ދުނިޔެ

ސޫރިޔާއަށް ދިން ވައިގެ ޙަމަލާތަކެއްގައި 12 މީހުން މަރުވެއްޖެ


ސޫރިޔާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ޢަމަލުކުރަމުން ގެންދަނިކޮށް އެޤައުމުގެ ހުޅަނގު އުތުރުގެ ބާޒާރަކަށް ދިން ވައިގެ ޙަމަލާތަކެއްގައި 12 މީހުން މަރުވެ، އިތުރު ބަޔަކު ޒަޚަމްވެއްޖެއެވެ. މިޙަމަލާތައް ދިން ސަރަޙައްދަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ޝާމިލްނުވާ ޓެރަރިސްޓް ޖަމާޢަތެއް ކަމަށްވާ ޖަބްހަތުއްނުސްރާގެ ހަނގުރާމަވެރިން ޙަރަކާތްތެރިވާ ސަރަޙައްދެއްކަމަށް ޚަބަރުތައް ބުނެއެވެ.

ސޫރިޔާގައި ވައިގެ ޙަމަލާތައް ދެމުން ގެންދަނީ އެޤައުމުގެ ސިފައިންނާއި ރަޝިޔާގެ އިތުރުން އެމެރިކާއާއި އެމެރިކާ އިސްވެ އޮވެގެން އައިއެސްއާ ދެކޮޅަށް އުފައްދާފައިވާ ކޯލިޝަންގައި ހިމެނޭ ވިލާތުގެ ބައެއް ގައުމުތަކުންނެވެ. އެހެންކަމުން ސޫރިޔާގެ ހުޅަނގު އުތުރުގެ ރަށެއްކަމަށްވާ އިދްލިބްގެ ތެޔޮވިއްކާ ބާޒާރަކަށް ހޯމަދުވަހު ދިން ވައިގެ ޙަމަލާތަކުގެ ފަހަތުގައިވާނީ މިއިން ކޮންމެވެސް ފަރާތެއްކަމަށް ވަނީ ބެލެވިފައެވެ. ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުގެ ލީޑަރެއްކަމަށްވާ ރިޔާޒް ޙިޖާބް ވަނީ މިކަން ގަތްލުއާންމެއް ކަމަށް ސިފަކުރައްވާފައެވެ. އޭނާ ވިދާޅުވީ ވައިގެ މަގުންދިން އެޙަމަލާތަކުގައި 12 މީހުންނަށްވުރެ ގިނައިން މަރުވިކަމަށާ އަދި ޒަޚަމްވި މީހުންގެ ތެރޭގައިވެސް ގިނައީ ފުރާނައަށް ނުރައްކާވާ ހާލަތުގައިވާ މީހުންކަމަށެވެ.

އެހެންކަމުން އެޙަމަލާތަކުގައި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑުތަން އިތުރުވެގެންދާނެ ކަމަށް ހިޖާބް ވިދާޅުވިއެވެ. އިދްލިބްގެ ތެޔޮ ބާޒާރަށް ދިން ވައިގެ ޙަމަލާތަކާ ބެހޭގޮތުން ސޫރިޔާ ސަރުކާރުން އެއްޗެއް ބުނެފައެއް ނުވެއެވެ. އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ސޫރިޔާގެ މުސްތަގިއްލު ޖަމާޢަތެއްކަމަށްވާ "ސީރިޔަން އޮބްޒަވޭޓްރީ ފޯ ހިޔުމަން ރައިޓްސް" އިން ބުނީ ސޫރިޔާގެ ހުޅަނގު އުތުރުގެ ސަރަޙައްދުތަކަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ޝާމިލްނުވާ ޖަމާޢަތެއް ކަމަށްވާ ޖަބްހަތުއްނުސްރާގެ ހަނގުރާމަވެރިން ހަރަކާތްތެރިވާ ސަރަޙައްދުތަކެއް ކަމަށާ އިދްލިބްގެ ޙަމަލާތަކަކީ އެޖަމާޢަތުގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް ދިން ޙަމަލާތަކަކަށް ވެދާނެކަމަށެވެ. ނަމަވެސް އެޙަމަލާތައް ދިނީ ކޮން ޤައުމަކުންކަން ސާފުވެފައެއްނުވެއެވެ. ސޫރިޔާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަމުން ގެންދާއިރު އެޤައުމުގެ ހުރިހާ ސަރަޙައްދުތަކަށްވެސް ވަނީ ހިމޭންކަން ވެރިވެފައެވެ. އަދި ސަރުކާރު ސިފައިންނާއި އިދިކޮޅު ހަނގުރާމަވެރިން މަދުމަދުން ބައެއް ފަހަރު ޙަމަލާތައް ބަދަލުކުރަމުން ގެންދިޔަނަމަވެސް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ރޫޅިގެން ގޮސްފައެއްނުވެއެވެ. އަދި މި އެއްބަސްވުމަށް އަމަލުކުރަން ފެށިފަހުން ސޫރިޔާގެ ހަނގުރާމައިގެ ޙަމަލާތައް ގާތްގަނޑަކަށް 70 އިންސައްތައަށް މަދުވެ އާންމުންނަށް މަގުތަކަށް ނުކުމެ އުޅެވޭވަރު ވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

އަނެއްކޮޅުން ސޫރިޔާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ޝާމިލްނުވާ ދެ ޖަމާޢަތް ކަމަށްވާ ޖަބްހަތުއްނުސްރާ ޖަމާއަތާއި ޖުންދުލްއަގްސާ ޖަމާއަތުންވަނީ ހަލަބްގެ ދެކުނުގެ ވިލެޖެއްކަމަށްވާ އަލްއީސްގައިވާ ސޫރިޔާ ސިފައިންނަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. "ސީރިޔަން އޮބްޒަވޭޓްރީ ފޯ ހިޔުމަން ރައިޓްސް" އިންވެސް ވަނީ މިޙަމަލާތައް ދިންކަން ކަށަވަރުކޮށްދީފައެވެ. އަދި ޖަބްހަތުއްނުސްރާ ޖަމާޢަތާއި ޖުންދުލްއަގްސާ ޖަމާއަތުގެ ހަނގުރާމަވެރިން ގުޅިގެންދިން މިޙަމަލާތަކުގައި އަލްއީސް ވިލެޖްގެ ބައެއް ބިންތައް ސޫރިޔާ ސިފައިންގެ އަތްދަށުން އަތުލައި އެ 2 ޖަމާޢަތުގެ ކޮންޓްރޯލްގެ ދަށަށްގެނަސްފައިވާ ކަމަށްވެސް "ސީރިޔަން އޮބްޒަވޭޓްރީ ފޯ ހިޔުމަން ރައިޓްސް" އިން ބުނެއެވެ.