ޚަބަރު

މިއަދުގެ ޖަލްސާވެސް ކުރިއަށް ނުގެންދެވި ނިންމާލައިފި


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާވެސް މެމްބަރުންގެ ނިޒާމީ ނުކުތާތަކާއި، އަޑުގަދަ ކުރެއްވުމުގެ ތެރެއިން ޖަލްސާ ކުރިއަށް ނުގެންދެވި ނިންމާލައިފިއެވެ. ކަނޑާލައިފިއެވެ.

މަޖިލީހުގެ ރައީސާއި، މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާ މިދަނޑިވަޅުގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވަނީ ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ.

މިއަދުގެ ޖަލްސާގެ އެޖެންޑާގައި މުހިންމު ކަންތައްތަކެއް ހުރި ނަމަވެސް، ކުއްލި މައްސަލައެއް ހުށަހަޅުއްވާފައި އޮތުމުން ރިޔާސަތުން ފުރަތަމަ ފުރުޞަތު ދެއްވީ މަޖިލީހުގެ ގަވާއިދުގައިވާ ގޮތަށް ކުއްލި މައްސަލަ ހުށަހަޅުއްވައި ދެއްވުމަށެވެ.

ކުއްލި މައްސަލަ ހުށަހެޅުއްވީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ. މިމައްސަލަ ހުށަހަޅުއްވަމުން ދަނިކޮށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ނިޒާމީ ނިކުތާ ނަންގަވައި މަޖިލިސް ކުރިއަށް ގެންދަވަނީ މަޖިލީހުގެ ގަވާއިދާއި ޚިލާފަށް ކަމަށް ވިދާޅުވެފައެވެ.

އާޒިމްގެ ނިޒާމީ ނިކުތާއާއިއެކު މަޖިލީހުގައި އަޑުގަދަވެ، އިދިކޮޅު މެމްބަރުންވަނީ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަވަން ވާނީ ގަވާއިދާއި އެއްގޮތަށް ކަމަށް ވިދާޅުވެފައެވެ. މަޖިލީހުގައި މެމްބަރުންގެ ނިޒާމީނުކުތާތަކާއި އަޑުގަދަ ކުރުންތަކާއިއެކު މަޖިލީހުގެ ރިޔާސަތުން ނިންމެވީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކައި މަޝްވަރާ ކުރައްވުމަށްފަހު ޖަލްސާ ކުރިއަށް ގެންދެވުމަށެވެ.

"އަޅުގަނޑު މިހާރު ފުރުސަތު މިއަރުވަނީ މިތާ ތިއްބެވި ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނާއި ވާހަކަ ދެއްކޭނެ ޖާގަ ހަމަޖައްސާފަ މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވޭނެ ގޮތެއް، އެމަޝްވަރާގެ ތެރެއިން ނިންމަވާލަ ދެއްވާ. އޭގެ ފަހުން އަޅުގަނޑު ޖަލްސާ ކުރިއަށް ގެންދާނީ." މަޖިލީހުގެ ރިޔަސާތު ބެލެހެއްޓެވި މެމްބަރު އަފީފް ވިދާޅުވިއެވެ.

މަޖިލީހުގެ ޖަލްސާ ދެފަހަރެއްގެ މަތީން މެދު ކަނޑާލުމަށްފަހު، ޖަލްސާ ބޭއްވުމަށް މަސައްކަތް ކުރި ނަމަވެސް މަޖިލީހުގައި ހިމެނޭ އިދިކޮޅު މެމްބަރުންގެ އިހުތިޖާޖުތަކާއިއެކު މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވި ޖަލްސާ ވަނީ ނިންމާލާފައެވެ.

މިއަދުގެ ޖަލްސާގެ އެޖެންޑާގައި މުހިންމު މައްކަތްތަކެއް:

- ޚިޔާލު ތަފާތުވެ ހުއްޓިފައިވާ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުން
- ސިޔާސީ ޕާޓީތަކުގެ މެމްބަރުންނާއި އަމިއްލަ މެމްބަރުންނަށް ކޮމެޓީތަކުން ޖާގަ ދެއްވާނެ ގޮތް ކަނޑައެޅުން
- ކޮމެޓީތަކުން ނިންމާފައިވާ މުހިންމު ނިންމުންތަކުގެ ރިޕޯޓްތައް ހުށަހެޅުން

ހުއްޓިފައި އޮތް މަޖިލީހުގެ މަސައްކަތް ކުރެވޭނެ ގޮތަށް ގަވާއިދަށް އިސްލާހުތަކެއް:

- މަޖިލީހުގެ ގަވާއިދަށް އިސްލާހު ހުށަހެޅުއްވީ އެމްޑީޕީގެ ޕީޖީ ޕީޑަރު މުހައްމަދު އަސްލަމް
- ރައީސާއި ނައިބް ރައީސްގެ އިތުބާރު ނެތް މައްސަލައެއް ހުށަހެޅޭ ހާލަތެއްގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނޭ ބޭފުޅަކު ކަނޑައެޅުމުގެ ބާރު މަޖިލީހުގެ އަމީން އާންމަށް ދިނުން
- މަޖިލީހުގެ ރައީސާއި ނައިބު ރައީސް ވަކިކުރަން ހުށަހަޅާ މައްސަލައެއްގެ ބަހުސްގައި މެމްބަރުން ވާހަކަ ދައްކަވާނެ ވަގުތުގެ ދިގުމިން ކަނޑައެޅުމުގެ ބާރު އަމީން އާންމަށް ދިނުން
- މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެއްޖެ ނަމަ ރިޔާސަތު ބަލަހައްޓާނެ މެމްބަރެއް ރައީސް ކަނޑައަޅުއްވުން

މަޖިލީހުގެ ޤަވާއިދަށް އިސްލާހުތަކެއް ހުށަހެޅީ މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ޤަވާއިދަށް އިސްލާހުތަކެއް ހުށަހެޅުމަކީ މުހިއްމުކަމެއްކަމަށް ފެނިވަޑައިގަންނަވާތީކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވިއެވެ.