ޚަބަރު

މެމްބަރުންގެ އިހުތިޖާޖާއި ގުޅިގެން މަޖިލިސް ކުރިއަށް ނުގެންދެވުނު!


ޤަވާއިދާއި ޚިލާފަށް މަޖިލިސް ހިންގާކަމަށް ވިދާޅުވެ، މަޖިލީހުގެ މެމްބަރުން އިހްތިޖާޖުކުރުމުން މަޖިލީހުގެ މިއަދު ޖަލްސާ ކުރިއަށް ނުގެންދެވިގެން ހުއްޓާލައިފިއެވެ.

މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުން މިއަދުގެ ޖަލްސާގައި އިހްތިޖާޖުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައި ނުވާތީއާއި މަޖިލީހުގެ ރިޔާސަތުގައި ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު އިންނެވުމާއި ގުޅިގެނެވެ.

މަޖިލީހުގެ ޤަވާއިދާއި އެއްގޮތަށް މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން އެދިފައި އޮތްނަމަވެސް، މިއަދުގެ ޖަލްސާއަށްވެސް އެ މައްސަލަ އެޖެންޑާކޮށްފައެއް ނުވެއެވެ. އަދި މަޖިލީހުގެ ރިޔާސަތުގައި އަފީފު އިންނަވާ މައްސަލައިގައި އެމްޑީޕީން ދެކޮޅު ހަދަމުންދިޔަނަމަވެސް މިއަދު ޖަލްސާގެ ރިޔާސަތުގައިވެސް އިންނެވީ ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފުއެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިފައި އޮތުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވުމަށް އުޒުރުވެރިވެ ވަޑައިގަންނަވާކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޖަލްސާގެ ރިޔާސަތުން ވަނީ ދުރަށް ވަޑައިގެންފައެވެ.

މިއަދުގެ ޖަލްސާ ފެށުމާއެކު އެމްޑީޕީގެ މެމްބަރުން ވަނީ އަފީފް މަޖިލީހުގެ ރިޔާސަތުގައި އިންނެވި މައްސަލަ ނިޒާމީ މައްސަލައެއްގައި ގޮތުގައި ނަންގަވައިގެން އިހުތިޖާޖުކުރަން ފަށާފައެވެ. ނަމަވެސް ނިޒާމީ މައްސަލައިގެ އޮއިވަރެއްގައި މަޖިލިސް ޖެހުމުން އެހެން ދުވަހަކަށް ސުވާލުކުރެއްވުން ވަނީ އެޖެންޑާކުރަން ނިންމާފައެެވެ.

"ޖަލްސާ މި ހިނގަނީ ރައްޔިތުންގެ މަޖިލީހުގެ 205 ވަނަ މާއްދާއާ އެއްގޮތަށްތޯ ނުވަތަ ނޫންތޯ. އެއާ ހިލާފަށް އެޖެންޑާ އޮތީ." މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވިއެވެ.

އިތުބާރު ނެތްކަމުގެ މައްސަލާއާއި އަފީފް ރިޔާސަތުގައި އިންނަވާ މައްސަލައިގައި ރިޔާސަތުގައި އިންނެވި އަފީފް ވިދާޅުވީ މިމައްސަލާގައި ކަން ހިނގާފައިވާގޮތް މަޖިލީހުގެ އިދާރާއިން މެމްބަރުންނަށް ސާފުކޮށް ދެއްވާފައިވާނެކަމަށެވެ.

މިޖަލްސާގައި އެމްޑީޕީ މެމްބަރުން ނަންގަވަމުންދިޔަ ނިޒާމީ ނުކުތާތަކާއި ގުޅިގެން އަފީފް ވަނީ މަޖިލިސް މެދުކަނޑާވެސް ލަފާއެވެ. ނަމަވެސް ދެވަނަ ފަހަރަށް ޖަލްސާ ފެށުމަށްފަހުވެސް މަޖިލީހުގައި ތަކުރާރުކޮށް މެމްބަރުން ނަންގަވަމުންދިޔަ ނިޒާމީ ނުކުތާތަކާއި ގުޅިގެން ރިޔާސަތުން ވަނީ ޖަލްސާ ނިންމާލައްވާފައެވެ.

މެމްބަރުންގެ އިހުތިޖާޖުތަކާއިއެކު ޖަލްސާ ނިންމާލިއިރު، މިޖަލްސާއަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި، ނައިބް ރައީސް އީވާ ހާޒިރުވެފައިވެސް ނުވެއެވެ. މަޖިލީހުގެ ކޮމެޓީތައް އެކުލަވާނުވެލި މަޖިލީހުގެ މަސައްކަތްތައް ހުއްޓުވާލާފައިވަނީ މަޖިލީހުގެ ރިޔާސަތުން ބޭނުންވެގެން މަޖިލީހުގެ ގަވާއިދާއި ޚިލާފަށްކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ ވިދާޅުވެފައެވެ.