ޚަބަރު

ސިވިލް ސަރވިސްގައި އަންހެނުންގެ ނިސްބަތް އިތުރުކުރަނީ


ސިވިލް ސަރވިސް ވަޒީފާގެ ތެރޭގައި ހިމެނޭ އެގްޒެކެޓިވް ނުވަތަ އިސް މަޤާމްތަކުގައި އަންހެނުންގެ ނިސްބަތް އިތުރު ކުރުމަށް ބާރުއެޅުއްވުމަށް ކަމާގުޅޭ ޕޮލިސީއެއް އެކުލަވާލެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ސިވިލް ސަރވިސްގައި 540 އެގްޒެކެޓިވް މަޤާމް އޮތްއިރު، މީގެ ތެރެއިން އަންހެނުން ތިބީ 183 މަޤާމުގައެވެ. މިއީ، އެގްޒެކެޓިވް މަގާމްތަކުގެ 33 އިންސައްތައެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވީ، ކަންކަން ނިންމާ ފެންވަރުގެ އިސް މަޤާމްތަކަށް އަންހެނުން އައުމަށް އެއްވެސް ހުރަހެއް މިހާރު ނެތް ކަމަށެވެ. އަދި އެފަދަ މަޤާމްތަކަށް އަންހެނުން ގެނައުމަށް ބާރު އެޅުމުގެ ގޮތުން އެކޮމިޝަނުން ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ. މިހާރު ތައްޔާރު ކުރައްވަމުން ގެންދަވާ ޕޮލިސީއަކީ، މީގެ ތެރޭގައި ހިމެނޭ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ.

މި ޕޮލިސީގެ މަސައްކަތުގައި މިހާރު ކުރިއަށް ގެންދަވަނީ އެކި ޤައުމުތަކުގައި މިފަދަ ޕޮލިސީތައް އެކުލަވާލައި ޢަމަލުކުރާ ގޮތް ދިރާސާކުރުންކަމަށް ސިވިލް ސަރވިސް ކޮމިޝަނުން މަޢުލޫމާތުދެއްވައެވެ. މިހާރުވެސް އިސް މަޤާމްތަކުގައި އަންހެނުން އިތުރުކުރުމުގެ ގޮތުން ތަމްރީން ޕްރޮގްރާމްތައް އެކޮމިޝަނުން ހިންގަވާކަމަށް އެކޮމިޝަންގެ ޑިރެކްޓަރ ފާތުމަތު ޙަބީބާ ވިދާޅުވިއެވެ.

މި ޕޮލިސީ ތައްޔާރު ކުރައްވަނީ މި އަހަރު ޢަމަލުކުރަން ފެށި ސިވިލް ސަރވިސްގެ 2 ވަނަ ސްޓްރެޓީޖިކް ޕްލޭންގެ ދަށުންނެވެ. ފަސް ބައެއްގެ މައްޗަށް ބަހާލެވިފައިވާ މި ސްޓްރެޓީޖިކް ޕްލޭންގެ އެއްބައި ޚާއްސަކުރައްވާފައިވަނީ އަންހެނުން ބާރުވެރިކުރެއްވުމަށެވެ. މި ޕޮލިސީގެ މަސައްކަތް ނިންމަވައި އަންނަ އަހަރު ތަންފީޒުކުރައްވަން ފެށޭވަރުވާނެ ކަމަށް ސިވިސލް ސަރވިސް ކޮމިޝަނުން ވިދާޅުވެއެވެ.