ޔަހޫދީ ޓެރެރިސްޓު ސިފައިންގެ ލާއިންސާނީ އުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ތެރޭގައި ކުޑަކުއްޖެއް ހިމެނޭ ކަމުގައި ފަލަސްޠީނުގެ އޮފިޝަލުން ވިދާޅުވެއެވެ.

ޔަހޫދީ ޖައްބާރު ސިފައިން ޖިނީން ރެފިއުޖީ ކޭމްޕަށް ވަދެފައި ވަނީ ފަތިހުގެ ވަގުތުގައެވެ. އަދި، ފަލަސްޠީނުގެ މުސްލިމުންނަށް އަމާޒުކޮށް ބަޑިން ޙަމަލާދޭން ފަށާފައިވެއެވެ. އެ މީހުން ދަނީ ފަލަސްޠީނުގެ ކުށެއް ނެތް ޢާންމުންނަށް ޙަމަލާދޭން ބޮމާއި ނުރައްކާތެރި ވިކަ ކެމިކަލް ހަތިޔާރު ވެސް ބޭނުން ކުރަމުންނެވެ. މި ޢުދުވާނުގައި މިހާތަނަށް 29 މީހަކު ޒަޚަމުވެފައިވާ ކަމުގައި ވެސް ފަލަސްޠީނުގެ އޮފިޝަލުން ވިދާޅުވެއެވެ.

ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ ޔަހޫދީ ޖައްބާރު ސިފައިންގެ ޙަމަލާތަކުގައި މިހާތަނަށް ޝަހީދުކޮށްލާފައިވާ މީހުންގެ ތެރޭގައި 15 އަހަރުގެ އަޙްމަދު ސަޤްރު ހިމެނޭ ކަމުގައެވެ. ދެން ޝަހީދުކޮށްލާފައިވާ ދެ މީހުންނަކީ 19 އަހަރުގެ ޤައްސާމް ސާރިޔާއާއި 21 އަހަރުގެ ޚާލިދް ދަރްވިޝެވެ.

ޖިނީނަށް ވަނީ ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ މުޖާހިދުންގެ ޖަމާޢަތަކަށް ނިސްބަތްވާ ދެ މީހަކު ހައްޔަރު ކުރުމަށް ކަމުގައި ޔަހޫދީ ދަޢުލަތުގެ އަސްކަރިއްޔާއިން ބުންޏެވެ. އޭގެ ތެރެއިން އެކަކަކީ ޔަހޫދީ ސިފައިން ހައްޔަރު ކޮށްފައިވާ ހަމާސް ޖަމާޢަތުގެ އިސްވެރިއެއްގެ ދަރިފުޅެވެ.

ފަލަސްޠީނުގެ ބިންތަކަށް އަރައި ޔަހޫދީ އިސްރާޢީލުން މި އަހަރުގެ ތެރޭގައި ހިންގާފައިވާ ލާއިންސާނީ ގަތުލުއާންމުތަކުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 160 އަށްވުރެ މައްޗަށް އަރާފައެވެ. މީގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުށެއް ނެތް ކުޑަކުދިން ވެސް ހިމެނެއެވެ. އުމުރުން ދުވަސްވީ މީހުން ވެސް ހިމެނެއެވެ. ޝަހީދުކޮށްލާފައިވާ މީހުންގެ ތެރެއިން 30 އަށްވުރެ ގިނަ މީހުންނަކީ މޭ މަހުގެ ތެރޭގައި ޔަހޫދީ ޖައްބާރު ސިފައިން ޢައްޒާގައި ހިންގާފައިވާ ލާއިންސާނީ އުދުވާންތަކުގައި ޝަހީދުކޮށްލާފައިވާ މީހުންނެވެ.