ޚަބަރު

މިއަހަރު ރާއްޖެއިން ޙައްޖަށްދާ ގްރޫޕްތައް ފުރަން ފަށައިފި


1444ވަނަ އަހަރު ރާއްޖެއިން ޙައްޖަށްދާ ހައްޖާޖީން ފުރަން ފަށައިފިއެވެ. މިގޮތުން މިއަދު އެންމެ ފުރަތަމަ ފުރާފައިވަނީ ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖަށްދާ މީހުންގެ ތެރެއިން 295 މީހުންނެވެ.

މިއަހަރު ރާއްޖެއިން ޙައްޖަށްދާ ފުރަތަމަ ގުރޫޕް ފުރާފައިވަނީ ސައުދީ އެއަރލައިންއިން މިއަދު 15:10 ހާއިރުގައެވެ. ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕްއާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަޞީމް ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގެންފައެވެ. އަދި މި ޒިޔާރަތުގައި އެމަނިކުފާނުވަނީ ޙައްޖަށް ފުރި މީހުންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފާއިތުވި އަހަރުތަކެކޭ އެއްފަދައިން ދިވެހި ޙައްޖާޖީންގެ ކަންކަން ފުރިހަމަކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން އެބޭފުޅުންގެ އިންތިޒާމުތައް ސަރުކާރުން ވަރަށް ގާތުން ބަލާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ ހުރިހާ ޙައްޖުވެރިންނަށް މަބްރޫރު ޙައްޖަކަށް އެދިވަޑައިގަންނަވާފައެވެ.

މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއަޒރ ޑރ. އަޙްމަދު ޒާހިރު އަލީއާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަދި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިންނާއި އެމްއެންޑީއެފްގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުންނަވާ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ ރާއްޖެއިން ޙައްޖަށްދާ މީހުންނަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސެވުމަށްޓަކައި ސަރުކާރުން ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވާކަން ފާހަގަކުރައްވާފައެވެ. އަދި ޙައްޖުގެ އަޅުކަން ނިމެންދެންވެސް ސަރުކާރާއި ރާއްޖޭގެ ޙައްޖު މިޝަން ގުޅިގެން މަސައްކަތްތައް ކުރައްވާނެކަން ނައިބްރައީސް ފާހަގަކުރެއްވިއެވެ.

ނައިބް ރައީސް ވަނީ ރާއްޖެއަށް ޙައްޖަށް ގެންދިޔުމަށް ލިބޭ ކޯޓާ އިތުރުކުރުމަށްޓަކައިވެސް މަސައްކަތްކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ.

"ޚާއްސަ އިންތިޒާމްތަކެއް ސަރުކާރުން ވަނީ ހަމަޖައްސަވާފައި. ބޭނުމަކީ ޙައްޖާޖީން ހިތްހަމަޖެހިގެން ޙައްޖުގެ އަޅުކަން އަދާކުރުން. ކޯޓާގެ ޢަދަދު އިތުރުކުރުމަށްޓަކައި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާ. ވަރަށް ގިނަ ފަހަރު އެންމެ ފަހުވަގުތުގައިވެސް ކޯޓާ އިތުރުވެސް އެބަވޭ. ސަރުކަރުން އަބަދުވެސް މަސައްކަތް ކުރަނީ ވީހާވެސް ގިނަ ބަޔަކަށް ފުރުޞަތު ހޯދައިދިނުމަށް" ނައިބު ރައީސް ފައިޞަލް ނަޞީމް ވިދާޅުވިއެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު އަލީ ވަނީ މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ދާ ދިވެހިންނަށް ދެރަގޮތެއްނުވެ ރަމަޞާންމަހުގެ ޢުމްރާގައި ދިމާވިފަދަ މައްސަލަތައް ދިމާނުވާނެކަމުގެ ޔަޤީންކަންދެއްވާފައެވެ.

"މިއަހަރުގެ ރަމަޞާންމަހު އުމްރާގެ އަޅުކަން އަދާކުރުމަށް ދިޔަ މީހުންނަށް ދިމާވި މައްސަލަތައް ދިމާނުވާނެކަމުގެ ޔަޤީންކަން ދެއް. ޙައްޖު މިޝަންއިން ވަރަށް ގާތުން ބަލާނެ ގުރޫޕްތަކުން ހައްޖުވެރިންނަށް ދޭ ޚިދުމަތްތައް" އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އަލީ ވިދާޅުވިއެވެ.

މިއަހަރު ޙައްޖަށް ދާ އިތުރު ގުރޫޕްތައް މިޙަފްތާގެ އަންގާރަ، ބުރާސްފަތި އަދި އަންނަ ހުކުރު ދުވަހާއި ހޯމަ ދުވަހުވެސް އެކި ކުންފުނިތަކުގެ ޙަވާލުގައި ޙައްޖަށްދާ މީހުން ފުރާނެއެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށްޓަކައި ޙައްޖުވެރިންނަށް ލުއިފަސޭހަ އިންތިޒާމްތަކެއް ވަނީ ހަމަޖައްސަވާފައެވެ. އެގޮތުން އުމުރުން ދުވަސްވީ އަދި ބަލިމީހުންނަށް ކުދި ވެހިކަލްތަކުގައި، ބަހާ ހަމައަށް ގެންގޮސްދިނުމާއި، ޙައްޖުވެރިއާ އާއި ޢާއިލާގެ މީހުން ބަހުގައި ނުވަތަ އޭސީ ފެރީގައި އެއަރޕޯޓަށް ދެވޭގޮތް ހަމަޖެއްސުމާއި، ފުރުމުގެ އެއް ދުވަސް ކުރިން ފޮށިތައް އެއަރޕޯޓަށް ގެންގޮސްދިނުމުގެ އިންތިޒާމްތައް ވަނީ ހަމަޖައްސަވާދެއްވާފައެވެ.

ޙައްޖަށްދާ މީހުންނަށް ޚާއްޞަކޮށް ދަތުރުތައް ހަމަޖެހިފައިވާއިރު، މާލެއާއި ހުޅުމާލެ އަދި ވިލިމާލެއިން ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސަވާފައެވެ.

މިއަހަރު ރާއްޖެއަށް ލިބިފައިވަނީ 1000 ކޯޓާއެވެ. މީގެތެރެއިން ޙައްޖަށް ގެންދިޔުމުގެ ހުއްދަ ދޫކޮށްފައިވާ 3 ކުންފުނިން ކޮންމެ ކުންފުންޏަކަށް ދީފައިވަނީ 90 ފުރުޞަތެވެ. ދެންހުރި ފުރުޞަތުތައް ދިނީ ޙައްޖު ކޯޕަރޭޝަނަށެވެ.