ޚަބަރު

ރާއްޖެއާއި ސޭޝެލްސްއާ ދެމެދު ވީޒާއާއި، ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމެއް


ރާއްޖެއާއި ސޭޝެލްސްއާ ދެމެދު 4 ދާއިރާއަކުން ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުން ބަދަލުކުރައްވައިފިއެވެ.

މިއެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވަނީ ސޭޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން ރާއްޖެއަށް ކުރައްވަމުން އަންނަ ރަސްމީ ދަތުރުފުޅުގައި މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުންތަކަށް ފަހުގައެވެ.

މިއެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ސޭޝެލްސްގެ ރައީސް، ވޭވަލް ރާމްކަލާވަން ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖެއާއި ސޭޝެލްސްއާ ދެމެދު ބަދަލުކުރެއްވި އެއްބަސްވުންތަކަކީ ވީޒާއާ ނުލައި ދަތުރުކުރުމަށް މަގުފަހި ކުރުމާ ގުޅޭ އެއްބަސްވުމާއި، ރާއްޖެއާއި ސޭޝެލްސްއާ ދެމެދު ވައިގެ ދަތުރުފަތުރު ފެށުމާ ގުޅޭ އެއްބަސްވުމާއި، ޒުވާނުންގެ ތަރައްގީއާ ގުޅޭ އެއްބަސްވުމެއްގެ އިތުރުން ރާވައިގެން ހިންގާ ކުށްތަކާ ދެކޮޅަށް ދެޤައުމު ގުޅިގެން މަސައްކަތް ކުރުމާއި، މިސަރަހައްދުގެ ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާ ގުޅޭ އެއްބަސްވުމެވެ.

ދެޤާއުމުގެ ދެމެދު ބަދަލުކުރެވުނު ވީޒާގެ އެއްބަސްވުމުގެ ދަށުން، ދެޤައުމުގެ ރައްޔިތުންނަށް ވިސާއާ ނުލައި، 30 ދުވަހުގެ މުއްދަތަށް ދަތުރުކުރެވޭނެ ގޮތް ހަމަޖެހި ދަތުރުފަތުރުކުރުމަށް ފަސޭހަތައް ލިބިގެންދާނެއެވެ. އަދި މިއެއްބަސްވުމާއިއެކު ދެ ޤައުމުގެ އިޖްތިމާޢީ އިޤްތިޞާދީ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެއެވެ.

ވައިގެ ދަތުރުފަތުރު ފެށުމާ ގުޅޭ އެއްބަސްވުމުގެ ދަށުން ދެޤައުމުގެ މެދުގައި ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުކުރުމަށް މަގުފަހިވެ، އިޤުތިޞާދަށް ކުރިއެރުން ލިބި، ރައްކާތެރި ހަރުދަނާގޮތެއްގައި ވައިގެ ދަތުރުފަތުރުތައް ކުރިއަށް ގެންދެވޭނެއެވެ.

ޒުވާނުންގެ ތަރައްގީއާ ގުޅޭ އެއްބަސްވުމުގެ މަޤުޞަދަކީ ރާއްޖެއާއި ސީޝެލްސްއާ ދެމެދުގައި ޢިލްމާއި ތަޖުރިބާ އާއި ވަސީލަތްތައް ޙިއްޞާކޮށް، ޤާބިލްކަން އިތުރުކޮށް އަދި ޔޫތު އެކްސްޗޭންޖް ޕްރޮގްރާމް ފަދަ ތަފާތު ދާއިރާތަކުން ދެޤައުމުގެ ދެމެދުގައި ދިގު މުއްދަތަށް އެއްބާރުލުން ޤާއިމްކުރުމެވެ.

ރާވައިގެން ހިންގާ ކުށްތަކާ ދެކޮޅަށް ދެޤައުމު ގުޅިގެން މަސައްކަތް ކުރުމާއި، މިސަރަހައްދުގެ ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާ ގުޅޭ ޕްރޮޓޮކޯލްގެ މަޤުޞަދަކީ، ކަނޑުފޭރުން ފަދަ ކަނޑު ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރި ކަމަށް އޮތް ނުރައްކާތައް ހުއްޓުވުމުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމެވެ. އަދި މިޕްރޮޓޮކޯލްގެ ސަބަބުން ކަނޑުމަތީގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެއެވެ.

ރާއްޖެއިން މި އެއްބަސްވުން ބަދަލުކުރައްވާފައިވަނީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ.ޢަބްދުﷲ ޝާހިދުއެވެ. އަދި ސޭޝެލްސްއިން އެއްބަސްވުން ބަދަލުކުރެއްވީ އެ ޤައުމުގެ މިނިސްޓަރ އޮފް ޓޫރިޒމަ އެންޑް ފޮރިން އެފެއާޒް ސިލްވެސް ރަޑަގޮންޑޭއެވެ. އަދި ޒުވާނުންގެ ތަރައްގީއާ ގުޅޭ އެއްބަސްވުމުގައި ރާއްޖެއިން ބަދަލުކުރެއްވީ މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރަމަންޓް ޢަހުމަދު މަހްލޫފުއެވެ.

މަޝްވަރާތަކާއި އެއްބަސްވުންތައް ބަދަލުކުރެއްވުމަށް ފަހު ދެ ގައުމުގެ ވެރިންވަނީ ގުޅިފައިވާ ބަޔާނެއް ދެއްވާފައެވެ. މިބަޔާނުގައި ދެ ރައީސުން ވެސް ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުމާއި، އެކި ދާއިރާތަކުން މުހިންމު މަޝްވަރާތައް ކުރެވި އަމަލީ މަސައްކަތްތަކެއް އެކަމުގައި ކުރެވެމުން އަންނަކަން ފާހަގަކުރައްވާފައެވެ.