ޚަބަރު

ޢިނާޔަތަށް ގެންނެވި ބަދަލާއެކު، ފުދުންތެރި ދިރިއުޅުމަކަށް އައު އުއްމީދެއް


ކުޑަ ޤައުމެއްނަމަވެސް، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޢަދަދު، އާބާދީގެ ގޮތުން ރާއްޖޭގައި މަދެއް ނޫން. އުފެދުމުގައާއި އެކި ސަބަބުތަކަށްޓަކައި ޢުމުރުގެ އެކި ހިސާބުތަކުގައި ކޮންމެވެސް ސިފައެއްގައި ނުކުޅެދުންތެރިކަން ހުންނަ މީހުންވެސް މީގެތެރޭގައި ހިމެނެއެވެ. އެއިން ކޮންމެ މީހަކީވެސް ޢާއްމު އެހެން މީހުންނެކޭ އެއްފަދައިން ޙައްގުތަކެއް ލިބިގެންވާ ބައެކެވެ.

މިފަދަ މީހުންނަކީ މުޖުތަމަޢުގައި ބާކީވެ، އެކަހެރިކުރެވިފައި މީގެކުރިން ތިބި ބައެއްނަމަވެސް މިކަން މަޑުމަޑުން ބަދަލުވަމުންދާ މަންޒަރު މިހާރު ފެނެއެވެ. ޚާއްސަ ގޮތެއްގައި މިފަދަ މީހުންނަށް ލިބެމުން އަންނަ އިޚްތިރާމްއާއި ދޭންޖެހޭ އެހީތެރިކަމާއި އަޅާލުން އަދި ލޯބި ލިބޭ މިންވަރު އިތުރުވެއްޖެއެވެ. ނަމަވެސް 21 ވަނަ ޤަރުނަކީ އެތައް ގޮތަކުން ކުރިއަރާފައިވާ ޒަމާނަކަށްވުމުގެ ސަބަބުން އެންމެނެކޭވެސް އެއްގޮތަށް ނުކުޅެދުންތެރިކަން ހުންނަ މީހުންވެސް ހޯދަން ޖެހޭ ތަކެތި އިތުރުވެ ހޯދާ ޚިދުމަތްތައްވެސް އިތުރުވެއްޖެއެވެ.

އާދައިގެ އެހެން މީހުންނެކޭ އެއްފަދައިން މިފަދަ މީހުންނަށްވެސް ދިރިއުޅުމަށް ބޭނުންވާނެ ސާމާނު ހޯދުމާއި ފަސޭހައިން އެމީހުންގެ ކަންކަން ކުރެވޭނެ އިންތިޒާމަތައްވެސް ހަމަޖައްސަންޖެހެއެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްގުތައް ރައްކާތެރިކުރުމާއި މާލި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 2010 ވަނަ އަހަރު ޚާއްސަ ޤާނޫނެއް އެކުލަވާލާ ޢަމަލުކުރަން ފެށްޓެވިއެވެ.

މި ޤާނޫނުގެ ދަށުން 2011 އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ކޮންމެ މީހަކަށް މާލީ އެހީގެ ގޮތުގައި 2000 ރުފިޔާ ދޭން ސަރުކާރުން ފެށްޓެވިއެވެ. ނަމަވެސް އޭރު މި އެލަވަންސް ދެމުން އައީ އެއް ހަމައެއްގައި އެއްވަރަކަށެވެ. ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު ތަކެތީގެ އަގު އުފުލި އެމީހުންނަށް ދެމުން އައި އެލަވަންސްއިން ދިރިއުޅުމުގެ ޚަރަދު ބެލެހެއްޓޭގޮތެއްނުވެއެވެ.

މިކަން ހައްލުކޮށްދީ އެމީހުންނަށް ދެމުން އަންނަ އެލަވަން ބޮޑުކޮށްދޭނެކަމަށް ކޮންމެ ސަރުކާރެއްގައި ވަނީ ވަޢުދުވެފައެވެ. އެހެންނަމަވެސް ފާއިތުވެގެންދިޔަ އަހަރުތަކުގައި އެކަމަށް ހައްލެއް ނުލިބި 13 އަހަރަށްފަހު މިހާރު މިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ އިނާތް އަދުގެ ސަރުކާރުން ބޮޑުކޮށްދެއްވާފައެވެ. 10،000އަށްވުރެ ގިނަ ނުކުޅެދުންތެރިކަން ހުންނަ މީހުން އެކި ގިންތިތަކަށް ބަހާލުމަށްފަހު މިމަހުން ފެށިގެން އެމީހުންނަށް ލިބެމުން އައި އިނާޔާތް 3،000 ރުފިޔާއިން ފެށިގެން 6000 ރުފިޔާއަށް ހަމައަށް ލިބެމުންދާނެއެވެ.

މިއީ އެތައް އަހަރުތަކެއްފަހުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބިގެންދިޔަ އުއްމީދެއްކަން އެމީހުން ފާހަގަކުރެއެވެ. އެމީހުންގެ އެދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އިޖާބަދެއްވާކަމުގެ ހެއްކެއްކަން އެމީހުން ފާހަގަކުރެއެވެ.

ރާއްޖޭގައި މަދުންނަމަވެސް އެއް އާއިލާއެއްގައި އެކި ބާވަތުގެ ނުކުޅެދުންތެރިކަން ތަޙައްމަލު ކުރަމުންދާ މީހުން އެބަތިއްބެވެ. މީގެ ތެރެއިން އައިމިނަތު މުޙައްމަދަކީ ނުކުޅެދުންތެރިކަން ހުންނަ 5 ކުދިން ގެންގުޅެމުން އަންނަ މަންމައެއް، އަދިމާމައެއްވެސް މެއެވެ. އުފަންދަރިންނެކޭ އެއްގޮތަށް އޭނާއަށް މާމަ ކިޔާ 2 ކުދިންނާކީވެސް އޯޓިޒަމް ހުންނަ ކުދިންނެވެ. އަދި އޭނާގެ ފިރިމީހާއަކީވެސް މިހާރު ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހެކެވެ. އާމްދަނީ ހޯދުމަށް ވަކި ވަޒީފާއަކަށް ނުދިޔަނަމަވެސް ދިރިއުޅުމުގެ ކަންތައްތައް ބަލަހައްޓަމުން ގެންދަނީ ނުކުޅެދޭ މީހުންނަށް ލިބޭ އެލަވަންސްއިންނެވެ.

އެހެންނަމަވެސް ގިނަ ފަހަރު އެ ލިބޭ 2000 ރުފިޔާއިންވެސް ދިރިއުޅުމުގެ ބައެއްކަންކަން ހަމަޖައްސަން އުނދަގޫވެއެވެ. އައިމިނަތު މުޙައްމަދު ފާހަގަކުރާގޮތުގައި އެތައް އަހަރެއްފަހުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބޭ އެލަވަންސް ބޮޑުކުރުމާއެކު ކުރިއަށްވުރެ ބޮޑަށް އެނާގެ އާއިލާގެ ކަންކަން ހަމަޖެއްސުމަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެކަމަށެވެ.

"ދިރިއުޅުމުގެ ޚާރަދުތަކާއި ތަކެތީގެ އަގު އެހާބޮޑު. ލިބޭ އެލަވަންސްއިން ދެކޮޅު ނުޖެހޭ. މި އެލަވަންސްއާއެކު އަހަރުމެންގެ ދިރިއުޅުން ކުރިއަސްގެންދިޔުމަށް އިތުރު ފުރުޞަތެއް ލިބިއްޖެ. އަޅުގަނޑުމެންގެ ހާލަތަށ ްބަލާއިރު ވަރަށްބޮޑު ކުރިއެރުމެއް މިލިބުނީ. ވަރަށް ދުވަސްވެއްޖެ ކުދިން ގުވައިގެން ޗުއްޓީއަކަށްވެސް ނުދާތާ ވަރަށް ދުވަސްވެއްޖެ. ކުރިއަށް އޮތްތަނުގައި ދިރިއުޅުމުގެ ހާލަތު ބަދަލުވާނެކަމަށް ވަރަށް އުއްމީދު ކުރަން." އައިމިނަތު މުޙައްމަދު ބުންޏެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރާ މުޙައްމަދު ސައްދާމަކީ ދޫނިދޫ މިސްކިތުގެ އިމާމެއްގައި ގޮތުގައި މަސައްކަތް ކުރާ ލޯފަން މީހެކެވެ. ސައްދާމްއަކީ މީހަކާ އިނދެ ދަރިއަކުވެސް ހުރި މީހެއްކަމުން ވަޒީފާއިން ލިބޭ އާމްދަނީން އެކަނި ދިިރިއުޅުމުގެ ކަންކަން ނުބެލެހެއްޓެވެ. އޭނާއަށްވެސް މި އެލަވަންސްއަކީ މުހިއްމު އެއްޗަކަށް ވަނީ ވެފައެވެ. ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެމުން އައި އެލަވަންސް ބޮޑުކުރުމާމެދު ސައްދާމް ބުނީ އެލަވަންސް ފުރަތަމަ ފަހަރަށް ބޮޑުވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ. މި ސަރުކާރުން އެލަވަންސް ބޮޑުކުރުމުގެ ވަރަށްބޮޑު އުއްމީދެއް އަބަދުވެސް ދެމުން އައިކަން ފާހަގަކޮށް ސައްދާމް ބުނީ ކުރިއަށްއޮތްތަނުގައި ހަމަޖެހިލައިގެން އުފާވެރި ދިރިޅުމެއް އުޅޭވޭނެކަމަށް އުއްމީދު ކުރާކަމަށެވެ.

"އެލަވަންސްގެ ފައިދާ އަޅުގަނޑުމެންނަށް ފެންނާނީ އަތަށް އެލަވަންސް ލިބުމުން. އުއްމީދު ކުރަނީ މި އެލަވަންސް ބޮޑުވުމަކީ ރަނގަޅު ފާލެއްކަމަށް. ތަކެތީގެ އަގަށް އަންނަ ބަދަލާއެކު ސަރުކާރުތަކުން އެލަވަސްއަށް ވިސްނުމަށްފަހު ބަދަލު ގެންނަން ޖެހޭކަމަށް ދެކެން" ސައްދާމް ބުންޏެވެ.

ނުކުޅެދޭ މީހުންގެ ތެރެއިން އެމީހުންގެ ހާލަތު ކިޔާދީ ވާހަކަދެއްކި އއ. އުކުޅަހަށް ނިސްބަތްވާ އަޙްމަދު ފަޔާޒްއަކީ މީގެ 11 ވަރަކަށް އަހަރުކުރިން އެ ރަށު މިސްކިތުގެ އިމާމެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށި ލޯފަން މީހެކެވެ. އިމާމުކަމުގެ އިތުރަށް އޭނާއަކީ އަމިއްލަ ބައެއް މަސައްކަތްތައްވެސް ކުރާ މީހެކެވެ. އެހެންނަމަވެސް ވަޒީފާއިން ލިބޭ ޢަމްދަނީއާއި އޭރު އެލަވަންސްގެ ގޮތުގައި ލިބެމުން އައި 2000 ރުފާއިންވެސް ދިރިއުޅުމުގެ ކަންކަން އެންމެ އެކަށީގެންވާގޮތުގައި ކުރިއަށް ނުގެންދެވޭކަން އޭނާ ފާހަގަކުރިއެވެ. ނަމަވެސް މިފަހަރު ބޮޑު ކުރި އެލަވަންސްއާއެކު ކުރިއަށް އޮތްތަނުގައި މި އެލަވަންސް އިތުރަށް ބޮޑުވާނެކަމަށް އޭނާ އުއްމީދުކުރެއެވެ. އަދި މިއީ ދިރިއުޅުމުގައި ކުރަންޖެހޭ މުހިއްމު މަސައްކަތްތައް ކުރުމަށް މަލީ އިތުރު އެހީއެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.

"އަތޮޅުތެރޭގައި އެންމެ އެކަށީގެންވާގޮތަށް ބޭސްފަރުވާގެ ކަންކަން ނުލިބޭތީ މާލެ އަންނަން ޖެހުނަސް ލިބޭ 2000 ރުފިޔާއަކީ ފުދޭ މިންވަރެއް ނޫން. އުއްމީދަކީ މިހާރު މި ބޮޑު ކުރި އެލަވަންސްވެސް ކުރިއަށްއޮތްތަނުގައި މިއަށްވުރެ ބޮޑަށް އިތުރުވާނެކަމަށް އުއްމީދުކަން." އަޙްމަދު ފަޔާޒް ބުންޏެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހަމައެކަނި ބޭނުންވަނީ މަލީ އެހީތެރިކަން އެކަންޏެއްވެސް ނޫނެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރޭއިން ފުރޮޅުލީ ގޮނޑީގައި ތިބޭ މީހުންނަށާއި އަދި އެހެނިހެން ނުކުޅެދޭ މީހުންނަށްވެސް މަޤުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ޚިދުމަތް ފޯރުކޮށްދޭ ތަންތަނުންވެސް ޚާއްސަ ސަމާލުކަމެއް ދެއްވަންޖެހެއެވެ.

މިހާރުވެސް ބައެއް އިންތިޒާމްތައް ހަމަޖައްސަވާފައި ހުރިނަމަވެސް ކުރިއަށްއޮތްތަނުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފޯރުކޮށްދޭންޖެހޭ އިތުރު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައްވެސް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ.

ނުކުޅެދުންތެރިކަން ހުންނަ ފާރާތްތަކަށް ފޯރުކޮށްދެމުން އަންނަ ޚިދުމަތްތައް ހަރުދަނާ ނިޒާމެއްގެ ދަށުން ޤާއިމުކުރުމަށް މި ސަރުކާރުން އަންނަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން 2019 ވަނަ އަހަރުން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ތެރަޕިއުޓިކް ފަރުވާ ބޭނުންވާ ފަރާތްތަކަށް އެފަރުވާގެ ޚަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގްރާމެއްވަނީ ފަށާފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ކޮބައިކަން ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި އެކުލަވާލާ އެކަން ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފައެވެ.