ޚަބަރު

ސްކޫލް ކުދިންގެ ލަވަ މުބާރާތް 8 އަހަރުގެ މެދުކެނޑުމަކަށްފަހު މިއަދު ފަށާނެ


ސްކޫލް ކުދިންގެ މެދުގައި ބާއްވާ ލަވަކިޔުމުގެ އެންމެ ބޮޑު އަދި އެންމެ ވާދަވެރި މުބާރާތްކަމަށްވާ "އިންޓަރ ސްކޫލް ލަވަ މުބާރާތް" މިއަދު ފަށާނެއެވެ. މި މުބާރާތް މި ގެނެސްދެނީ 8 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.

އިންޓަރ ސްކޫލް ލަވަ މުބާރާތަކީ ލަވައާއި މިއުޒިކްގެ ފަންނުން ކުރިއަށްދާން ބޭނުންވާ ކުދިންނަށް ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު އަދި އެންމެ ދުވަސްވީ މުބާރާތެވެ. މިއީ ރާއްޖޭގެ ވަކިން ޚާއްޞަކޮށް ސްކޫލްތަކުގެ މެދުގައި އެއް ދުވަސްވަރެއްގައި ބޭއްވުނު އެންމެ ވާދަވެރި އަދި އެންމެ ފޯރިގަދަ އެއް މުބާރާތްވެސްމެއެވެ. މި މުބާރާތުން ލަވަޔައާއި މިއުޒިކްގެ ފަންނަށް އަލިގަދަ އެތައް ތަރިންނެއް ވަނީ ނެރެދީފައެވެ.

8 އަހަރުގެ މެދުކެނޑުމަކަށްފަހު ސްކޫލް ކުދިންގެ ލަވަ މުބާރާތް އަލުން ފަށާފައިވާއިރު، މިފަހަރުގެ މުބާރާތުގައި 267 ބައިވެރިން ވާދަކުރާނެއެވެ. މިއަހަރުގެ ސްކޫލް ކުދިންގެ ލަވަ މުބާރާތުގައި މާލެއާއި އަތޮޅުތަކުގެ ސްކޫލްތައް ހިމެނޭހެން 32 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ.

މިއަހަރުގެ މުބާރާތް ކުރިއަށްދާނީ 6 އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 6 އަހަރުން ދަށް، 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާއެވެ.

މުބާރާތުގައި ވާދަކުރާ ސްކޫލް ކުދިންގެ ހުށަހެޅުންތައް މިއަދުން ފެށިގެން މިމަހުގެ 20 އާއި ހަމައަށް ކޮންމެ ދުވަހަކުވެސް ދެ ދަންފަޅިއަކަށް ބަހާލައިގެން ޕީ.އެސް.އެމްގެ ޔެސް ޓީވީއިން ގެނެސްދޭނެއެވެ.

އެގޮތުން ހަވީރު ދަންފަޅީގެ ހުށަހެޅުންތައް ހަވީރު 4 އިން 6 އަކަށް އަދި ރޭގަނޑު ދަންފަޅީގެ ހުށަހެޅުންތައް 8 އިން 11 އަށް ގެނެސްދޭނެއެވެ. އަދި މުބާރާތުގެ ފައިނަލް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވާ ހޮނިހިރު ދުވަހުގައެވެ.

މިއަހަރުގެ މުބާރާތް މި ގެނެސްދެނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ޕަބްލިކް ސަރވިސް މީޑިއާ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަދި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ގުޅިގެންނެވެ.