ޚަބަރު

އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކުރަން ބޭނުން ނުވާނަމަ، ލިޔުމުންވެސް ހުށަހެޅޭނެ: ފުއާދު


ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާ މީހުންނަށް އޮންލައިންކޮށް ރީ-ރަޖިސްޓްރީކުރެވޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސަވާފައި ވީނަމަވެސް، ލިޔުމުން ރަޖިސްޓްރީ ކުރަން އެދޭނަމަ އެފުރުސަތު އޮންނާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގައި ރީ ރަޖިސްޓްރޭޝަނަށް އަންނަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 5 ވަނަ ދުވަހާހަމައަށް ހުޅުވާލައްވާނެއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާ މީހުންނަށް އޮންލައިންކޮށް ރީ-ރަޖިސްޓްރީކުރެވޭ ގޮތަށް އިލެކްޝަން ކޮމިޝަނުން މިއަހަރުގެ ރިޔާސީ އިންތިޚާބަށް އެކުލަވާލި ގަވާއިދުގައި ވަނީ ޖާގަ ތަނަވަސް ކޮށްފައެވެ. ކޮމިޝަންގެ ރައީސް ފުއާދު ވިދާޅުވީ އޮން ލައިންކޮށް ރީ-ރަޖިސްޓްރޭ ކުރޭގޮތަށް މަގުފަހިކޮށްދިނީ ފަސޭހައިން އެންމެނަށް އެކަން ކުރެވޭނެ ޖާގަ ދެއްވުމަށް ކަމުގައެވެ.

މިއަހަރުގެ އިންތިޚާބުގައި 282،000 އަށްވުރެ ގިނަ މީހުން ވޯޓުލާއިރު، 100،000 އެއްހާ މީހުން ރީ-ރަޖިސްޓްރީ ކުރާނެކަމަށް ބެލެވެއެވެ. މީގެ ތެރޭގައި އަތޮޅު ތެރޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރާ މީހުންނާއި، އަމިއްލަ ރަށްނޫން ރަށްރަށުގައި ވަޒީފާ އަދާކުރާ މީހުންނާއި، ރާއްޖެއިން ބޭރުގައި ތިބޭ މީހުންވެސް ހިމެނެއެވެ.

"އެގޮތަށް ކުރަން ބޭނުންނުވާ މީހުން، ބައެއް ބޭފުޅުން ވިދާޅުވޭ ތިމަންނަމެން ފޯނުން އެކަން ކުރާކަށް ބޭނުން ނޫނޭ އެއީ ތިމަންނަމެން އަތުގަ ނޯންނާނެއޭ ލިޔުމެއް އޭރަކުންނެއް. އެހެންވީމަ ތިމަންނަމެން ބޭނުންވަނީ ފުރާ ފޯމު އޭގެ ކޮޕީއެއް ތިމަންނަމެން އަތުގަ ބާއްވަފަ ގެންގޮސް އިލެކްޝަސްއަށް ދޭށޭ، މައްސަލައެއް ޖެހިއްޖިއްޔާ ތިމަންނަ މެންއަތުގަ އޮންނާނެއޭ ކޮޕީ. މިގޮތަށް މިކަން ކުރަން ބޭނުންވާ ބޭފުޅުންނަށް އެފުރުސަތު އޮންނާނެ." ފުއާދު ވިދާޅުވިއެވެ.

ސެޕްޓެމްބަރުމަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުން ހިމެނޭ ވޯޓާސް ލިސްޓް ގެޒެޓްކޮށް، ޝަކުވާއަށް އިލެކްޝަންސް އިން ވަނީ ހުޅުވާލާފައެވެ. ކޮމިޝަނުން ޢާންމުކުރި ލިސްޓަށް ހުށަހެޅުނު އިދާރީ ޝަކުވާތަކަށްފަހު، ވޯޓާސް ލިސްޓުގެ ޝަކުވާތަކަށް ހުޅުވާލި ލިސްޓުން އުނިކުރި ނަންތަކާއިއެކު މިހާރު ވޯޓު ދިނުމުގެ ހައްގު ލިބެނީ 282،672 މީހަކަށެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބަކީ އެންމެ ގިނަ އަދަދަކަށް ވޯޓު ފޮށި ބަހައްޓާނެ އިންތިޚާބެވެ. މިއަހަރުގެ ރިޔާސީ އިންތިޚާބުގައި 600 އަށްވުރެ ގިނަ ވޯޓުފޮށި ބެހެއްޓުމަށް ވަނީ ނިންމަވާފައެވެ. މިއީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި އަޅާބަލާއިރު 128 ފޮށީގެ އިތުރުވުމެވެ. 2018 ވަނަ އަހަރުގެ އިންތިޚާބުގައި ބަހައްޓާފައިވަނީ 472 ފޮއްޓެވެ.

ރިޔާސީ އިންތިޚާބު ބޭއްވެވުމަށް ނިންމަވާފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެެވެ. އަދި އިންތިޚާބުގެ 2 ވަނަ ބުރެއް ބާއްވަވަން ޖެހިއްޖެނަމަ ސެޕްޓެމްބަރު 30ގައި 2 ވަނަ ބުރުގެ ވޯޓުލުން ބޭއްވެވުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.