ޚަބަރު

ބެލަރުސްއަށް ރަޝިޔާއިން ނިއުކްލިޔަރ ހަތިޔާރު ފޮނުވައިފި


ރަޝިޔާގެ ނިއުކްލިޔަރ ހަތިޔާރު ބެލަރުސްއަށް ފޮނުވާފައިވާ ކަން ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ކަށަވަރު ކޮށްދެއްވައިފިއެވެ. ބެލަރުސްއަކީ ޔޫކްރެއިނުގެ އުތުރުން އިރުމަތީ ވިލާތުގައި އޮންނަ ޤައުމެކެވެ. އެ ޤައުމަށް ރަޝިޔާގެ ނިއުކްލިޔަރ ހަތިޔާރު ފޮނުވާފައި މި ވަނީ ނޭޓޯއިން ޔޫކްރެއިނަށް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭތީ ކަމަށް ރަޝިޔާއިން ބުނެއެވެ.

"ރަޝިޔާގެ ނިއުކްލިޔަރ ހަތިޔާރުތަކުގެ ފުރަތަމަ ޝިޕްމަންޓް މިހާރު ވަނީ ބެލަރުސްއަށް ގެންގޮސްފައި. އަދި، މި އަހަރު ނިމުމުގެ ކުރިން ބެލަރުސްގައި ރަޝިޔާގެ ހަތިޔާރު ބެހެއްޓުމަށް ފަށާފައިވާ މަޝްރޫޢު ނިންމައިލެވޭނެ،" ސެންޓް ޕީޓަރސްބަރގްގައި ކުރިއަށްދާ އިޤުތިޞާދީ ފޯރަމެއްގައި ވާހަކަފުޅު ދައްކަވަމުން ޕުޓިން ވިދާޅުވިއެވެ. އެއް ޤައުމުގެ ނިއުކްލިޔަރ ހަތިޔާރު އެހެން ޤައުމެއްގެ އަސްކަރީ މަރުކަޒެއްގައި ބެހެއްޓުމަކީ އައު ކަމެއް ނޫން ކަމުގައި ޕުޓިން ދެކެވަޑައިގަންނަވައެވެ.

ބެލަރުސްއަށް ރަޝިޔާގެ "ޓެކްޓިކަލް" ނިއުކްލިޔަރ ހަތިޔާރު ފޮނުވަން ނިންމާފައިވާ ކަން ރަޝިޔާގެ ރައީސް ޕުޓިން ފުރަތަމަ އިޢުލާނު ކުރައްވާފައި ވަނީ މާރިޗު މަހުގެ 25 ވަނަ ދުވަހުއެވެ. އެމެރިކާގެ ނިއުކްލިޔަރ ހަތިޔާރު ވެސް ޖަރުމަނުވިލާތާއި، ބެލްޖިޔަމާއި، އިޓަލީވިލާތާއި، ނެދަލެންޑްސްގެ އިތުރުން ތުރުކީވިލާތުގެ އަސްކަރީ މަރުކަޒުތަކުގައި ބަހައްޓާފައިވާ ކަން ފާހަގަކުރައްވައި، ޕުޓިން ވިދާޅުވެފައި ވަނީ ރަޝިޔާއިން ބެލަރުސްއަށް ނިއުކްލިޔަރ ހަތިޔާރު ފޮނުވަނީ އެ ބީދައިން ކަމުގައެވެ.

2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާއިން ޔޫކްރެއިނަށް ސިފައިން ފޮނުވައިގެން ފެށި ހަނގުރާމައާ ގުޅިގެން ދުނިޔޭގައި ނިއުކްލިޔަރ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ އިތުރުވެފައެވެ. ނަމަވެސް، ރަޝިޔާއިން ޔޫކްރެއިނުގެ ސިފައިންނާ ދެކޮޅަށް ކުޑަ "ޓެކްޓިކަލް" ނިއުކްލިޔަރ ހަތިޔާރެއް ބޭނުންކޮށްފާނެ ކަމަށާއި، ރަށެއް ސުންނާފަތިކޮށްލާ ފަދަ ނުރައްކާތެރި އަދި ބޮޑު ނިއުކްލިޔަރ ބޮމެއް ގޮއްވައިލަން ރަޝިޔާއަށް ނުކެރޭނެ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.

ބެލަރުސްއަށް ނިއުކްލިޔަރ ހަތިޔާރު ފޮނުވަނީ "ނިއުކްލިޔަރ ބްލެކްމެއިލްކޮށް" ޔޫކްރެއިނަށް ބިރުދެއްކުމުގެ ބޭނުމުގައި ކަމަށް ޔޫކްރެއިނުން ބުނެއެވެ. އަދި، އެ ކަން ހުއްޓުވައިދިނުމަށް އެދި ޔޫކްރެއިނުން ވަނީ އ.ދ.ގެ ސަލާމަތީ މަޖިލީހަށް ގޮވައިލާފައެވެ. ބެލަރުސްގައި ރަޝިޔާގެ ނިއުކްލިޔަރ ހަތިޔާރު ބަހައްޓަން ބިނާކުރަމުންދާ އަސްކަރީ މަރުކަޒުގެ މަސައްކަތްތައް އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހުގެ ކުރިން ނިންމައިލެވޭނެ ކަމަށް ރަޝިޔާއިން ކުރިން ވަނީ ބުނެފައެވެ.