ޚަބަރު

ޤަވާއިދުގެ އެއްވެސް ތަނެއްގައި ދީނީ ދަރުހާއި، މައުލޫމާތު ދެއްވުމަށް ހުރަހެއް ނޯންނާނެ: ފުއާދު


އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށްފައިވާ ރިޔާސީ އިންތިޚާބުގެ ގަވާއިދުގެ އެއްވެސް މާއްދާއެއްގައި ރާއްޖޭގެ ދީނީ ޢިލްމުވެރިންނަށް އެބޭފުޅުން ދޭން ބޭނުންވާ ދީނީ މައުލޫމާތާއި، ދަރުސް ދެއްވުމަށް ހުރަސް އަޅުއްވާފައި ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތަޢުފީގް ވިދާޅުވެއްޖެއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ޢަމަލުކުރާނެ ޤަވާއިދު ޢާންމު ކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ޢާންމު ކުރެއްވި ގަވާއިދުގައި ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންނަށް ތާއީދު ހޯދަން މަސައްކަތްކުރާ މީހުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑެއްވަނީ ކަނޑައަޅުއްވާފައެވެ. އެގޮތުން ގަވާއިދުގެ 24 ވަނަ މާއްދާގެ "ހ" ގައި ބަޔާންކުރައްވާފައިވަނީ ދީނީ އެކިއެކި މުނާސަބަތުގައްޔާއި ދީނީ ދަރުސްތަކުގައްޔާއި ޚުތުބާތަކުގައި ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ ކަމަށެވެ.

ހަމަ އެމާއްދާގައި ސްކޫލްތަކާއ، މަދަރުސާތަކާއި ކޮލެޖުތަކާއި ޔުނިވަރސިޓީތަކާއި ކިޔަވައިދޭ އެހެނިހެން ތަންތަނުން ދޭ ފިލާވަޅުތައް މެދުވެރިކޮށް ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް މަސައްކަތެއް ކޮށްގެންނުވާނެ ކަމަށްވަނީ ބަޔާންކުރައްވާފައެވެ.

މިކަމުގައި ބައެއް ފަރާތްތަކުން ފާޅު ކުރި ކަންބޮޑުވުންތަކާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތަޢުފީގް ވިދާޅުވީ ކޮންމެ ރިޔާސީ އިންތިޚާބެއްގެ ގަވާއިދުގައިވެސް މިމާއްދާ މިގޮތަށް ހިމަނުއްވާފައިވާނެކަމަށެވެ. މިމާއްދާގައި ރާއްޖޭގައި ދީނީ ޢިލްމު ފެތުރުއްވުމަށާއި، ދީނީ ނަސޭހަތާއި، ދަރުހާއި، ތައުލީމު ދެއްވުމަށް އެއްވެސް ހުރަހެއް ނެތްކަމަށެވެ.

ނަމަވެސް ދެއްވާ ދީނީ ނަސޭހަތްތަކާއި، މައުލޫމާތާއި ތަޢުލީމުގައި ސިޔާސީ ގޮތުން ވަކި ކެނޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދުކޮށް ކެމްޕެއިން ކުރެވޭގޮތަށް މައުލޫމާތުދީ، ހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް ފުއާދު ވިދާޅުވިއެވެ. ދީނީ ޢިލްމުވެރިންވެސް އެބޭފުޅުންގެ ސިޔާސީ މަސައްކަތުގައި އަދި ސިޔާސީ ޕޯޑިއަމްތަކުގައި ސިޔާސީ ވާހަކަ ދެއްކެވުމަށް އިލެކްޝަންސް ކޮމިޝަނުން އެއްވެސް ވަރަކަށް މަނާނުކުރާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެއްވެސް ހާލެއްގައި ނުދަންނަވަން ދީނީ ގޮތުން ދަރުސް ދެއްވަންވީ ގޮތެއް. އެހެން ނަމަވެސް އަޅުގަނޑުމެން މި ދަންނަވަނީ އަޅުގަނޑުންގެ ދާއިރާއަށް އެބޭފުޅުން ވަދެ ވަޑައި ނުގަންނަވާށޭ. ޤާނޫނީ ގޮތުން ވަކި ބަޔަކަށް ނުވަތަ ވަކި މީހަކަށް ފަހިވާގޮތަށް އަދި އަނެއް ބަޔަކަށް ގެއްލުންވާ ގޮތަށް ދީނީ ދަރުސް ނުދެއްވާށޭ. ދީނީ ދަރުސް ދެއްވުމަކަށް އެއްވެސް ހުރަހެއް ނެތް. ދީނީ ވާހަކަ ދެއްކުމަށް އެއްވެސް ހުރަހެއް ނެތް. އެކަމަކާ އިލެކްޝަނަކުން ނުވެސް ބެހޭނެ. އެއީކީ އިލެކްޝަނަކާއި ބެހެވޭނެ ކަމެއްވެސް ނޫން." ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ ރިޔާސީ އިންތިޚާބުގައިވެސް އަދި އެނޫން އިންތިޚާބެއްގައިވެސް ވާދަކުރާ އެއްވެސް ކެނޑިޑޭޓަކަށް އެންޓި ކެމްޕޭން ކުރުމަކީ ޤާނޫނުން ކަނޑައެޅިގެން މަނާ ކުރާ ކަމެއްކަމަށެވެ. އެއީ ދީނީ ދަރުހެއްގެ ތެރެއިން ކަމުގައި ވީނަމަވެސް، ސިޔާސީ ޖަލްސާއެއްގެ ތެރެއިން ކަމުގައި ވީނަމަވެސް އެފަދަ ކެމްޕެއިނެއް ކުރުމަކީ ޤާނޫނުން ޖާގަ ލިބޭ ކަމެއް ނޫންކަމަށެވެ.