ޚަބަރު

ހައްޖުވެރިން މިއަދު ހަވީރު ފުރަން ފަށާނެ، އެއަރޕޯޓަށް ވީހާވެސް މަދު ބަޔަކު ދިއުން މުހިއްމު


1444ވަނަ އަހަރުގެ ޙައްޖަށްދާ މީހުން މިއަދު ފުރަން ފަށާނެއެވެ.

މިއަދު ހަވީރު 15:10 ގައި ފުރުމަށް ހަމަޖެހިފައިވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖަށް ދާ 290 މީހުންނެވެ. މީގެ އިތުރުން މިހަފްތާގެ އަންގާރަ، ބުރާސްފަތި އަދި އަންނަ ހުކުރު ދުވަހާއި ހޯމަ ދުވަހުވެސް ހައްޖަށް މީހުން ފުރުމަށް ހަމަޖެހިފައިވެއެވެ.

މިއަހަރު ރާއްޖެއަށް ލިބިފައިވަނީ 1000 ކޯޓާއެވެ. މީގެތެރެއިން ޙައްޖަށް ގެންދިޔުމުގެ ހުއްދަ ދޫކޮށްފައިވާ 3 ކުންފުނިން ކޮންމެ ކުންފުންޏަކަށް ދީފައިވަނީ 90 ފުރުޞަތެވެ. ދެންހުރި ފުރުޞަތުތައް ދިނީ ޙައްޖު ކޯޕަރޭޝަނަށެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށްޓަކައި ހައްޖުވެރިންނަށް ލުއިފަސޭހަ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ. އުމުރުން ދުވަސްވީ އަދި ބަލިމީހުންނަށް ކުދި ވެހިކަލްތަކުގައި، ބަހާ ހަމައަށް ގެންގޮސްދިނުމާއި، ޙައްޖުވެރިއާ އާއި ޢާއިލާގެ މީހުން ބަހުގައި ނުވަތަ އޭސީ ފެރީގައި އެއަރޕޯޓަށް ދެވޭގޮތް ހަމަޖެއްސުމާއި، ފުރުމުގެ އެއް ދުވަސް ކުރިން ފޮށިތައް އެއަރޕޯޓަށް ގެންގޮސްދިނުމުގެ އިންތިޒާމްތައް ވަނީ ހަމަޖައްސަވާދެއްވާފައެވެ. ޙައްޖަށްދާ މީހުންނަށް ޚާއްޞަކޮށް ދަތުރުތައް ހަމަޖެހިފައިވާއިރު، މާލެއާއި ހުޅުމާލެ އަދި ވިލިމާލެއިން ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސަވާފައެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް ދާ މީހުންގެ ފުރަތަމަ ގުރޫޕު މިއަދު ހަވީރު ފުރަން ހަމަޖެހިފައިވާ އިރު، ހައްޖުވެރިން ފުރުވުމަށް ވީހާ ވެސް މަދު ބަޔަކު އެއަރޕޯޓަށް ދިއުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއޭސީއެލްއިން ވަނީ ހައްޖުވެރިން ފުރުވުމަށް ބަހުގައި ދާ މީހުންގެ ބަސް ހުޅަނގު ފަރާތު ޕާކިން ސަރަހައްދުގައި މަޑުކުރުމަށާއި ހައްޖުވެރިންގެ ފްލައިޓް އޮންނަ ވަގުތުތަކުގައި ޗެކިން ކުރާ އެހެން އެއަރލައިންތަކުގެ ދަތުރުވެރިންގެ ޗެކިން މަރުހަލާ ވީހާ ވެސް ކުރިން ނިންމުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރަށް އެ ވަގުތުތަކުގައި އެއަރޕޯޓަށް ޓެކްސީ އަދި އަމިއްލަ ކާރުގައި ދާ މީހުން އެއަރޕޯޓް ޕޮލިސް އާއި ޓާމިނަލް ސާވިސްގެ މުވައްޒަފުންގެ އިރުޝާދުގެ ދަށުން އެއަރޕޯޓުގައި ދަތުރުކުރުމަށްވެސް އެމްއޭސީއެލްއިން އިލްތިމާސްކުރެއެވެ.

ހައްޖުވެރިން ފުރާ ވަގުތުތަކުގައި އެއަރޕޯޓުގައި ތޮއްޖެހޭނެތީ އެކަމާ މެދު ސަމާލުވުމަށް ފުލުހުން ވެސް ވަނީ އެދިވަޑައިގެންފައެވެ.