ޚަބަރު

ޞިއްޙީ ދާއިރާ ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫޢާއެކު އިންގިލާބީ ބަދަލެއް އަންނާނެ: ނައިބު ރައީސް


ޞިއްޙީ ދާއިރާ ޑިޖިޓަލައިޒް ކުރުމަށް ހިންގާ މަޝްރޫޢުގެ ސަބަބުން އެދާއިރާއަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް މިހެން ވިދާޅުވީ ރާއްޖޭގެ ޞިއްޙީ ދާއިރާ ޑިޖިޓަލައިޒްކޮށް އައިޓީ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން "ޞިއްޙީ ދާއިރާ ޑިޖިޓަލައިޒް ކުރުމަށް އައި.ޓީ އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުން" މަޝްރޫޢު އިފްތިތާހްކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މި މަޝްރޫޢު އިފުތިތާޙުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ އިފުތިތާޙުކުރެވިގެންދިޔަ މިމަޝްރޫޢުގެ ސަބަބުން ޞިއްޙީ ދާއިރާއަށް އިންޤިލާބީ ބަދަލެއް އަންނާނެކަމަށެވެ. އަދި އެމަނިކުފާނު ވަނީ މިމަޝްރޫޢުގެ ސަބަބުން މުޅި ޞިއްޙީ ދާއިރާއަށް ގިނަ ފައިދާތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިސްނެންގެވުމުގެ ދަށުން ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އެންމެ މުހިންމު ސިޔާސަތަކީ މީހުން ބިނާކުރުމުގެ ސިޔާސަތުކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. އަދި މި ސިޔާސަތުގެ ދަށުން ގިނަކަންކަން މީހުން ބިނާކުރުމަށް މި ސަރުކާރުން ކޮށްފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

މީގެއިތުރުންވެސް، މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ސަރުކާރުން ރައްޔިތުންގެ ފަސޭހައަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރައްޔިތުން އެންމެ ބޭނުންވާ ކަންކަމަށް ބެލުމަށްފަހު ގިނަ މަޝްރޫޢުތަކެއް މި ސަރުކާރުން ހިންގަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ސަރުކާރުން ގެންގުޅުއްވާ އެއްވެސް މީހެއް ބާކީ ނުކުރުމުގެ ސިޔާސަތުގެ މައްޗަށްވެސް މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.

ޞިއްޙީ ދާއިރާގެ އައިޓީ އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރުމަށް ކުރިއަށް ގެންދާ މި މަސައްކަތަކީ ރާއްޖޭގައި ހިންގޭ އައިސީޓީ ހާޑްވެއަރގެ އެންމެ ބޮޑު އެއް ޕްރޮޖެކްޓެވެ.

މިއަދު މި މިޙަވާލުކުރެވުނު އިކުއިޕްމަންޓްގެ ސަބަބުން ހޮސްޕިޓަލް އަދި ސިއްޙީ މަރުކަޒުތަކަށް އައިޓީ ސާމާނު ލިބުން ދަތިވާ މައްސަލައަށް ޙައްލެއް ލިބިގެންދާނެއެވެ. އަދި މި ސަރުކާރުން ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާ ޑިޖިޓަލައިޒްކޮށް އެއް ސިސްޓަމަކުން ގުޅާލުމަށް ކުރެވޭ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ. މީގެ އިތުރުން ފ.އަތޮޅުގައި މިހާރު ފަށާފައިވާ ޕްރައިމަރީ ހެލްތު ކެއަރ ޕްރޮޖެކްޓް މުޅި ރާއްޖެއަށް ފުޅާކުރެވިގެންދާނެއެވެ.