ދުނިޔޭގެ ވިޔަފާރި

އީ-ކޮމާރސް ވިޔަފާރި ކުރިއަރުވަން ޓިކްޓޮކުން ބޮޑު އިންވެސްޓެއް


އީ-ކޮމާރސް ވިޔަފާރި ކުރިއެރުވުމުގެ ގޮތުން ޗައިނާގެ ބައިޓް ޑާންސުން ހިންގާ ސޯޝަލް މީޑިއާ ޕްލެޓްފޯމު ޓިކްޓޮކުން ބޮޑު އިންވެސްޓްމެންޓެއް ކުރަން ނިންމައިފިއެވެ.

ޓިކްޓޮކުން އިންވެސްޓްކުރަން ނިންމީ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި ކަމަށް ހަބަރުތައް ބުނެއެވެ. ނަމަވެސް ކުރިއަށްއޮތް އަހަރުތަކުގައި އިންވެސްޓްކުރަން ނިންމާފައިވާ ޖުމްލަ އަދަދާއި ވަކި ޕްލޭނެއް ހާމަކޮށްފައެއްނުވެއެވެ.

630 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ދެކުނު އިރުމަތީ އޭޝިއާގެ ސަރަޙައްދަކީ ޓިކްޓޮކްގެ އެންމެ ބޮޑު މާކެޓެވެ. މި ސަރަޙައްދުން ކޮންމެ މަހަކު 325 މިލިއަނަށްވުރެ ގިނަ މީހުން ޓިކްޓޮކް ބޭނުންކުރާ ކަމަށް ޚަބަރުތައް ބުނެއެވެ.

ޓިކްޓޮކްގެ ސީއީއޯ ޝޯ ޒީ ޗޫއާ ހަވާލާދީ ޚަބަރުތައް ބުނާގޮތުން އިންޑޮނޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާގައި ބިލިއަނުން އިންވެސްޓްކުރަން ޓިކްޓޮކުން ވަނީ ނިންމާފައެވެ. އަދި އިންވެސްޓްކުރާނީ ޓްރެއިނިންގް، އިޝްތިހާރުކުރުން އަދި އެ ޕްލެޓްފޯމުގެ އީ ކޮމާރސް ވިޔަފާރި، ޓިކްޓޮކް ޝޮޕާ ގުޅެން ބޭނުންވާ ކުދި ވިޔަފާރިތަކަށް ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ނަމަވެސް އެ ސަރަޙައްދުގައި ބޭނުންކުރާ އެހެން ޕްލެޓްފޯމުތައް ކަމަށްވާ، ޝޮޕީ، އަލީބާބާގެ ލަޒާޑާ، ގޯޓޫސްގެ ޓޮކޮޕީޑިއާގެ ވާދަވެރިކަމުގެ ސަބަބުން އެ ސަރަޙައްދުން ބޮޑު އާމްދަނީއެއް ޓިކޮޓޮކަށް ލިބޭގޮތް އަދިވަނީ ނުވެފައެވެ.

ދެކުނު އިރުމަތީ އޭޝިއާގައި ޓިކްޓޮކްގެ 8000 މުވައްޒަފުން ތިބިއިރު، އެ ސަރަޙައްދުގެ އެންމެ ބޮޑު އިޤްތިޞާދު އޮންނަ އިންޑޮނޭޝިއާގައި ޓިކްޓޮކް ޕްލެޓްފޯމުގައި 2 މިލިއަން ކުދި ވިޔަފާރިވެރިން އެމީހުންގެ މުދާ ވިއްކައެވެ.

ކޮންސަލްޓެންސީ ކުންފުނި މޮމެންޓަމް ވޯކްސްއާ ހަވާލާދީ ޚަބަރުތައް ބުނާގޮތުން މި ސަރަޙައްދުގެ އީ-ކޮމާރސް ވިޔަފާރި މިދިޔަ އަހަރު ގާތްގަނޑަކަށް 100 ބިލިއަން އެމެރިކާ ޑޮލަރަށް ވަނީ އަރާފައެވެ. އޭގެތެރެއިން 52 ބިލިއަން އެމެރިކާ ޑޮލަރު އިންޑޮނޭޝިއާއަށް ވަނީ ލިބިފައެވެ.

ޓިކްޓޮކުން މީހުންގެ ޒާތީ މަޢުލޫމާތު ހާމަކޮށް، ޗައިނާ ސަރުކާރުގެ ޖާސޫސެއްގެ ގޮތުގައި މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށް ބައެއް ޤައުމުތަކުގައި ވަނީ އެ ބޭނުންކުރުން މަނާކޮށްފައެވެ. އެގޮތުން އިނގިރޭސިވިލާތް، ނިއުޒީލޭންޑް އަދި އެމެރިކާގެ ބައެއް ސްޓޭޓްތަކުގައިވެސް ޓިކްޓޮކް ބޭނުންކުރުން ވަނީ މަނާކޮށްފައެވެ.

ނަމަވެސް މި ތުހުހުމަތުތަކަށް ފެށުނީއްސުރެ ޓިކްޓޮކުން އަންނަނީ ދެކޮޅުހަދަމުންނެވެ.