ޚަބަރު

ޤައުމީ ފޮތް ޑިސްޕްލޭ ހެދުމަށް މުބާރާތެއް ބާއްވަނީ


ދުނިޔޭގެ ފޮތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޤައުމީ ފޮތް ޑިސްޕްލޭ ހެދުމުގެ މުބާރާތެއް ބޭއްވުމަށް ޤައުމީ ކުތުބުޚާނާއިން ނިންމަވައިފިއެވެ.

ޤައުމީ ކުތުބުޚާނާއިން ވިދާޅުވީ މި މުބާރާތަކީ ރާއްޖޭގެ ހުރިހާ ލައިބްރަރީތަކަށް ހުޅުއްވާލައްވައިގެން ބާއްވަވާ މުބާރާތެއް ކަމަށާއި މާރޗް މަހު 31 އާ ހަމައަށް މި މުބާރާތައް ހުށައެޅޭ ހުރިހާ ފޮޓޯއެއް އެފަރާތުން ބަލައިގަންނަވަމުން ގެންދަވާކަމަށެވެ.

ޤައުމީ ކުތުބުޚާނާއިން ހާމަކުރެއްވިގޮތުގައި ފޮތް ޑިސްޕްލޭ މުބާރާތުގެ މަޤުޞަދަކީ ލައިބްރަރީ ޕްރޮމޯޝަންގެ ހުނަރު ކުރިއަރުއްވައި، ތަރައްޤީކުރައްވައި، ލައިބްރަރީގެ ދާއިރާއަކީ ޢާންމުންގެ މެދުގައި މަޤްބޫލު ދާއިރާއަކަށް ހެއްދެވުން ކަމަށެވެ. އަދި ލައިބްރަރީ ދާއިރާގެ ކުރިއެރުމުގައި ދިމާވެފައިވާ ގިނަގުނަ ހުރަސްތައް ގިރާކުރައްވައި މިހާރު ލިބިވަޑައިގެންފައިވާ ވަޞީލަތްތައް ބޭނުންކޮށްގެން ލައިބްރަރީ ބޭނުންކުރުމަށް ހިތްވަރުދެއްވުން ކަމަށް ޤައުމީ ކުތުބުޚާނާއިން ވިދާޅުވެއެވެ.

މިމުބާރާތުގައި ބައިވެރިވެވޭނީ މިހާރު ޚިދުމަތް ދެމުން ގެންދާ ލައިބްރަރީތަކަށެވެ. މީގެތެރޭގައި ސްކޫލް، ކޮލެޖް، ޔުނިވަރސިޓީ، ސްޕެޝަލް އަދި ޕަބްލިކް ލައިބްރަރީތައް ހިމެނެއެވެ.

މި މުބާރާތުގައި ބައިވެރިވާ ލައިބްރަރީތަކުގެ ތެރެއިން ވަނަވަނައަށް ހޮވޭ ފަރާތްތަކަށް އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ ފޮތުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގައެވެ. ދުނިޔޭގެ ފޮތުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކުވެސް ފާހަގަކުރަމުން އަންނަނީ އޭޕްރީލް މަހުގެ 23 ދުވަހެވެ.