ކުރިއަށް އޮތް ތަނުގައި ރާއްޖެ ފެންނާނީ ވަރުގަދަ ބާސްކެޓެއް ކުޅޭ ޤައުމެއްގެ ގޮތުގައި ކަމަށް ޤައުމީ ބާސްކެޓްބޯޅަ ޓީމުގެ ކޯޗިން ޓީމުގައި ހިމެނޭ މުޙައްމަދު ޒިލާލް (ޒިލާ) ބުނެފިއެވެ.
ސާބިއާގެ ކޯޗު ނިމާންޏާ ޖެޑޯވްއާއެކު ޤައުމީ ބާސްކެޓްބޯޅަ ޓީމުން މަސައްކަތްކުރަމުން އަންނައިރު، ދިވެހި ކޯޗުންގެ ގޮތުގައި ޤައުމީ ޓީމުގައި މަސައްކަތްކުރަމުން އަންނަނީ ޒިލާ އާއި އަލީ ފަޒްލީއެވެ.
ރާއްޖޭގައި ބާއްވާ ފައިވް ނޭޝަންސް ބާސްކެޓްބޯޅަ މުބާރާތް ރަސްމީކޮށް ލޯންޗުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޒިލާ ބުނީ މުބާރާތް ރާއްޖޭގައި ބާއްވާތީ ކުޅުންތެރިން އަދި ކޯޗުން އަދި ބާސްކެޓް ކޮމިއުނިޓީ ތިބީ އެކަމަށް ތައްޔާރުވެގެން ކަމަށެވެ. އަދި ޤައުމީ ޓީމަށް ކާމިޔާބީއެއް ނުލިބި ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށާއި، އެކަމަކު ދާދި ފަހުން އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްގެންދިޔަ ކޭމްޕުގެ ތެރެއިން ކުޅުނު ފަހު ދެ މެޗުން މޮޅުވެ، އެކަން ނިމުމަކަށް އައިސްފައިވާ ކަމަށެވެ. ޒިލާ އިތުރަށް ބުނީ މި މުބާރާތަށް ތައްޔާރުވީ ވަރަށް ދުރާލާ ކަމަށާއި، ދެން ރާއްޖެ ފެންނާނީ ވަރުގަދަ ބާސްކެޓް ކުޅޭ ޓީމެއްގެ ގޮތުގައި ކަމަށެވެ.
ޤައުމީ ޓީމުގެ ކެޕްޓަން އަޙްމަދު ޒަބީރު (ޒަބީ) މިއީ 2017 ވަނަ އަހަރުގެ ފަހުން އަމިއްލަ ފަސްގަނޑުގައި ބައިނަލްއަޤުވާމީ ފެންވަރުގެ މުބާރާތެއްގައި ކުޅެލަން ލިބޭ ފުރަތަމަ ފަހަރު ކަމަށާއި އެހެންވެ، އެކަމާ މެދު ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ. ޒަބީ ބުނީ ސާބިއާގެ ކޯޗުގެ އިރުޝާދުގެ ދަށުން ދިވެހި ދެ ކޯޗުން ކަމަށްވާ ޒިލާ އާއި ފަޒްލީއާއެކު ތަމްރީނުތައް ފެށީ މާޗު ހިސާބުގައި ކަމަށާއި، މިހާތަނަށް އައިއިރު ގިނަ ކަންކަން ރަނގަޅު ކުރެވިފައިވާ ކަމަށެވެ.
ފައިވް ނޭޝަންސް ބާސްކެޓްބޯޅަ މުބާރާތް ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ސަރަޙައްދީ ހަތަރު ގައުމަކުން ވާދަކުރާނެއެވެ. އެއީ ބަންގްލަދޭޝް، ބޫޓާން, ޕާކިސްތާން އަދި ނޭޕާލެވެ. މިއީ 2017 ވަނަ އަހަރުގެ ފަހުން ރާއްޖޭގެ ފިރިހެން ބާސްކެޓްބޯޅަ ޓީމުން އަމިއްލަ ޤައުމުގައި ކުރިމަތިލާ ފުރަތަމަ ބައިނަލްއަޤުވާމީ މުބާރާތެވެ.