އާޖެންޓީނާގައި ބޭއްވި 20 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕުގެ ޗެމްޕިއަންކަން އުރުގުއާއީ ހޯދައިފިއެވެ.
މިމުބާރާތުގެ ޗެމްޕިއަންކަން އުރުގުއާއި ހޯދީ ރޭ ކުޅުނު ފައިނަލް މެޗްގައި އިޓަލީއާ ބައްދަލުކޮށް އެއް ލަނޑު ސުން ލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ.
ލަ ޕްލާޓާގައި ކުޅުނު މިމެޗްގައި ދެޓީމްގެ ފަރާތުންވެސް ފެނިގެން ގޮސްފައިވަނީ ވަރަށް ހަމަހަމަ ކުޅުމެކެވެ. އަދި މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ. މިހާފްގައި އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ އުރުގުއާއީގެ އެންޑަރސަން ޑުއާޓޭއަށެވެ. ނަމަވެސް އޭނާގެ ހަމަލާ އިޓަލީގެ ގޯލްކީޕަރ ސެބަސްޓިއާނޯ ވަނީ ދިފާއުކޮށްފައެވެ.
މިމެޗްގެ 81 ވަނަ މިނެޓްގައި އިޓަލީގެ މަޓިއޯ ޕްރާޓީ އުރުގުއާއީގެ ފެބްރީސިއޯ ޑިއާޒަށް ކުރި ފައުލަކާއި ގުޅިގެން ރަތް ކާޑެއް ދެއްކި ނަމަވެސް ވީއޭއާރް ބެލުމަށްފަހު ވަނީ އެ ކާޑު ރީނދޫ ކާޑަކަށް ބަދަލުކޮށްފައެވެ. މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗްގެ 86 ވަނަ މިނެޓްގައި އުރުގުއާއީއަށް ކާމިޔާބުކޮށްދިނީ ލޫސިއާނޯ ރޮޑްރިގޭޒެވެ. މިއީ އޭނާއަށް ގެމްބިއާ މެޗްގައި ދެއްކި ރަތް ކާޑާއެކު ލިބުނު ސަސްޕެންޝަނުން އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗެވެ. އޭނާއަށް ވަނީ ކުއާޓަރ ފައިނަލާއި ސެމީ ފައިނަލް މެޗުތައް، އެ ސަސްޕެންޝަނުގެ ސަބަބުން ގެއްލިފައެވެ.
މިއީ 20 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ތަށި އުރުގުއާއީއިން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އެޓީމް ވަނީ މީގެ ކުރިން ދެފަހަރެއްގެ މަތިން މި މުބާރާތުގެ ފައިނަލްގައި ވާދަކޮށް ބަލިވެފައެވެ. މިފަހަރުގެ މުބާރާތުގެ ތިންވަނަ މަގާމް ހާސިލުކޮށްފައިވަނީ ތިން ލަނޑު އެއްލަނޑުން ދެކުނު ކޮރެއާ ބަލިކުރި އިސްރާއީލްއެވެ.