ދުނިޔޭގެ ވިޔަފާރި

މުދަލާއި ޚިދުމަތް އެކްސްޕޯޓުކުރުން އިތުރުކުރުމަށް ޕިލިޕީންސްއިން ފިޔަވަޅުތަކެއް


ކުރިއަށް އޮތް 6 އަހަރު ދުވަހުގެ ތެރޭގައި މުދަލާއި ޚިދުމަތް އެކްސްޕޯޓުކުރާ މިންވަރު ދެގުނަ އިތުރުކުރުމަށް ފިލިޕީންސްއިން އަމާޒު ހިފައިފިއެވެ.

ޚަބަރުތައް ބުނާގޮތުން ސަރުކާރާއި އަމިއްލަ ވިޔަފާރިތަކުން ގުޅިން އެކަށައަޅާފައިވާ އެކްސްޕޯޓު އިތުރުކުރުމުގެ ޕްލޭންގައި އެކްސްޕޯޓުކުރާ މިންވަރު 240.5 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރު ކުރުމަށް އެ ޤައުމުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެކްސްޕޯޓުކުރާ މިންވަރު އިތުރުކުރުމަށް ނިންމާފައިވާ ވަނީ އިލެކްޓްރިކް ސަމާނާއި، އިންފޮރމޭޝަން ޓެކްނޮލޮޖީ، އައުޓުސޯސް ހިދުމަތް އަދި މިނަރަލްސް އެކްސްޕޯޓުކޮށްގެންނެވެ. މި އުފެއްދުންތަކާއި ޚިދުމަތްތައް އެކްސްޕޯޓުކުރާ މިންވަރު 2023 ވަނަ އަހަރުން 2028 ގެ ނިޔަލަށް 12.5 އިންސައްތައިން 14 އިންސައްތައަށް އިތުރުކުރާނެ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

މީގެއިތުރުން މި ޕްލޭންގެ ދަށުން ބޭރުގެ އިންވެސްޓްމެންޓްތަކާއި، އުމްރާނީ ތަރައްޤީ، ހަކަތައަށް ކުރާ ހޭދަ ކުޑަކުރުމުގެ އިތުރުން ތަޢުލީމު ދިނުމުގައި ހަމަހަމަކަން ގެންގުޅުމަށް ގޮވާލުމަށްވެސް އަހަމިއްޔަތުކަން ދޭނެ ކަމަށް ޚަބަރުތައް ބުނެއެވެ.

ދުނިޔޭގެ އިޤްތިޞާދު ހީނަރުވުމާއި، ބައިނަލްއަޤްވާމީ ވިޔަފާރިތައް ލަސްވުމާއި، މާލީ އުޞޫލުތައް ހަރުކަށިވުމުގެ އިތުރުން އިމްޕޯޓް ކުރުމަށް އޮތް ހުރަސްތައް އަދި މޫސުމަށް އަންނަ ބަދަލުތައް ހިމެނޭ ގޮތަށް އިޤްތިޞާދަށް ހުރި ބައެއް ގޮންޖެހުންތައްވެސް މި ޕްލޭންގައި ފާހަގަކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

އެކްސްޕޯޓުކުރުމަށް ޕްލޭނެއް އެކުލަވާލާފައިވާއިރު، ރީޖަނަލް ކޮމްޕްރިހެންސިވް އިކޮނޮމިކް ޕާޓްނަރޝިޕް އެގްރީމަންޓް ފަދަ މުހިންމު ވިޔަފާރީގެ އެއްބަސްވުންތައް ފުރިހަމައަށް ބޭނުންކޮށް، ބޭރު އަދި އެތެރޭގެ އިންވެސްޓްމަންޓްތައް އިތުރުކޮށް، އުފެއްދުމުގެ ޤާބިލުކަން ފުޅާކުރުމަކީ މިވަގުތަށް ފިލިޕީންސްއަށް ބޭނުންވާ މުހިންމު ކަންތައްތައް ކަމަށް އެ ޤައުމުގެ ވިޔަފާރިއާބެހޭ ސެކްރެޓަރީ އަލްފްރެޑޯ ޕަސްކަލް މީގެކުރިން ވަނީ ވިދާޅުވެފައެވެ.  

ސަރުކާރުގެ ހިސާބުތަކާ ހަވާލާދީ ޚަބަރުތައް ބުނާގޮތުން އަވަށްޓެރި އެހެން ޤައުމުތަކުން 2021 ވަނަ އަހަރު އެކްސްޕޯޓުކުރި މިންވަރާއި އަޅާބަލާއިރު، ޕިލިޕީންސްއިން އެކްސްޕޯޓުކޮށްފައިވާ މިންވަރު މަދެވެ. އެގޮތުން ފިލިޕީންސްއިން އެކްސްޕޯޓުކޮށްފައި ވަނީ އިންޑޮނޭޝިއާ، ތައިލޭންޑް، މެލޭޝިއާ އަދި ވިއެޓްނާމުން އެކްސްޕޯޓުކޮށްފައިވާ މިންވަރާއި އަޅާބަލާއިރު ތިންބައިކުޅަ އެއްބައި މަދުން ކަމަށް ހިސާބުތަކުން ދައްކައެވެ.