ޚަބަރު

ދާއިމީ ވޯޓަރސް ލިސްޓަށް 40 ޝަކުވާ، ގިނައީ މަރުވެފައިވާ މީހުންގެ ނަން އޮތުމުގެ ޝަކުވާ


އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވެވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ދާއިމީ ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުއްވައިލެއްވި ފުރުޞަތުގައި މިހާތަނަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ މަރުވެފައިވާ މީހުންގެ ނަން ލިސްޓުގައި އޮތުމުގެ ޝަކުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިމަހުގެ 11 ވަނަ ދުވަހު އާއްމުކުރެއްވި ދާއިމީ ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދެއްވައިފައެވެ. ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރަތަމަ 6 ދުވަހުގެ ތެރޭގައި ވަނީ 40 ޝަކުވާއެއް ހުށަހަޅާފައެވެ.

ވޯޓާސް ލިސްޓަށް ހުށަހެޅި ޝަކުވާތައް:

• މަރުވެފައިވާ މީހުން ނަން އޮތުމުން 28 ޝަކުވާ
• އެޑްރެސް ބަދަލުވެފައިވާތީ 9 ޝަކުވާ
• ލިސްޓުގައި ނަން ނެތުމުން 1 ޝަކުވާ
• އައިޑީކާޑު ބަދަލުވެގެން 1 ޝަކުވާ
• ދާއިރާ ބަދަލުވެގެން 1 ޝަކުވާ

ލިސްޓަށް އެންމެ ގިނަ ޢަދަދަށް މިހާތަނަށް ޝަކުވާ ހުށަހަޅާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އެދުވަހު 20 ޝަކުވާއެއް ވަނީ ހުށަހަޅައިފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ޢާންމުކުރެއްވި ލިސްޓަށް ހުށަހެޅުނު އިދާރީ ޝަކުވާތަކަށްފަހު، ވޯޓަރސް ލިސްޓުގެ ޝަކުވާތަކަށް ހުޅައްވައިލެއްވި ލިސްޓުން އުނިކުރެއްވި ނަންތަކާއެކު މިހާރު ވޯޓު ދިނުމުގެ ޙައްޤު ލިބެނީ 282،672 މީހުންނަށެވެ. ނަމަވެސް ދާއިމީ ލިސްޓަށް ހުށަހެޅޭ ޝަކުވާތައް ބެއްލެވުމަށްފަހު ލިސްޓަށް އަދިވެސް ބަދަލުތަކެއް އަންނާނެއެވެ.

ވޯޓާސް ލިސްޓުގައި ނަން އޮތްތޯ ބަލާނެ ގޮތް:

ވޯޓުލާ މީހުންގެ ލިސްޓުގައި ނަން އޮތްތޯ ނުވަތަ ނަން އޮތީ ރަނގަޅަށްތޯ ޗެކް ކޮށްލުމަކީ، ވޯޓުލާ މީހުންގެ ޞައްޙަ ލިސްޓެއް ތައްޔާރުކުރުމަށްޓަކައި، ޕާޓީތަކުންނާއި، ކެނޑިޑޭޓުންނާއި، ފަރުދީގޮތުން ވެސް ކުރުން މުހިންމު ކަމެކެވެ. ލިސްޓުގައި ނަން އޮތްތޯ ބެލުމަށް 1414 އަށް ގުޅުއްވައިގެން ނުވަތަ އެސް.އެމް.އެސްއެއް ފޮނުއްވައިގެން ވެސް ޗެކް ކޮށްލެއްވޭނެއެވެ.

މި ލިސްޓު އިލެކްޝަންސްގެ ވެބްސައިޓުންނާއި، ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކުގެ އިދާރާއިން ވެސް ބެއްލެވޭނެއެވެ. ލިސްޓުގައި ނަން އޮތްތޯ ބަލަން އެސްއެމް ފޮނުވާނީ VR (space) ID number ޖެއްސެވުމަށްފަހު 1414 އަށެވެ.

ރީ-ރަޖިސްޓްރީ އަށް ފަސޭހަ ގޮތްތަކެއް:

މިއަހަރު ބާއްވަވާ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާ މީހުންނަށް އޮންލައިންކޮށް ރީ-ރަޖިސްޓްރީކުރެވޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސަވައި، ރިޔާސީ އިންތިޚާބުގެ ޤަވާޢިދު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ޢާންމުކުރައްވައިފައެވެ.

އަންނަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 5 ވަނަ ދުވަހާ ހަމައަށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުއްވައިލެއްވުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމައިފައެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބަކީ އެންމެ ގިނަ ޢަދަދަކަށް ވޯޓު ފޮށި ބަހައްޓާނެ އިންތިޚާބެވެ. މިއަހަރުގެ ރިޔާސީ އިންތިޚާބުގައި 600 އަށްވުރެ ގިނަ ވޯޓުފޮށި ބެހެއްޓުމަށް ވަނީ ނިންމަވާފައެވެ. މިއީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ އަޅާބަލާއިރު 128 ފޮށީގެ އިތުރުވުމެވެ. 2018 ވަނަ އަހަރުގެ އިންތިޚާބުގައި ބަހައްޓާފައިވަނީ 472 ފޮއްޓެވެ.

ރިޔާސީ އިންތިޚާބު ބޭއްވެވުމަށް ނިންމަވާފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެވެ. އަދި އިންތިޚާބުގެ 2 ވަނަ ބުރެއް ބާއްވަވަން ޖެހިއްޖެނަމަ ސެޕްޓެމްބަރު 30 ގައި 2 ވަނަ ބުރުގެ ވޯޓުލުން ބޭއްވެވުމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. ރިޔާސީ އިންތިޚާބުގެ މައި މަރުކަޒަކަށް ކަނޑައަޅާފައި ވަނީ ދަރުބާރުގެއެވެ.