ދުނިޔޭގެ ވިޔަފާރި

ޗައިނާއިން އެޅި ފިޔަވަޅުން އާމްދަނީއަށް އަސަރުކުރާނެ: މައިކްރޯން


މެމޮރީ ޗިޕް އުފައްދާ އެމެރިކާގެ އެންމެ ބޮޑު ކުންފުނި، މައިކްރޯން ޓެކްނޮލޮޖީގެ އުފެއްދުންތައް ޗައިނާއިން މަނާކުރުމުން ކުންފުންޏަށް ލިބޭ އާމްދަނީއަށް ވަރަށް ބޮޑަށް އަސަރުކުރާނެކަމަށް މައިކްރޯން ކުންފުނިން ބުނެފިއެވެ.

ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ބުނެ، މައިކްރޯން ކުންފުނީގެ އުފެއްދުންތައް މަނާކުރަން ޗައިނާއިން ނިންމީ މިދިޔަމަހުއެވެ. ޗައިނާއިން މައިކްރޯން ކުންފުނީގެ އުފެއްދުންތައް މަނާކުރަން ނިންމުމުން މިހާރުވެސް އެ ކުންފުނީގެ ހިއްސާ 2 އިންސައްތަ ދަށްވެފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

މައިކްރޯން ކުންފުންޏާއި ހަވާލާދީ ޚަބަރުތައް ބުނާގޮތުން ޗައިނާގެ ކުންފުނިތަކުން ލިބޭ އާމްދަނީގެ ދެބައިކުޅަ އެއްބަޔަށް މިކަމުގެ ސަބަބުން އަސަރުކުރާނެކަމަށެވެ. ޗައިނާ އާއި ހޮންކޮންގްގެ ކުންފުނިތަކުން ލިބޭ އާމްދަނީއަކީ ޑިސްޓްރިބިއުޓަރުން މެދުވެރިކޮށް ސީދަ އަދި ނުސީދާކޮށް ކުރާ ވިޔަފާރިން ލިބޭ އާމްދަނީއެވެ. އަދި މިއީ ކުންފުނީގެ ޖުމްލަ އާމްދަނީގެ ހަތަރުބައި ކުޅަ އެއްބައެވެ.

ޗައިނާގައި ހިންގާ އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތަކުގައި މައިކްރޯން ކުންފުނީގެ އުފެއްދުންތައް ބޭނުންކުރުން މަނާކުރަން ޗައިނާގެ ސައިބަރ ސްޕޭސް ރެގިއުލޭޓްކުރާ އިދާރާއިން ނިންމީ މައިކްރޯން ކުންފުނިން ފޯރުކޮށްދޭ މެމޮރީ ޗިޕްތަކުގެ ސަބަބުން އެ ގައުމުގެ ނެޓްވޯކްތަކުގެ ސެކިއުރިޓީއަށް ނުރައްކާ އެބައޮތެވެ.

މެމޮރީ ޗިޕް އުފައްދާ ޗައިނާގެ ކުންފުނިތަކާއި ދެކޮޅަށް އެމެރިކާއިން މީގެކުރިން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު މިއީ މެމޮރީ ޗިޕް އުފައްދާ އެމެރިކާގެ ކުންފުންޏަކާއި ދެކޮޅަށް ޗައިނާއިން ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ. އެމެރިކާ ސަރުކާރުން ބުނީ މިއީ މެމޮރީ ޗިޕްގެ މާކެޓަށް ދަތިކުރުމަށް ޗައިނާއިން ކުރާކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދައްޗެއް ކުރިމަތިނުވާނެކަން ޔަގީންކުރަން މަސައްކަތް ކުރާނެކަމަށްވެސް އެމެރިކާގެ އޮފިޝަލުން މީގެކުރިން ވަނީ ބުނެފައެވެ.

ޗައިނާގެ ނިންމާ ގުޅިގެން އެކަން ދިރާސާކުރަމުން އަންނަކަމަށްވެސް މައިކްރޯން ކުންފުނިން މެއި މަހު ވަނީ ބުނެފައެވެ. އަދި މިކަމާއި ގުޅޭގޮތުން ޗައިނާގެ ކަމާއިބެހޭ ފަރާތްތަކާއި މަޝްވަރާކުރުމަށް ބޭނުންވާކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.