ޚަބަރު

ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ސިޔާސީ ކަންކަމުގައި ބައިވެރި ނުވެވޭނެ: ޑީޖޭއޭ


ޝަރުއީ ދާއިރާގެ މުވަޒިފުންނަށް ސިޔާސީ ކަންކަމުގައި ބައިވެރި ނުވެވޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން، ޑީ.ޖޭ.އޭ އިން ވިދާޅުވެއްޖެއެވެ.

ޝަރުއީ ދާއިރާގެ މުވައްޒަފުން އަލަށް އަމަލުކުރަން ފެށި ކޯޑް އޮފް ކޮންޑަކްޓްއާއެކު ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން ހުއްދަވެފައިވާ ކަމަށް ބުނެ ރިޕޯޓްކޮށްފައިވާތީ ޑީ.ޖޭ.އޭ އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ޝަރުއީ ދާއިރާގެ މުވައްޒަފުންނަކީ ސިޔާސީ ކަންކަމުން އެއްކިބާވެ ތިބެންޖެހޭ ބައެއް ކަމަށެވެ.

ޑީ.ޖޭ.އޭއިން ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމާއި ޕާޓީއެއްގެ އެތެރޭގެ އިންތިޚާބުތަކުގައި ވޯޓުލުމަކީ ޤަވާއިދުން އުވާލި ބާބުގައި މަނާކޮށްފައިވާ ކަމެއް ނޫންކަމުގައެވެ. ޝަރުއީ ދާއިރާގެ މުވައްޒަފުންގެ "އިމްޕާޝިއަލިޓީ" އާ ބެހޭ ގޮތުން ސުވާލު އުފެދިދާނެ އެއްވެސް ކަމެއް ކުރުން އައު ކޯޑް އޮފް ކޮންޑަކްޓުން މަނާވާނެ ކަމަށާއި އޭގެ ތެރޭގައި ސިޔާސީ ކަންކަމާއި އެ ނޫން ވެސް އިޖްތިމާއީ ހަރަކާތްތައް ހިމެނޭ ކަމަށް ޑީޖޭއޭ އިން ވިދާޅުވެއެވެ.

އައު ކޯޑް އޮފް ކޮންޑަކްޓުގެ މަޤްޞަދަކީ ޝަރުއީ ދާއިރާއަށް އާންމުން ކުރާ އިތުބާރާއި އިޙްތިރާމް ދެމެހެއްޓުން ކަމަށާއި، މިހާރު އަމަލުކުރަމުން އައި 2011 ވަނަ އަހަރުގެ ޤަވައިދުން ދިމާވާ އެތައް ކަމަކަށް ހައްލު ލިބިފައިވާ ކަމަށް ޑީ.ޖޭ.އޭ އިން ވިދާޅުވެއެވެ.

ޑީ.ޖޭ.އޭ އިން ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމާއި ޕާޓީގެ އިންތިޚާބުތަކުގައި ވޯޓުލުމާއި، ތިމާގެ މީހަކު ވޯޓުލާ މަރުކަޒަށް ގެންދިއުމަކީ އެއްވެސް އިރެއްގައި ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް މަނާ ކަމެއް ނޫން ކަމަށެވެ.