ޚަބަރު

ރައީސް ނަޝީދު މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނާ މައްސަލައެއް


ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނާ މައްސަލައެއް މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން ހުށަހަޅުއްވައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެވެ. ޝަރީފް ހުށަހެޅުއްވި އިމްތިޔާޒުގެ މައްސަލައިގައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲގެ އިތުބާރު ނެތް މައްސަލައިގެ ނޯޓިސް ހަމަވުމަށްފަހު މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތީން އެންމެ އަވަހަށް ބާއްވާ ޖަލްސާގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން ވާނީ މަޖިލީހުގެ ރައީސްކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރިޔާސަތުގައި އިންނަވަން އިންކާރު ކުރައްވައި މަޖިލީހުގެ އިމްތިޔާޒަށް އަަރައިގެންފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލައިގެ މުއްދަތު ހަމަވެގެން ބޭއްވި ޖަލްސާގައިވެސް ރިޔާސަތާއި ހަވަލުވެވަޑައިނުގެން މަޖިލީހުގެ ރައީސް އިންނެވީ މަޖިލީހުގެ ކުޑަ ދަށުގައި ކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ މިއީ މުޅި މަޖިލީހުގެ ނިޒާމަށް އަރައިގަނެ މަޖިލީހުގެ އިމްތިޔާޒަށް އުނިކަން އަންނަ ޢަމަލެއްކަމަށެވެ.

މިމައްސަލަ މަޖިލީހުގައި ކުރިއަށް ގެންދެވުމުގައި މަޖިލީހުގެ ރައީސް ޢަމަލު ކުރައްވާފައިވަނީ ޤާނޫނު އަސާސީއާއި މަޖިލީހުގެ ގަވާއިދާއި ޚިލާފަށް ކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވަނީ މިމައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި މަޖިލީހުން ބަލައި ގަތުމަށް އެދިވަޑައިގެންފައެވެ.

އިމްތިޔާޒުގެ މައްސަލަ މަޖިލީހުގައި ބަހުސް ކުރުމަށް ނެގުނު ވޯޓު ފާސްވީ، 37 މެންބަރުންގެ ވޯޓުންނެވެ. އެ މައްސަލަ ބަލައިގަނެ، ބަހުސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 13 މެންބަރުންނެވެ.

މިމައްސަލައިގެ ބަހުސްގައި ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ގަވާއިދާއި ޚިލާފްވެ ވަޑައިގެން މަޖިލީހުގެ ޖަލްސާތައް ހުއްޓުވައި، ކޮމެޓީތައް ކުރިއަށް ނުގެންދެވޭނެހެން ކުރައްވާ މަސައްކަތްތަކަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި އިދިކޮޅު މެމްބަރުން ވަނީ މިއީ މަޖިލީހަށް ހުށަހެޅުއްވޭނެ މައްސަލައެއް ނޫންކަމަށް ވިދާޅުވެފައެވެ. މިމައްސަލައިގެ ބަހުސް ކުރެއްވުމަށް ދެއްވި ވަގުތުގައި މައްސަލައަށް ބަހުސް ކުރެއްވުމަށްވުރެ ބޮޑަށް ފެނިގެން ދިޔައީ ސިޔާސީ ބަހުގެ ހަމަލާތައް ބަދަލު ކުރެއްވިތަނެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، އިމްތިޔާޒާ ގުޅޭ މައްސަލައެއް މަޖިލީހަށް ހުށަހަޅުއްވައިފިނަމަ އެހެން ހުރިހާ މަސައްކަތަކަށް ވުރެ ކުރިން އިސްކަން ދޭން ޖެހެއެވެ. އެއާއި ގުޅޭ ގޮތުން ގޮތެއް ނުނިންމައި އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށް ގަވާއިދުގައި ވެއެވެ.