ޚަބަރު

ސައިކޮލޮޖީ ޕްރޮފައިލް ހަދަން އެއްވެސް ޤައުމަކާ މަޝްވަރާއެއް ނުކުރަން: އެމްއެންޑީއެފް


ރާއްޖޭގެ ދިފާޢީ ބާރުގެ އެއްވެސް މުވައްޒަފެއްގެ ސައިކޮލޮޖިކަލް ޕްރޮފައިލްއެއް ހެދުމުގެ އެއްވެސް މަޝްވަރާއެއް އެއްވެސް ޤައުމަކާއެކު ކޮށްފައި ނުވާކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބައެއް ނޫސްތަކާ ޙަވާލާދީ ރާއްޖޭގެ ބައެއް މީޑިއާތަކުގައި ވަނީ އިންޑިއާގެ ގުޖުރާތުގައި ހުންނަ ޤައުމީ ފޮރެންސިކް ޔުނިވަރސިޓީ މެދުވެރިކޮށް ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ މުވައްޒަފުންގެ ސޮއިކޮލޮޖިކަލް ޕްރޮފައިލެއް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް ރިޕޯޓްކޮށްފައެވެ.

އިންޑިއާގެ ނޫސްތަކާ ޙަވާލާދީ ލިޔެފައިވާ ބައެއް އާރޓިކަލްތަކުގައި ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ބޭފުޅުންގެ ނަފްސާނީ ޕްރޮފައިލެއް ހެދުމަށް ވަނީ އެޔުނިވަރސީޓީއާ ޙަވާލުކުރައްވާފައެވެ. އަދި މިކަމުގައި ޕްލިގްރާފް މެޝިނުގެ ބޭނުންކޮށްގެންނާއި، އެނޫންވެސް ވަޞީލަތްތައް ބޭނުންކޮށްގެން ޓެސްޓްތައް ހަދާނެކަމަށް ބުނެފައިވެއެވެ.

މިކަން ދޮގު ކުރައްވައި، ޤައުމީ ސަލާމަތީ ބާރު ވިދާޅުވީ، އެއްވެސް ޤައުމެއްގެ އެއްވެސް އިދާރާއަކާވެސް އަދި އެއްވެސް ޔުނިވަރސިޓީއަކާ އެކުވެސް މިފަދަ އެއްވެސް މަޝްވަރާއެއް ކުރައްވައިިފައި ނުވާނެ ކަމަށެވެ. މިފަދަ ކަމެއް ކުރާނަމަ އެކަމުގެ މަޢުލޫމާތު ޙިއްޞާ ކުރާނެކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.