ޚަބަރު

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ފޮނުއްވައިފި


ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރެއްވުމަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް މަޖިލީހުގެ މެމްބަރުންނަށް ފޮނުއްވައިފިއެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިދިޔަ ބުދަދުވަހު މަޖިލީހަށް ހުށަހަޅާފައިވަނީ 54 މެމްބަރުންގެ ސޮއިއާއެކު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުންނެވެ.

މަޖިލީހުގެ ގަވާއިދުގައިވާގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުން އެ މައްސަލައިގެ ނޯޓިސް މަޖިލީހުގެ ރައީސަށާއި މެމްބަރުންނަށް ރަސްމީ ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި ދެއްްވަންޖެހެއެވެ.

މި މައްސަލައިގެ ނޯޓިސް އިއްޔެ ފޮނުއްވާފައިވާއިރު، ޤަވާއިދުގައިވާ ގޮތުން ނޯޓިސް ފޮނުވާ ތާރީހުން ފެށިގެން 14 ދުވަސް ހަމަވުމުން ވިދިގެން އަންނަ ރަސްމީ ބަންދު ނޫން ދުވަހަކަށް އެ މައްސަލަ އެޖެންޑާ ކުރަންޖެހޭނެއެވެ. އެ ތާރީހު މިމަހުގެ 25 ވަނަ ދުވަހަށް ހަމަވާނެއެވެ.

ނަޝީދު މަގާމުން ވަކިކުރަން ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ މަޖިލީހުގެ ރައީސްގެ މަގާމަށް ނަޝީދު އިންތިހާބުކޮށްފައި ވަނީ ގިނަ މެންބަރުންތަކެއްގެ ވޯޓާއެކުކަމަށާއި ވޯޓު ދީފައި ވަނީ ދިވެހިން އެދޭ ކަންކަން ހާސިލް ކޮށްދިނުމަށް ކަމަށެވެ. ނަމަވެސް އެ މަގާމުގައި ނަޝީދު އިތުރަށް ހުންނަވައިފިނަމަ މަޖިލީހުން އަދާކުރަން ޖެހޭ ގާނޫނީ ޒިންމާ އަދާ ކުރުމުގެ ފުރުސަތު ގެއްލި މަޖިލީހުގެ ގަދަރު ދިވެހިންގެ ކުރިމަތީ ކުޑަވެގެން ދާނެ ކަމަށް އެ މައްސަލާގައި ބުނެފައިވެއެވެ.

މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ފާސްކުރަން މަޖިލިހުގައި މިހާރު ތިއްބެވި 87 މެމްބަރުންގެ ތެރެއިން 44 މެމްބަރުންގެ ވޯޓު ބޭނުންވާނެއެވެ. 50 އަށްވުރެ ގިނަ މެމްބަރުން ތިއްބަވާ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ހުށަހެޅި މި މައްސަލައަށް އެމްޑީޕީއަށް ނިސްބަތްނުވާ ބައެއް މެމްބަރުންވެސް ތާއީދުކުރުމަށް ނިންމަވާފައިވާކަން ވަނީ ހާމަކުރައްވާފައެވެ.