އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ކަމުގެ މަގާމުން ވެސް އިސްތިޢުފާ ދެއްވައިފިއެވެ. އޭނާ މަޖިލީހުން އިސްތިޢުފާ ދެއްވާފައި މި ވަނީ، ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވިއިރު ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފަށް ޕާޓީތަކެއް ބޭއްވެވި މައްސަލައެއްގެ ތަހުޤީޤު ހިނގަމުންދާ ދަނޑިވަޅެއްގައެވެ.
ޖޮންސަން ވިދާޅުވީ މަޖިލީހުގެ މެންބަރު ކަމުގެ މަގާމުން އިސްތިޢުފާ ދެއްވަން ނިންމެވީ އޭނާގެ ވާދަވެރިން ކުރިމަތިކުރަމުން ގެންދިޔަ ބިރުދެއްކުން ފަދަ އަމަލުތަކާ ގުޅިގެން ކަމުގައެވެ. ނަމަވެސް، އެ ކަން ގުޅެނީ ކޮވިޑް-19ގެ ދުވަސްވަރު ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ނަމްބަރ ޓެން ޑައުނިންގ ސްޓްރީޓްގައި އޭނާ ބޭއްވެވި ޕާޓީތަކާ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތަކުން ބުނެއެވެ.
އެ ޕާޓީތަކާ ގުޅޭ ގޮތުން މަޖިލީހުގެ ޖަލްސާއަކަށް ހާޒިރުކޮށް ސުވާލުކުރުމުން 58 އަހަރުގެ ޖޮންސަން ވަނީ އިތުރުފުޅު ހައްދަވާފައެވެ. އޭނާ މަޖިލީހަށް ދޮގު މަޢުލޫމާތު ދެއްވާފައި ވަނީ ގަސްދުގައިތޯ ނުވަތަ ނޫންތޯ ބެލުމަށް މަޖިލީހުގެ ޚާއްޞަ ކޮމިޓީއަކުން ވަނީ ތަހުޤީޤެއް ފަށާފައެވެ. ކޮވިޑްގެ ދުވަސްވަރު އޭނާ އިސްވެ ހުންނަވައި ޑައުނިންގ ސްޓްރީޓްގައި އެއްވެސް ޕާޓީއެއް ބާއްވަވާފައި ނުވާނެ ކަމަށް ޖޮންސަން ގެންދަވަނީ ވިދާޅުވަމުންނެވެ.
ޖޮންސަންގެ މައްސަލަ ބަލާ މަޖިލީހުގެ އިމްތިޔާޒުތަކާ ބެހޭ ކޮމިޓީން މިހާރު ވަނީ ތަހުޤީޤުގެ ހޯދުންތައް ޢާންމުކުރަން ތައްޔާރުވެފައެވެ. "ކޮމިޓީގެ މެންބަރުން ވަނީ އަޅުގަނޑާ ގުޅާފައި. އަދި، އަޅުގަނޑު މަޖިލީހުން ބޭރުކުރާނެ ކަމަށް ބުނެ އިންޒާރު ދީފައި،" ޖޮންސަން ވިދާޅުވިއެވެ. އެ ކޮމިޓީގެ އަގުލަބިއްޔަތު އޮތީ ވެރިކަންކުރާ ކޮންޒަރވެޓިވް ޕާޓީގައެވެ.
ކޮމިޓީގެ މުޤައްރިރަކީ އިދިކޮޅު ލޭބަރ ޕާޓީގެ މެންބަރު ހެރިއެޓް ހާރމަނެވެ. ޖޮންސަން ވިދާޅުވީ، ހާރމަން އިސްކޮށް ހުންނަވައި އޭނާއާ ދެކޮޅަށް ކެންގަރޫ ކޯޓެއް ހިންގަމުންދާ ކަމުގައެވެ. އެއީ، ޑިމޮކުރަސީގެ ހަމަތަކާ ޚިލާފަށް ހިންގަމުންދާ ތަހުޤީޤެއް ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ. އަދި، މަޖިލީހުގެ ގޮނޑި ދޫކޮށްލައްވަން ވަރަށް ހިތާމަ ކުރައްވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ޖޮންސަން މަޖިލީހުގައި އިތުރުފުޅު ހައްދާފައިވާ ކަމަށް ކޮމިޓީއަށް ފެނިއްޖެ ނަމަ، އޭނާ ސަސްޕެންޑު ކުރުމުގެ ބާރު އެ ކޮމިޓީއަށް ލިބިގެންވެއެވެ. އަދި، 10 ދުވަހަށް ވުރެ ގިނަ ދުވަހަށް ޖޮންސަން ސަސްޕެންޑު ކުރަން ކޮމިޓީން ނިންމައިފިނަމަ، އޭނާގެ ގޮނޑި ގެއްލޭނެއެވެ. އަދި، ބައި-އިލެޝަނެއް ބާއްވައި، އައު މެންބަރަކު އިންތިޚާބު ކުރަން ޖެހޭނެއެވެ.
އެ ފަދަ ގޮތަކަށް ކަން ހިނގައިފިނަމަ، ޖޮންސަންގެ އިތުރުން ވެރިކަން ކުރާ ކޮންޒަރވެޓިވް ޕާޓީގެ ސަރުކާރަށް ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ. އަދި، ޖޮންސަން އިސްތިޢުފާ ދެއްވަން ނިންމަވާފައިވާ ސަބަބަކީ އެއީ ކަމުގައި ވެސް އެ ފަރާތްތަކުން ބުނެއެވެ.
ނަމަވެސް، ޖޮންސަން އިސްތިޢުފާ ދެއްވުމުން ވެސް ބޮޑުވަޒީރު ރިޝީ ސުނަކްގެ ސަރުކާރަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް އިނގިރޭސިވިލާތުގެ ސިޔާސީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ. މި ކަމާ ގުޅޭ ގޮތުން ސަރުކާރުން ވަކި އެއްޗެއް ހާމަކޮށްފައެއް ނެތެވެ.
ޖޮންސަން އިސްތިޢުފާ ދެއްވުމާ އެކު އޭނާގެ އަރިސް ބޭފުޅެއް ކަމުގައިވާ ނާޑީން ޑޮރީސް ވެސް ވަނީ މަޖިލީހުގެ ގޮނޑި ދޫކޮށްލައްވާފައެވެ. އަދި، ކޮންޒަރވެޓިވް ޕާޓީއަށް ވަނީ ދެ ބައި-އިލެކްޝަނަކާ ކުރިމަތިލާން ޖެހިފައެވެ. މި ކަމާ ގުޅިގެން އިދިކޮޅު ލޭބަރ ޕާޓީގެ ލީޑަރުގެ ނައިބު އެންޖެލާ ރެއިނަރ ވަނީ ކޮންޒަރވެޓިވް ޕާޓީއަކީ ޑްރާމާއިން ފުރިގެންވާ ޕާޓީއެއް ކަމަށާއި، އެ ޑްރާމާތަކަށް ނިމުމެއް ނެތް ކަމުގައި ވިދާޅުވެ ސަރުކާރާއި ޕާޓީއަށް ފާޑުވިދާޅުވެފައެވެ.
ކޮންޒަރވެޓިވް ޕާޓީގެ ކުރީގެ ލީޑަރުގެ ހައިސިއްޔަތުން ޖޮންސަން ވަނީ 2019 ވަނަ އަހަރުގެ ޑިސެންބަރު މަހު ބޭއްވި ޢާންމު އިންތިޚާބުގައި އެ ޕާޓީއަށް މަޖިލީހުގެ 80 ގޮނޑި ކާމިޔާބު ކޮށްދެއްވާފައެވެ. އޭނާގެ އެންމެ ބޮޑު އެއް ވަޢުދަކަށްވީ، ބްރެކްސިޓް ނުވަތަ ވިލާތުގެ އިއްތިހާދު (އީ.ޔޫ)އިން އިނގިރޭސި ވިލާތް ވަކިވުމުގެ ކަންކަން ފުރިހަމަ ކުރުމެވެ.
ނަމަވެސް، ކޮވިޑް-19ގެ ބަލިމަޑުކަމާ އެކު އޭނާގެ ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. ޚާއްޞަކޮށް، ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އޭނާ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ގިނަ ބަޔަކު ނުރުހުންވިއެވެ. މި ފަދަ ގިނަ މައްސަލަތަކެއް ކުރިމަތިވެ ޖޮންސަންގެ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުން އޭނާއާ ދެކޮޅަށް ތެދުވުމުން އޭނާ ވަނީ ހުސްވި 2022 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ބޮޑުވަޒީރު ކަމުގެ މަގާމުން އިސްތިޢުފާ ދެއްވާފައެވެ.
އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ކަމުގެ މަޤާމަށް ޖޮންސަން އިންތިޚާބުވެ ވަޑައިގަތީ 2001 ވަނަ އަހަރުއެވެ. އަދި، 2008 ވަނަ އަހަރާ ޖެހެންދެން އެ މަގާމު ފުރުއްވުމަށް ފަހު، އޭނާ ވަނީ އިސްތިޢުފާ ދެއްވާ، ލަންޑަނުގެ މޭޔަރު ކަމުގެ މަގާމާ ހަވާލުވެ ވަޑައިގަންނަވާފައެވެ. އެއަށްފަހު މަޖިލީހާ އޭނާ އަލުން ގުޅިވަޑައިގަތީ 2015 ވަނަ އަހަރުއެވެ. އަދި، އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ތެރޭސާ މޭގެ ވެރިކަމުގައި ޚާރިޖީ ވަޒީރުގެ މަޤާމު އޭނާ ފުރުއްވިއެވެ.