ސާބިޓަން ޓްރޮފީ ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން އިނގިރޭސިވިލާތުގެ އެންޑީ މަރީ ހޯދައިފިއެވެ.
މިއީ ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި އޭނާއަށް ގްރާސް ކޯޓް މުބާރާތެއް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.
މަރީ މިމުބާރާތް ކާމިޔާބުކުރީ ރޭ ކުޅުނު ފައިނަލްގައި އޮސްޓްރިއާގެ ޔޫރީ ރޮޑިއޮނޯވްއާ ބައްދަލުކުރި މެޗް ސީދާ ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ. މި މެޗް މަރީ ކާމިޔާބުކުރީ ފަސޭހަ ކަމާއެކު ހައެއް ތިނެއް އަދި ހައެއް ދެއަކުންނެވެ. މިމެޗްގެ މެދުތެރެއިން ވާރޭ ވެހެން ފެށުމާއެކު ތިން ގަޑިއިރަށް ކުޅުން މެދު ކަނޑާލި ނަމަވެސް މަރީގެ ކުޅުމަށް ބަދަލެއް އައިސްފައެއް ނުވެއެވެ.
މަރީ ވަނީ މިސީޒަންގެ ގްރާސް ކޯޓް ބަޔަށް އިސްކަން ދިނުމުގެ ގޮތުން މިފަހަރުގެ ފެރެންޗް އޯޕަންގައި ބައިވެރިނުވެ ފުރުސަތު ދޫކޮށްލާފައެވެ. 2016 ވަނަ އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތް ކާމިޔާބުކުރި ފަހުން އޭނާއަށް ގްރާސް ކޯޓް ސިންގަލްސް މުބާރާތެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. އެހެން ކަމުން މިއީ މިފަހަރުގެ ވިމްބަލްޑަން މުބާރާތަށް ތައްޔާރުވުމަށް އޭނާއަށް ލިބިގެންދިޔަ ރަނގަޅު ކާމިޔާބީއެކެވެ.
މިމުބާރާތުގެ އަންހެން ސިންގަލްސް ފައިނަލްގެ ޗެމްޕިއަންކަން ހޯދީ ބެލްޖިއަމްގެ ޔަނީނާ ވިކްމަޔާއެވެ. އޭނާ މިމުބާރާތް ކާމިޔާބުކުރީ އިނގިރޭސިވިލާތުގެ ކެޓީ ސްވޯންއާ ފައިނަލްގައި ބައްދަލުކޮށް ދެސެޓް އެއް ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. އެއީ ދޭއް ހަޔަކުން ފުރަތަމަ ސެޓް ސްވޯން ކާމިޔާބުކޮށްފައިވަނިކޮށް ފަހަތުން އަރައި ޖެހިގެން އައި ދެސެޓް ހައެއް ހަތަރެއް އަދި ހަތެއް ހަޔަކުން ކާމިޔާބުކުރިއެވެ.