ޚަބަރު

އިންޑިއަން ނޭވީ ކޮމާންޑަރ ޑިފެންސް މިނިސްޓަރާ ބައްދަލުކުރެއްވުން


ދިވެހިރާއްޖެއާ އިންޑިއާ ދެމެދު މިހާރު ކުރިއަށްދާ، ޑިފެންސް ސްޓާފް ޓޯކްސްގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވާ ކޮމޮޑޯ ޖަތިންދަރު ސިންގ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރާއި ބައްދަލުކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގައި މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ސްޓާފް ޓޯކްސްއާބެހޭ ގޮތުން ދެބޭފުޅުންވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ދިވެހިރާއްޖެއާ އިންޑިއާގެ އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމާގުޅޭ ގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރައްވާފައިވެއެވެ.

މިއަދު ފެއްޓެވި ފުރަތަމަ ޑިފެންސް ސްޓާފް ޓޯކްސްއަކީ ޑިފެންސް ކޯޕަރޭޝަންގެ ތެރޭގައި ހުރި ކަންކަމާއި، ދިވެހި އަސްކަރިއްޔާގެ އިންސާނީ ވަޞީލަތް ތަރައްޤީ ކުރުމަށް އިންޑިޔާއިން އެހީތެރިކަން ފޯރުކޮށްދޭނެ ދާއިރާތަކާއި ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ބާއްވަވާ ބައްދަލުވުންތަކެކެވެ.

މި މަޝްވަރާތައް މާދަމާގެ ނިޔަލަށް ކުރިއަށްދާއިރު، މި ބައްދަލުވުންތަކުގައި އިންޑިޔާ އަދި ރާއްޖޭގެ އަސްކަރިއްޔާގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ. 

ޑިފެންސް ސްޓާފް ޓޯކްސްގައި އެމްއެންޑީއެފްގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ، މެރިންކޯ ކޮމާންޑާރ ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހައިރާއި ކޯސްޓްގާޑް ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހީމާއި ޑިޕާޓްމަންޓް އޮފް އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީގެ ޕްރިންސިޕަލް ޑައިރެކްޓަރ ކާނަލް އަބްދުލް މަޠީން އަޙްމަދާއި، މެޑިކަލް ސާރވިސްގެ ކޮމާންޑިންގ އޮފިސަރ ލެފްޓިނަންޓް ކާނަލް ޑޮކްޓަރ ޢަލީ ޝާހިދު މުހައްމަދާއި ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނަންޓް ކާނަލް މުޙައްމަދު ސަލީމެވެ.މި މަޝްވަރާ ބައްދަލުވުންތަކުގައި އިންޑިއާއިން ބައިވެރިވެވަޑައިގަންނަވަނީ، އޭވިއޭޝަން ސްޕެޝަލިސްޓް ކޮމާންޑަރ ރެވަންތް ކުމާރާއި، ކޮމާންޑަރ ނިތިން ދޭވް އާއި، ފޮރިން ކޯޕަރޭޝަން މެމްބަރ އޮފް ޑެލިގޭޝަން، ޑިފެންސް އެޑްވައިޒަރ ކެޕްޓަން އާރް އެސް ސުނިލްގެ އިތުރުން، އިންޑިއާ ހައިކޮމިޝަންގެ ދެ ބޭފުޅުންނެވެ.