ދުނިޔޭގެ ވިޔަފާރި

ރަޝިޔާއިން އުތުރު ކޮރެއާއަށް އަލުން ތެޔޮ ވިއްކަން ފަށައިފި


ދުވަސްގަނޑެއްގެ މެދުކެޑުމަކަށްފަހު ރަޝިޔާއިން އުތުރު ކޮރެއާއަށް ތެޔޮ ފޮނުވަން ފަށައިފިއެވެ.

ތެލުގެ ފުރަތަމަ ޝިޕްމަންޓު ފޮނުވާފައި ވަނީ މިދިޔަ ޑިސެމްބަރުމަހުއެވެ. އަދި މިއީ 2020 ވަނަ އަހަރަށްފަހު ރަޝިޔާއިން އުތުރު ކޮރެއާއަށް މިގޮތަށް ފޮނުވާ ފުރަތަމަ ޝިޕްމަންޓްކަމަށް އދ.ގެ ހިސާބުތަކާއި ހަވާލާދީ ހަބަރުތައް ބުނެއެވެ.

އޭޕްރީލްމަހުގެ ނިޔަލަށް ރަޝިޔާއިން އުތުރު ކޮރެއާއަށް 67 ހާސް ފީފާގެ ސާފުކުރި ޕެޓްރޯލިއަމް އެކްސްޕޯޓްކޮށްފައިވާކަމަށް އދ އާ ހަވާލާދީ ހަބަރުތައް ބުނެއެވެ. މިއީ 2020 ވަނަ އަހަރުގެ އޮގަސްޓްމަހު ރަޝިޔާއިން އުތުރު ކޮރެއާއަށް ފޮނުވި 255 ފީފާގެ ސާފުކުރި ތެޔޮ ފޮނުވި ފަހުން އެ ގައުމަށް އެތެރެކުރި ރަޝިޔާގެ ފުރަތަމަ ޝިޕްމަންޓެވެ.

ހަބަރުތައް ބުނާގޮތުން ދެ ގައުމުގެ ދެމެދުގައި ތެލުގެ ވިޔަފާރި އަލުން ފަށާފައި ވަނީ ރަޝިޔާއާއި އުތުރު ކޮރެއާއި ދެމެދު ރޭލު ދަތުރުތައް އަލުން ފެށިތާ ކުޑަދުވަސްކޮޅެއްގެތެރޭގައެވެ. ދެ ގައުމުގެ ދެމެދުގައި ރޭލު ދަތުރުތައް 2020 ވަނަ އަހަރަށްފަހު އަލުން ފަށާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުއެވެ.

އަނެއްކޮޅުން އުތުރު ކޮރެއާއިން ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދޭ ކަމަށްބުނެ އެމެރިކާއިން ކަންބޮޑުވުން ފާޅުކޮށްފައިވާކަމަށް އުތުރު ކޮރެއާ ސަރުކާރުގެ ތަރުޖަމާނަކާ ހަވާލާދީ ހަބަރުތައް ބުނެއެވެ. ނަމަވެސް އުތުރު ކޮރެއާއިން މިކަން ދޮގުކުރެއެވެ.

މިދިޔަ އަހަރު ފެށި ރަޝިޔާ ޔުކްރެއިން ހަނގުރާމަ ފެށިފަހުން އުތުރު ކޮރެއާއިން ރަޝިޔާއާއެކު ވަރަށް ގާތްގުޅުމެއް ގާއިމުކުރަމުން އަންނަ ކަމަށް ހަބަރުތައް ބުނެއެވެ.