ޚަބަރު

މަރްހޫމް ޢަބްދުﷲ ޖަމީލްގެ ހަނދާނުގައި މަޖިލީހުގައި ސުކޫތެއް


އިއްޔެ އަވަހާރަވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޖަމީލްގެ ހަނދާނުގައި މަޖިލީހުގައި ސުކޫތެއް ގެނެސްފިއެވެ.

އިއްޔެ އަވަހާރަވި އަބްދުﷲ ޖަމީލަކީ ދައުލަތަށް 54 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި އިއްޒަތްތެރިއެކެވެ. ޤައުމީ ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގައި އެމަނިކުފާނު ވަނީ މަޖިލީހުގެ މެމްބަރުކަން 30 އަހަރަށްވުރެ ގިނަ ދުވަހު އަދާކުރައްވާފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށްފަހު ރިޔާސަތުން ވަނީ އަބްދުﷲ ޖަމީލު މަޖިލީހަށް ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ހަނދާނުގައި މަޖިލީހުގައި ވަނީ ސްކޫތެއް ގެނެސްފައެވެ.

ސުކޫތެއް ގެނައުމުގެ އިތުރުން، ޢަބްދުﷲ ޖަމީލްގެ ހަނދާނުގައި މިއަދުން ފެށިގެން 3 ދުވަސް ވަންދެން ރައްޔިތުންގެ މަޖިލީޙުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވުމަށްވެސް ވަނީ ނިންމާފައެވެ.

ޢަބްދުﷲ ޖަމީލް އަވަހާރަވުމާއި ގުޅިގެން އެކަމުގެ ހިތާމައިގައި ޖޫން 12ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 1:00އިން ފެށިގެން ޖޫން 15 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު، 1:00 އާއި ހަމައަށް، ތިންދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްމަރްޙޫމް ޢަބްދުﷲ ޖަމީލް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި 14 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ޕްރައިވެޓް ސެކްރެޓެރީކަމުގެ މަގާމާއި، ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކެޓިވް ސެކްރެޓެރީކަމުގެ މަގާމާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޝަލް އެފެއާޒްކަމުގެ މަގާމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރކަމުގެ މަގާމު އެ މަނިކުފާނު ވަނީ ފުރުއްވައިފައެވެ.