ޚަބަރު

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދޭން ފާހެއްނުވި


ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، އެމް.ޑީ.ޕީން ވަކިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިސްކޮށް ތިއްބަވައިގެން އުފައްދަވަން މަސައްކަތްކުރައްވާ ދަ ޑިމޮކްރެޓިސް އުފެއްދުމުގެ ހުއްދަ އަދި ނުދޭން އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.

"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދެއްވާފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފަށެވެ. ޕާޓީ އުފެއްދުމަށް 3،600 މީހުންގެ ފޯމާއިއެކު އިލެކްޝަނަށް ހުށަހެޅީ މިމަހުގެ ފުރަތަމަ ދުވަހުއެެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމުތައް ވެރިފައި ކުރުމުގެ ހުރިހާ މަރުޙަލާއެއް ނުނިމެނީސް ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަދޭން ކޮމިޝަންގެ ޖަލްސާއިން ފާސްވެފައިނުވާ ކަމަށެވެ. ކޮމިޝަނުން ވިދާޅުވީ، ޕާޓީ ރަޖިސްޓަރީ ކުރުމާ އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުން އެއީ ދެ މަރުޙަލާއެއްގެ ދެ ކަމެއް ކަމުގައެވެ.

ކޮމިޝަންގެ ރައީސް ފުއާދު ތަޢުފީގް ވިދާޅުވީ، ދަ ޑިމޮކްރެޓްސް އުފެއްދުމަށް ހުއްދަ ދެއްވުމާއި ގުޅޭގޮތުން ބޭއްވި ޖަލްސާގައި ބައިވެރިިވި 4 މެމްބަރުންގެ ތެރެއިން 2 މެމްބަރުންނަށް ޕާޓީ އުފެއްދުމުގެ ހުއްދަ ދޭން ތާއީދު ކުރެވުނު ނަމަވެސް، 2 މެމްބަރަކު ބޭނުންވީ ފޯމުތައް އަދި ޗެކް ކުރުމަށް ކަމަށްވާތީ މިވަގުތަށް ހުއްދަ ދިނުން މަޑުޖައްސާލާފައިވަކަމަށެވެ.

ފުއާދު ވިދާޅުވީ، ކޮމިޝަންގެ ބައެއް މެމްބަރުން އޭނާ ހުންނެވީ ވަކި ބައެއް ނުފޫޒެއްގެ ތެރޭގައި ތުޙުމަތު ކުރައްވާކަމަށެވެ. ނަމަވެސް ފުއާދުވަނީ ކޮމިޝަންގެ ރައީސްގެ ޙައިސިއްޔަތުން މިހާތަނަށްވެސް އަދި ކުރިއަށް އޮތް ތާނގައިވެސް މަސައްކަތް ކުރައްވާނީ ވަރަށް މިނިވަން ކަމާއިއެކުގައި ކަމަށް ވިދާޅުވެފައެވެ.

ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާއިރު، އެޕާޓީއިން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކެނޑިޑޭޓަކު ނެރޭނެކަމަށް ވެސް ހާމަކޮށްފައެވެ.