ޚަބަރު

އައްޑޫގައި ކުށްމަދުކުރުމަށް ފުލުހުން ޚާއްޞަ އޮޕަރޭޝަނެއް ފަށައިފި


އައްޑޫ ސިޓީގައި ކުށުގެ ބިރުވެރިކަން ކުޑަކޮށް ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދެއްވުމަށް ޓަކައި ފުލުހުން ކުރިއަށްގެންދަވާ ޚާއްޞަ އޮޕަރޭޝަންގައި މިރޭ 16 މީހަކު މަސްތުގެ ޙާލަތުގައި ތިއްބައި ހައްޔަރުކުރައްވައިފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީގައި ފުލުހުން ކުރިއަށްގެންދަވާ މިއޮޕަރޭޝަނަކީ ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ލިބޭގޮތަށް ރަށުތެރޭގައި ހިނގަމުންދާ ކަންކަން ބަލައި އެކަންކަން ހުއްޓުވުމަށް ކުރައްވަންޖެހޭ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކުރެއްވުމަށް ކުރިއަށްގެންދަވާ އޮޕަރޭޝަނެއްކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. 

މި އޮޕަރޭޝަންގައި އައްޑޫސިޓީގެ އެކި ސަރަޙައްދުތަކުގައި ބޭނުމެއްނެތި އުޅޭ މީހުން ހުއްޓުވައި ބަލައި ފާސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަވަންޖެހޭ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަވައި އެމީހުންގެ މަޢުލޫމާތު ސާފުކުރައްވަމުން ގެންދަވާނެކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް އައްޑޫސިޓީގެ ގިނަ ސަރަހައްދުތަކެއް ބަލައި ފާސްކޮށް ކުށަށް އަރައިގަތުމަށް މަގުފަހިވާފަދަ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަވައިފައިވާކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ.

ފުލުހުން ފައްޓަވާފައިވާ މި އޮޕަރޭޝަން އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައި ކުރިޔަށް ގެންދެވުމަށް ހަމަޖެހިފައިވާއިރު، މި އޮޕަރޭޝަންގެ މަސައްކަތުގެ ތެރޭގައި ހިމަނައިގެން ރަށުތެރޭގައި މީހުން ނޫޅޭ ފަޅުގެތަކާއި ބޮޑެތި ބިންތައް ބަލައި ފާސްކުރައްވަން ފައްޓަވައިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. ޚާއްޞަ ގޮތެއްގައި ރަށުގެ އެކަހެރި ސަރަޙައްދު ތަކުގައި ހުންނަ ފަޅުގެތައް ބެލުމާއި އެކި ސަރަޙައްދުތަކުގައި ކަމެއްނެތި ގުރޫޕްތައް އެއްވާ ސަރަޙައްދުތައް ބަލައި ފާސްކުރަމުން ގެންދަންވާނެކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން މި އޮޕަރޭޝަން އައްޑޫ ސިޓީގައި ފައްޓަވާފައި މިވަނީ މިދިޔަ ހަފްތާގައި އައްޑޫގެ ވިޔަފާރިވެރިޔަކު ވަލުތެރޭގައި މަރުވެފައިއޮއްވާ ފެނިފައިވަނިކޮށެެވެ. އަދި މާރާމާރީގެ އިތުރު މައްސަލަތައް އައްޑޫސިޓީގައި ފެންމަތިވަމުންދާ ދަނޑިވަޅެއްގައެވެ.