 
										
			މާލޭގައި މިއަދު ފެށި ފައިވް ނޭޝަންސް ބާސްކެޓްބޯޅަ މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝް އަތުން ބަލިވެއްޖެއެވެ. 
މިރޭ ޒުވާނުން މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މި މެޗު ޝަރަފުވެރިކޮށްދިނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. ނައިބު ރައީސްގެ އިތުރުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފާއި، ސިއްޙަތާ ބެހޭ ވަޒީރު އަޙްމަދު ނަޞީމް މި މެޗު ބައްލަވައިލެއްވުމަށް ވަޑައިގެންނެވިއެވެ. 
މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުން ބަލިވީ ބަންގްލަދޭޝް އ3ަތުން 52-42 ޕޮއިންޓުންނެވެ. 
މި މެޗުގެ ފުރަތަމަ ކުއާޓަރު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި ކުއާޓަރުގައި ދެ ޓީމަށްވެސް ބޮޑު ލީޑެއް ނެގިފައެއް ނުވެއެވެ. އެއާއެކު ފުރަތަމަ ކުއާޓަރު ނިމުނީ 13-12 އިން ބަންގްލަދޭޝް ލީޑުގައި އޮވެގެންނެވެ. 
މި މެޗުގެ ދެވަނަ ކުއާޓަރު ފަށައިގެން ބަންގްލަދޭޝްއިން އެ ޓީމުގެ ލީޑު ފުޅާކުރިއިރު، މި ކުއާޓަރުގައި ރާއްޖެއަށް ލިބުނު ގިނަ ފްރީ ތުރޯތައް ވަނީ ބޭކާރުކޮށްލާފައެވެ. އެއާއެކު މި ކުއާޓަރުގެ މެދު ތެރެއިން ބަންގްލަދޭޝްއިން ވަނީ ނުވަ ޕޮއިންޓުގެ ލީޑެއްވެސް ނަގާފައެވެ. މި ކުއާޓަރުގެ ފަހުކޮޅު ރާއްޖެއިން ކުޅުން ރަނގަޅުކޮށް ދެ ޕޮއިންޓަށް ފަރަގު ކުޑަކުރި ނަމަވެސް، ނިމުނީ 23-21 އިން ބަންގްލަދޭޝް ލީޑުގައި އޮވެގެންނެވެ. 
މި މެޗުގެ ތިންވަނަ ކުއާޓަރުގައިވެސް ބަންގްލަދޭޝްއިން އެ ޓީމުގެ ލީޑުފުޅާކުރިއިރު، މި ކުއާޓަރުގައި ރާއްޖެއިން ޕޮއިންޓް ސްކޯކުރުމަށް ކުރި ގިނަ މަސައްކަތްތައް ބަންގްލަދޭޝްއިން ވަނީ ރަނގަޅަށް ޑިފެންސްކޮށް ހުއްޓުވާފައެވެ. އެއާއެކު މި ކުއާޓަރު ނިމުނީ 43-34 އިން ބަންގްލަދޭޝް ލީޑުގައި އޮވެގެންނެވެ. 
މި މެޗުގެ ފަހު ކުއާޓަރުގައިވެސް ބަންގްލަދޭޝްއިން ވަނީ ރާއްޖެއިން ކުރި ގިނަ މަސައްކަތްތަކެއް ހުއްޓުވައި ލީޑު ހިފަހައްޓާފައެވެ. ނަތީޖާއަކަށް ވެގެންދިޔައީ 10 ޕޮއިންޓުގެ ލީޑެއްގައި އޮވެ ބަންގްލަދޭޝް މެޗު ނިންމާލުމެވެ. 
މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ސަރަޙައްދީ ހަތަރު ގައުމަކުން ވާދަކުރެއެވެ. އެއީ ބަންގްލަދޭޝް، ބޫޓާން, ޕާކިސްތާން އަދި ނޭޕާލެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު 61-55 ޕޮއިންޓުން ނޭޕާލް ބަލިކޮށް ބޫޓާނުން ވަނީ ފެށުން ރަނގަޅުކޮށްފައެވެ. 
މި މުބާރާތުގައި ރާއްޖެއިން ކުޅޭ ދެވަނަ މެޗުގައި މާދަމާރޭ ބައްދަލުކުރާނީ ބޫޓާނާ ދެކޮޅަށެވެ.