ޔޫކްރެއިނަށް އަރައި ރަށްތަކަށް އަތްގަދަކޮށްފައިވާ ރަޝިޔާގެ އިސްތިޢުމާރީ ސިފައިންނާ ދެކޮޅަށް ޔޫކްރެއިނުން ފަށާފައިވާ ކައުންޓަރއޮފެންސިވް ނުވަތަ ރައްދު ޙަމަލާގެ އަސްކަރީ ކެމްޕޭން ފޭލުވަމުންދާ ކަމުގައި ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ވިދާޅުވެއްޖެއެވެ. ޔޫކްރެއިންގެ ރަށްތަކަށް އަތްގަދަކޮށްފައިވާ ރަޝިޔާގެ ފައުޖުތަކާ ދެކޮޅަށް އަސްކަރީ ކެމްޕޭނެއް އެ ޤައުމުން ފަށާފައި މި ވަނީ އެތަކެއް މަހެއްގެ ތައްޔާރީތަކަށް ފަހުއެވެ. އަދި، ހުޅަނގުގެ ބާރުތަކުގެ އެހީތެރިކަމާ އެކުގައެވެ.
މި ކެމްޕޭނުގެ ދަށުން ޔޫކްރެއިންގެ ފައުޖުތަކުން ދަނީ އެ ޤައުމުގެ ދެކުނުގައިވާ ސަރަޙައްދުތަކަށް އަތްގަދަކޮށްފައިވާ ރަޝިޔާގެ ފައުޖުތަކަށް ހަރަކާތްތެރިވަމުންދާ އަމާޒުތަކަށް ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ. އެ ޙަމަލާތައް ފޭލުވަމުންދާ ކަމުގައި ޕުޓިން ވިދާޅުވި ނަމަވެސް، ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވަނީ ރަޝިޔާގެ އިސްތިޢުމާރީ ސިފައިންނާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ އޭނާގެ ސިފައިންނަށް ހިތްވަރު ދެއްވާފައެވެ. އަދި، އެއީ ބަޠަލުންތަކެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.
"އަޅުގަނޑުމެންގެ ފައުޖުތަކަށް ކުރިއަށް އޮތީ ބިރުވެރި އަދި ނުރައްކާތެރި ދުވަސްތަކެއް. އެއީ ފަސޭހަ ދުވަސްތަކަކަށް ނުވާނެ. ފަސޭހަ ހަނގުރާމައަކަށް ނުވާނެ. ނަމަވެސް، އިސްތިޢުމާރީ ސިފައިންނާ ދެކޮޅަށް ހަނގުރާމަ ކުރަމުން އެ ދަނީ ހިތްވަރުގަދަ ބަޠަލުންތަކެއް. އަޅުގަނޑުމެންގެ ކޮންމެ ދުވަހެއްގެ ކޮންމެ މިނެޓެއްގައި ވެސް އެ މީހުން ކުރަމުންދާ ބުރަ މަސައްކަތަށް ޝުކުރުވެރިވަން،" ޒެލެންސްކީ ވިދާޅުވިއެވެ.
ރައްދު ޙަމަލާތައް ފަށާފައިވާ ކަން ޔޫކްރެއިނުން ރަސްމީކޮށް އިޢުލާނުކޮށްފައެއް ނުވެއެވެ. ނަމަވެސް، ރަޝިޔާގެ އިސްތިޢުމާރީ ފައުޖުތަކާ ދެކޮޅަށް ވަރުގަދަ ޙަމަލާތަކެއް ދޭން ފަށާފައިވާ ކަމަށް ޒެލެންސްކީ އެއްބަސްވެ ވަޑައިގަންނަވައެވެ. ޕުޓިން ވެސް ވަނީ ޔޫކްރެއިންގެ އަސްކަރީ ކެމްޕޭން ފަށާފައިވާ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.
އަސްކަރީ ކެމްޕޭން ދަށުން ޔޫކްރެއިންގެ ފައުޖުތަކުން އެންމެ ފުރަތަމަ ޙަމަލާދޭން ފަށާފައި ވަނީ އެ ޤައުމުގެ އިރުމަތީގައިވާ ޑޮނެޓްސްކުގެ ރަށެއް ކަމުގައިވާ ބަޚްމުތާއި ދެކުނުގައިވާ ޒަޕޮރީޜިޔާ ކައިރީގައި ހަރަކާތްތެރިވަމުންދާ ރަޝިޔާގެ އިސްތިޢުމާރީ ސިފައިންނަށެވެ. ޒަޕޮރީޜިޔާއަކީ ވިލާތުގެ ބައްރުގައި އޮންނަ އެންމެ ބޮޑު ނިއުކްލިޔަރ ހަކަތަ އުފައްދާ ޕްލާންޓު ވެސް އޮންނަ ރަށެވެ.
ދެކުނުގައިވާ ޚަރްސަންގެ ނޮވާ ކަޚޮވްކާގައި އޮންނަ ކަޚޮވްކާ ޑޭމަށް ވެސް ދާދި ފަހުން ޙަމަލާއެއްދީ، އެ ތަން ގޮއްވައިލާފައިވާ ކަން ވެސް ފާހަގަކުރެވެއެވެ. ނަމަވެސް، އެ ކަން ކުރީ ކޮން ބަޔެއް ކަން އަދި ސާފެއް ނޫނެވެ. ޑޭމް ހަމާލުކޮށްލުމާ އެކު ޑްނިޕްރޯ ކޯރުގެ ފެންގަނޑު ބަންޑުންވެ އެ ސަރަޙައްދުގެ ގިނަ ރަށްތަކެއްގައި ވަނީ ފެންބޮޑުވެފައެވެ. 600 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއްގައި މިހާރު ފެންބޮޑުވެފައިވާ ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ.
"އަސްކަރީ ކެމްޕޭނުގެ ދަށުން ޔޫކްރެއިނުން މިހާތަނަށް ދީފައިވާ ހުރިހާ ޙަމަލާއެއް ވަނީ ފޭލުވެފައި. ނާކާމިޔާބުވެފައި. ނަމަވެސް، ކީވްގެ ސަރުކާރާ ދެކޮޅަށް ރަޝިޔާއިން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަނަށް އެއްވެސް ހުއްޓުމެއް ނާދޭ،" ޕުޓިން ވިދާޅުވިއެވެ. އޭނާ މިހެން ވިދާޅުވެފައި މި ވަނީ، ޔޫކްރެއިނަށް އަސްކަރީ އެހީގެ އިތުރު ޕެކޭޖެއް ފޮނުވަން ތައްޔާރުވަމުންދާ ކަން އެމެރިކާއިން އިޢުލާނުކޮށްފައިވާ ދަނޑިވަޅެއްގައެވެ. މި ޕެކޭޖުގެ އަގު 2.1 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާނެއެވެ.
ރަޝިޔާއިން ވެސް ދަނީ ޔޫކްރެއިންގެ ވެރިރަށް ކީވްގެ އިތުރުން ބޮޑެތި އެހެން ރަށްތަކަށް ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ. މި ޙަމަލާތަކުގައި ފަހަކަށް އައިސް ރަޝިޔާއިން ބޭނުންކުރަމުން ދަނީ "ކަމިކާޒީ" ޑްރޯންތަކެވެ. އެއީ ރިމޯޓް ކޮންޓްރޯލް ބޭނުންކޮށްގެން ދުރުގައިވާ އަމާޒުތަކަށް ޙަމަލާދިނުމަށް ބޭނުން ކުރެވޭ ނުރައްކާތެރި ހަތިޔާރެކެވެ. ރަޝިޔާއިން އެންމެ ގިނައިން ބޭނުން ކުރަނީ އީރާނުގައި އުފައްދާފައިވާ "ޝާހިދު-136" މަރުކާގެ ޑްރޯނެވެ.
އީރާނުން ދާދިފަހުން ގިނަ ޢަދަދެއްގެ ޑްރޯންތަކެއް ރަޝިޔާއަށް ފޯރުކޮށްދީފައިވާ ކަމަށް އެމެރިކާއިން ވަނީ ތުހުމަތުކޮށްފައެވެ. އަދި، ރަޝިޔާގައި ޑްރޯން އުފައްދާ ކާރުޚާނާއެއް ބިނާކުރަން އީރާނުން އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި، އެ ކަމަށް ބޭނުންވާ ސާމާނު މިހާރު ރަޝިޔާއަށް ފޮނުވާފައިވާ ކަމުގައި ވެސް އެމެރިކާއިން ތުހުމަތު ކުރެއެވެ.