ޚަބަރު

ކުދިންނަށް ރަނގަޅު ނަމޫނާ ދައްކައިގެން ނޫނީ، އެކުދިންގެ ފަރާތުން ރަނގަޅު ބަދަލެއް ނުފެންނާނެ


ކުޑަކުދިންގެ ވަށައިގެންވާ ހުރިހާ ފަރާތަކުންވެސް އެކުދިންނަށް ނަމޫނާ ދައްކައިގެން ނޫނީ، ޒިންމާދާރު އިޙްސާންތެރި ކުދިން އުފެއްދުމަކީ ޙާސިލުކުރެވޭނެ ކަމެއް ނޫންކަމުގައި، ރައީސުލުމްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

ފަޒްނާވަނީ ކުޑަކުދިންނަށް ރަނގަޅު ނަމޫނާ ދައްކަވައިދެއްވުމަށް އެކުދިންގެ ޒިންމާ އުފުލާ ހުރިހާ ފަރާތަކަށް އިލްތިމާސްކުރައްވާފައެވެ.

ކެންގަރޫ ކިޑްސް އިންޓަރނޭޝަނަލް ޕްރީސްކޫލްގެ ދަސްވެނިވުން 2022-2023ގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވީ، ކުދިންގެ ކިބައިގައި ރަނގަޅު އާދަތަކެއް އަށަގެންނެވުމަށް އެކުދިންގެ ވަށައިގެންވާ މީހުން ރަނގަޅު ނަމޫނާ ދައްކަންޖެހޭކަމަށެވެ. އެހެންނޫނީ އެކުދިންނަކީ ޒިންމާދާރު އިޙްސާންތެރި ކުދިންގެ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ ދުރުކަމެއް ކަމަށް ފަޒްނާ ވިދާޅުވިއެވެ. އެކަމަނާގެ ވާހަކަފުޅުގައިވަނީ، މުޖުތަމަޢުން ފެންނަ ބައެއް ކަންކަމުގައި ކުދިންނަށް ބޮޑެތި މީހުންގެ ފަރާތުން ނުރަނގަޅު މެސެޖުތަކެއް މިހާރުވެސް ދެވެމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މަގުމަތީގައި ޕާކުކުރުން މަނާ ބޯޑު ހުންނައިރުވެސް ކުދިން ގޮވައިގެން ދަމުން އެފަދަ ތަންތަނުގައި ޕާކުކުރާކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާހަގަކުރެއްވިއެވެ.

"ކޮންމެ ދުވަހަކުވެސް ސްކޫލްގެ ދޮރުކައިރީގައި "ނޯ ޕާކިންގ" ޖަހާފައި އޮންނައިރުވެސް ހަމައެތަނުގައި ޕާކުކޮށްފައި، ބެލެނިވެރިޔާ މިދަނީ ސްކޫލަށް ދަރިފުޅުލާން. އަޅުގަނޑުމެން ކޮން މެސެޖެއްތޯ މިދެނީ އެކުދިންނަށް. އެކުދިންނަށް ކޮންކަމެއްތޯ ދަސްވަނީ އެކަމުން." ފަޒްނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނަބަލުންގެ ވާހަކަފުޅުގައިވަނީ ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައިވެސް ނަމޫނާ ދެއްކުމަށް އެދިވަޑައިގަންނަވާފައެވެ. އެގޮތުން ސިއްޙީ ގޮތުން ދުޅަހެޔޮ ބަޔަކަށްވުމަށާއި، މަގުމަތީގެ ޓްރެފިކް ގަވާއިދުތަކަށާއި، ތިމާވެށި ޙިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ނަމޫނާ ދައްކަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ކެންގަރޫ ކިޑްސް އިންޓަރނޭޝަނަލް ޕްރީސްކޫލްގައި މިއަހަރު ދަސްވެނިވި ދަރިވަރުންގެ ތެރެއިން އެލް.ކޭ.ޖީ 9، 10 އަދި 11ގެ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުވަނީ ޓްރޮފީއާއި ހަނދާނީ ލިއުން ހަވާލުކޮށްދެއްވާފައެވެ.

ކެންގަރޫ ކިޑްސް އިންޓަރނޭޝަނަލް ޕްރީސްކޫލުން މިއަހަރު 243 ދަރިވަރުން ދަސްވެނިވެ ޓްރޮފީއާ ސެޓްފިކެޓް ހާޞިލުކޮށްފައިވެއެވެ. ކެންގަރޫ ކިޑްސް އިންޓަރނޭޝަނަލް ޕްރީސްކޫލަކީ އައިލެންޑާސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑުން ހިންގަމުން އަންނަ 1000އަށްވުރެ ގިނަ ކުދިން ކިޔަވަމުން އަންނަ ޕްރީ ސްކޫލެކެވެ.