ދުނިޔޭގެ ވިޔަފާރި

ސްރީލަންކާގެ އިޤްތިޞާދީ ދުވެއްޔަށް ފުރަތަމަ ކުއާޓަރުގައި މަޑުޖެހުމެއް


ސްރީލަންކާގެ އިޤްތިޞާދީ ދުވެލި މަޑުޖެހިއްޖެއެވެ. ޚަބަރުތައް ބުނާގޮތުން އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލަންކާގެ އިޤްތިޞާދީ ދުވެލި 11.5 އިންސައްތައަށް ވަނީ މަޑުޖެހިފައެވެ.

ލަންކާގެ ސެންސަސް އެންޑް ސްޓޭޓިސްޓިކް ޑިޕާޓްމަންޓާ ހަވާލާދީ ޚަބަރުތައް ބުނާގޮތުން އެ ޤައުމުގެ އިޤްތިޞާދީ ދުވެލި މަޑުޖެހިފައި ވަނީ އިންފްލޭޝަނާއި އިންޓަރެސްޓު ރޭޓުވެސް މަތިވެ، ތަކެތީގެ އަގު އުފުލުމުގެ އިތުރުން އެކްސްޕޯޓުން ލިބުނު އާމްދަނީ ދަށްވުމުންނެވެ.

މިދިޔަ އަހަރާ ބަލާއިރު ދަނޑުވެރިކަމުގެ ސިނާއަތް ކުރިއަރާފައި ވަނީ 0.8 އިންސައްތައަށެވެ. ސިނާއާތްތަކުގެ އުފެއްދުންތައް 23.4 އިންސައްތައަށް ދަށްވެފައިވާއިރު،ހިދުމަތްތައް 5 އިންސައްތައަށް ދަށްވެފައިވާކަމަށް އެ ޑިޕާޓްމަންޓުން ބުނެއެވެ.

ލަންކާގެ އިޤްތިޞާދީ ދުވެލި މަޑުޖެހިފައި މިވަނީ އެ ޤައުމުގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް، ޖީ.ޑީ.ޕީ މިއަހަރު 2 އިންސައްތައަށް ދަށްވާނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވަނިކޮށެވެ. އަދި ލަންކާގެ އިޤްތިޞާދީ ދުވެލި މިއަހަރު 3 އިންސައްތައަށް ދަށަށްދާނެ ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައި.އެމް.އެފް އިންވެސް ވަނީ ލަފާކޮށްފައެވެ.

މަރުކަޒީ ބޭންކުން މި މަހުގެ ކުރީކޮޅު އިންޓަރެސްޓް ރޭޓް 250 ބެސިސް ޕޮއިންޓް ދަށްކޮށްފައިވާއިރު، މިއީ ވޭތުވެދިޔަ 3 އަހަރު ތެރޭގައި ރޭޓު ދަށްކުރި ފުރަތަމަ ފަހަރެވެ.

ބޭރު ފައިސާގެ ރިޒާރވް ރެކޯޑު ޢަދަދަކަށް ދަށްވެ، ލަންކާގެ އިޤްތިޞާދީ ދުވެލި މިދިޔަ އަހަރު ވަނީ 7.8 އިންސައްތައަށް މަޑުޖެހިފައެވެ. މިއާއެކު 1948 ވަނަ އަހަރު އިނގިރޭސިން އަތުން މިނިވަންކަން ލިބުނު ފަހުން ލަންކާއަށް ކުރިމަތިނުވާ ފަދަ މާލީ ބޮޑު ކާރިސާއަކާ އެ ގޤައުމަށް ވަނީ ކުރިމަތިލާންޖެހިފައެވެ.

ނަމަވެސް މާލީ ދަތިކަމުން އަރަގައިގަނެ، އަނޑިއަޅާލާފައިވާ އިޤްތިޞާދު އާރާސްތުކުރެވޭނެ ކަމުގެ ކޮޅުމަތި މިހާރު ވަނީ ފެންނަން ފަށާފައެވެ. ދަތިކަމުން އަރައިގަތުމަށް ވޭތުވެދިޔަ 9 މަސް ދުވަހުގެ ތެރޭގައި އައި.އެމް.އެފް އިން ވަނީ 2.9 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނު އެހީ އެޤައުމަށް ފޯރުކޮށްދީފައެވެ.

ލޯނު އެހީ ފޯރުކޮށްދިން ނަމަވެސް އައި.އެމް.އެފް ގެ ރިވިއުއަށް ދަރަނި އަލުން އެކުލަވާލުމުގެ މަޝްވަރާތައް ސެޕްޓެމްބަރުމަހުގެ ނިޔަލަށް ލަންކާއިން ނިންމަންޖެހެއެވެ.