ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ފައިވް ނޭޝަންސް ބާސްކެޓްބޯޅަ މުބާރާތް ރަސްމީކޮށް ލޯންޗުކޮށްފިއެވެ.
ސަރަޙައްދީ ޤައުމުތައް ބައިވެރިވާ މި މުބާރާތް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުން ފެށިގެން މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ސަރަޙައްދީ ހަތަރު ގައުމަކުން ވާދަކުރާނެއެވެ. އެއީ ބަންގްލަދޭޝް، ބޫޓާން, ޕާކިސްތާން އަދި ނޭޕާލެވެ.
މި މުބާރާތް ރަސްމީކޮށް ލޯންޗުކޮށްފައިވަނީ އިއްޔެ ހ. ބޯޅަ ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުކުރެއްވުމުގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފާއި، މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ ރައީސް އަޙްމަދު އާދަމް (އެޑަމް) އާއި، ޤައުމީ ޓީމުގެ ކޯޗު މުޙައްމަދު ޒިލާލް އަދި ދާދި ފަހުން ޓީމާ ހަވާލުވި ބޭރުގެ ކޯޗު ނޭމަންޔާ ޖެޑޯވްގެ އިތުރުން ޓީމުގެ ކެޕްޓަން އަހުޙްމަދު ޒަބީރު ބައިވެރިވެވަޑައިގެންނެވިއެވެ.
މުބާރާތް ލޯންޗުކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވީ ބައިނަލްއަޤުވާމީ މުބާރާތް ބޭއްވުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށާއި, އެކަން ކުރަން ޖެހިފައިވަނީ އެންމެ ރަނގަޅު ވަސީލަތްތަކެއްގައި ނޫން ކަމުގައި ވިޔަސް, އޭގެ ފައިދާ ކުރަމުން އަންނަ ކަމަށެވެ.
އެމްބީއޭގެ ރައީސް އަޙްމަދު އާދަމް (އެޑަމް) ވިދާޅުވީ މި މުބާރާތް ބޭއްވުމަށް މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން މުބާރާތުގައި ބައިވެރިކުރާނެ ޓީމުތައް ފައިނަލް ކުރުމާއި، ރާއްޖޭގެ ޓީމު މި މުބާރާތައް ތައްޔާރުވުމަށް ބިދޭސީ ކޯޗެއް ގެނެސް ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އެޑަމް ވިދާޅުވީ ރާއްޖޭގައި ބާއްވާ މި މުބާރާތަށް ސަރަހައްދީ ޤައުމުތަކުން ހަތަރު ރެފުރީ އަދި ސަރަޙައްދުން ބޭރުން ތިން ރެފުރީ އަންނާނެ ކަމަށެވެ.
މި މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ފިރިހެނުންގެ ބާސްކެޓްބޯޅަ ޓީމުން ވަނީ ދާދި ފަހުން އިތުރު ތަމްރީނުތައް ހޯދުމަށް އިންޑިއާގެ ބެންގަލޫރުގައި ކޭމްޕްކޮށްފައެވެ.