ކުޅިވަރު

ޤައުމީ ނެޓްބޯޅަ މުބާރާތް: ގްރީން ބަލިކޮށް ޗެމްޕިއަންކަން ކޭވައިއާރްސީއަށް


ޤައުމީ ނެޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ކުލަބު ގްރީން ސްޓްރީޓްސް ބަލިކޮށް ކުޅުދުއްފުށީ ޔޫތު އެންޑް ރެކްރިއޭޝަން (ކޭވައިއާރްސީ) އިން ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން ދިފާއުކޮށްފިއެވެ.

ފަސް ޓީމާއެކު މި މަހު ފެށި ފުރަތަމަ ޑިވިޝަނުގެ ފައިނަލުން ގްރީން ސްޓްރީޓްސް އާއި ކޭވައިއާރުސީ ޖާގަ ހޯދީ ލީގު ބުރުގެ ގަދަ ދެ ޓީމުގެ ގޮތުގައެވެ. މިދިޔަ އަހަރުގެ ފައިނަލުގައިވެސް ކުޅުނީ މި ދެ ޓީމެވެ. އެފަހަރު 55-46 އިން ކޭވައިއާރްސީ މޮޅުވިއިރު، ރޭ ކުޅުނު ފައިނަލް މެޗު ކޭވައިއާރްސީން ކާމިޔާބުކުރީ 66-59 އިންނެވެ.

ކުޅިވަރު އެކުވެނީގެ ސިންތެޓިކް ނެޓްބޯޅަ ކޯޓުގައި ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ކުއާޓާ ނިމުނީ 18-14 އިން ގްރީން ސްޓްރީޓްސް ކުރީގައި އޮވެގެންނެވެ. އެކަމަކު ދެވަނަ ކުއާޓާގެ ފަހުކޮޅު ތަފާތު ދައްކައި ކޭވައިއާރްސީއިން ފަހަތުން އަރައި 33-32 އިން ލީޑު ނެގިއެވެ.

މި މެޗުގެ ތިންވަނަ ކުއާޓާގައި ގްރީން ސްޓްރީޓްސްއިން އެއްވަރުކުރި ނަމަވެސް ކުއާޓާގެ ފަހުކޮޅު ކޭވައިއާރްސީއިން ވަނީ އަލުން ލީޑު ނަގައިފައެވެ. މި ކުއާޓާ ނިމުނީ 49-45 އިންނެވެ. އަދި ފަހު ކުއާޓާގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ގްރީން ސްޓްރީޓްސްއަށް ކޭވައިއާރްސީގެ މައްޗަށް ކުރިހޯދޭ ގޮތެއް ނުވިއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން ފުރަތަމަ ޑިވިޝަނުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ކޭވައިއާރްސީގެ އައިޝަތު ސަލީމާއެވެ.

މި ފަހަރުގެ ޤައުމީ ނެޓްބޯޅަ މުބާރާތުގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން މެޓްރިކްސް ބަލިކޮށް ހޯދާފައިވަނީ އެމްވީ ނެޓާސްއިންނެވެ.