ޚަބަރު

ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް ސިޔާސީ ކަންކަމުގައި އުޅެވޭގޮތް ހަދައިފި


ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވެވޭ ގޮތަށް "ކޯޑް އޮފް ކޮންޑަކްޓް" ގައި ހިމަނައި ޢާންމުކުރައްވައިފިއެވެ.

ޝަރުޢީ ދާއިރާގައި 2011 ވަނަ އަހަރުން ފެށިގެން ޢަމަލު ކުރައްވަމުން އަންނަ މުވައްޒަފުންގެ ޤަވާއިދުގައި އެދާއިރާގެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން މަނާކުރާ ބާބެއް ވެއެވެ. މިގަވާއިދުގައި ވާގޮތުން ސިޔާސީ ޕާޓީއެއް ނުވަތަ ކެނޑިޑޭޓެއްގެ ކާމިޔާބީއާއި ކުރިއެރުމަށާއި، އަދި އެފަދަ ފަރާތްތަކުގެ ކުރިމަގަށް ހުރަސް އަޅާ ހުރިހާ ކަމަކުން ޝަރުއީ ދާއިރާގެ މުވައްޒަފުން އެއްކިބާ ވާންޖެހެއެވެ.

ހަމަ އެހެންމެ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ނަޒާހާތްތެރި ކަމާމެދު ސުވާލު އުފެއްދިދާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެކަށްވެސް ކަނޑައަޅާފައިވެއެވެ. މިކަންކަމުގެ ތެރެއިން ސިޔާސީ ޕާޓީތަކުގެ އެކި މަޤާމުތަކުގައި މަސައްކަތް ކުރުމާއި، ސިޔާސީ ފަރާތްތަކުން ކުރާ މަސައްކަތުގައި އެއްވެސް ވަރަކަށް ޝާމިލު ވުމަކީ މަނާކަމެކެވެ.

ގަވާއިދަށް ބަދަލު ގެނެސް މިދިޔަ ބްރާސްފަތި ދުވަހުން ފެށިގެން ޢަމަލު ކުރައްވަން ފެއްޓެވި އައު ގަވާއިދުން ވަނީ ސިޔާސީ ހަރަކާތްތަތަކުގައި މުވައްޒަފުން ބައިވެރިވުމާބެހޭ ބާބު އުވާލާފައެވެ. މިހާރު ކޯޑްއޮފް ކޮންޑަކްޓްގައި އެބައި ހިމަނާފައިވަނީ ޝަރުއީ ދާއިރާގެ މިނިވަންކަން ދެމެހެއްޓުމާއި އިތުބާރު ހިފެހެއްޓުން މާއްދާގެ ދަށުންނެވެ. މި މާއްދާގައި ޝަރުއީ ދައިރާގެ އިތުބާރަށް އުނިކަން އަތުވެދާނެ ފަދަ ކަންކަމުން ދުރުވާން ޖެހޭނެ ކަމަށާއި، އޭގެ ތެރޭގައި ސިޔާސީ ހަރަކާތްތައް ވެސް ހިމެނޭ ކަމަށް ބަޔާން ކުރައްވާފައިވެއެވެ.

ނަމަވެސް ސިޔާސީ ޕާޓީއެއް ނުވަތަ ސިޔާސީ ހަރަކާތެއް ހިންގާ ޖަމްޢިއްޔާއެއް ނުވަތަ ޖަމާއަތެއްގެ މެމްބަރަކަށް ވުމާއި، ޕާޓީއެއްގެ އެތެރޭގެ އިންތިޚާބެއްގައި ވޯޓުލުން ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް މަނާނޫންކަމަށް އައު ކޯޑް އޮފް ކޮންޑަކްޓްގައި ވަނީ ކަނޑައަޅާފައެވެ.

ޝަރުއީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ މުވައްޒަފުންނަކީ އެބޭފުޅުންގެ ނަޒާހަތްތެރިކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވާ އަދި ސިޔާސީ ކަންކަމުގައި މާބޮޑަށް ޝާމިލުވާ ބައެއް ނޫންކަން ފާހަގަކޮށްލެވެއެވެ. އެކި އިންތިޚާބުތަކުގައިވެސް އޮފިޝަލުންގެ ގޮތުގައިވެސް އެހެން އިދާރާތަކުގެ މުވައްޒަފުން ބައިވެރިވި ކަމުގައި ވީނަމަވެސް ކޯޓުތަކުގެ މުވައްޒަފުން އެއްވެސް ވަރަކަށް ހަރަކާތްތެރި ވެފައި ނުވާކަން ފާހަގަކޮށްލެވެއެވެ.