ދުނިޔޭގެ ވިޔަފާރި

އެކްސްޕޯޓް އިތުރުކުރަން ޕިލިޕީންސްއިން ފިޔަވަޅުތަކެއް


ކުރިއަށް އޮތް 6 އަހަރު ދުވަހުގެ ތެރޭގައި މުދަލާއި ޚިދުމަތް އެކްސްޕޯޓުކުރާ މިންވަރު ދެގުނަ އިތުރުކުރުމަށް ފިލިޕީންސްއިން އަމާޒުތަކެއް ކަނޑައަޅައިގެން މަސައްކަތް ހިފައިފިއެވެ.

ޚަބަރުތައް ބުނާގޮތުން ސަރުކާރާއި އަމިއްލަ ވިޔަފާރިތަކުން ގުޅިން އެކަށައަޅާފައިވާ އެކްސްޕޯޓު އިތުރުކުރުމުގެ ޕްލޭންގައި އެކްސްޕޯޓުކުރާ މިންވަރު 240.5 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރު ކުރުމަށް ވަނީ ކަނޑައަޅާފައެވެ.

އެކްސްޕޯޓްގެ މިންވަރު އިތުރުކުރުމަށް ނިންމާފައިވާ ވަނީ އިލެކްޓްރިކް ސަމާނާއި، އިންފޮރމޭޝަން ޓެކްނޮލޮޖީ، އައުޓުސޯސް ހިދުމަތް އަދި މިނަރަލްސް އެކްސްޕޯޓް އިތުރުކޮށްގެންކަމަށްވެސް ޚަބަރުތައް ބުނެއެވެ. މި އުފެއްދުންތަކާއި ޚިދުމަތްތައް އެކްސްޕޯޓުކުރާ މިންވަރު 2028 ވަނަ އަހަރާއި ހަމައަށްދާއިރު 12.5 އިންސައްތައިން 14 އިންސައްތައަށް އިތުރުވެގެންދާނެކަމަށް އެ ޤައުމުގެ ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.

ދުނިޔޭގެ އިޤްތިޞާދު ހީނަރުވުމާއި، ބައިނަލްއަޤްވާމީ ވިޔަފާރިތައް ލަސްވުމާއި، މާލީ އުޞޫލުތައް ހަރުކަށިވުމުގެ އިތުރުން އިމްޕޯޓް ކުރުމަށް އޮތް ހުރަސްތައް އަދި މޫސުމަށް އަންނަ ބަދަލުތައް ހިމެނޭ ގޮތަށް އިޤްތިޞާދަށް ހުރި ބައެއް ގޮންޖެހުންތައްވެސް މި ޕްލޭންގައި ވަނީ ފާހަގަކޮށްފައެވެ.

އެކްސްޕޯޓުކުރުމަށް ޕްލޭނެއް އެކުލަވާލާފައިވާއިރު، ރީޖަނަލް ކޮމްޕްރިހެންސިވް އިކޮނޮމިކް ޕާޓްނަރޝިޕް އެގްރީމަންޓް ފަދަ މުހިންމު ވިޔަފާރީގެ އެއްބަސްވުންތަކުގެ ބޭނުން ފުރިހަމައަށް ހިފައި، ބޭރު އަދި އެތެރޭގެ އިންވެސްޓްމަންޓްތައް އިތުރުކޮށް، އުފެއްދުމުގެ ޤާބިލުކަން ފުޅާކުރުމަކީ މިވަގުތަށް ފިލިޕީންސްއަށް ބޭނުންވާ މުހިންމު ކަންތައްތައްކަމަށް އެ ޤައުމުގެ ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.

ސަރުކާރުގެ ހިސާބުތަކާ ހަވާލާދީ ޚަބަރުތައް ބުނާގޮތުން އަވަށްޓެރި އެހެން ޤައުމުތަކުން 2021 ވަނަ އަހަރު އެކްސްޕޯޓުކުރި މިންވަރާއި އަޅާބަލާއިރު، ޕިލިޕީންސްއިން އެކްސްޕޯޓުކޮށްފައިވާ މިންވަރު މަދެވެ. އެގޮތުން ފިލިޕީންސްއިން އެކްސްޕޯޓުކޮށްފައި ވަނީ އިންޑޮނޭޝިއާ، ތައިލޭންޑް، މެލޭޝިއާ އަދި ވިއެޓްނާމުން އެކްސްޕޯޓުކޮށްފައިވާ މިންވަރާއި އަޅާބަލާއިރު ތިންބައިކުޅަ އެއްބައި މަދުންކަމަށް ހިސާބުތަކުން ދައްކައެވެ.