ކުޅިވަރު

ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕް: ޗެމްޕިއަންކަން ރެޑްހޯކްސް އާއި ޒެފްރޯލްއަށް


ހަވަނަ މައިލޯ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕް 2023 ގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ރެޑްހޯކްސް ސްޕޯޓްސް ކުލަބުން ހޯދިއިރު، ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކުލަބު ޒެފްރޯލްއިން ހޯދައިފިއެވެ.

ގައުމީ ހޭންޑްބޯޅަ ކޯޓުގައި ރޭ ކުޅުނު އަންހެން ޑިވިޝަނުގެ ފައިނަލުގައި ކީން ސްޕޯޓްސް ކުލަބު އަތުން ރެޑްހޯކްސް މޮޅުވީ 28-22 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ރެޑްހޯކްސްގެ ޔަޝްފާ އާދަމެވެ. މި ބައިގެ ފަނަލަށް ރެޑްހޯކްސް ދަތުރުކޮށްފައިވަނީ އެންމެ ފަހުގެ އަންހެން ޗެމްޕިއަން އޮރީކްސް ހޭންޑްބޯޅަ ކުލަބު ބަލިކުރުމަށްފަހުއެވެ.

މި މުބާރާތުގެ އަންހެން ޑިވިޝަނުގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ރެޑްހޯކްސްގެ ގޯލްކީޕަރު އައިޝަތު އާލާ އަލީ އާއި، ފާތިމަތު ޖުނާ އާއި، އޮރީކްސްގެ ފާތިމަތު އަރުޝާ އާއި، ރަފާހާ އިބްރާހީމާއި، ކީންސްގެ ފާތިމަތު ރިޝްމާ އާއި، ފާތިމަތު މާލް އިބްރާހީމް އަދި ތުޅާދޫ ޔަންގް އީގަަލްސް ސްޕޯޓްސްގެ މަރިޔަމް ހަމްނާއެވެ.

މީގެ އިތުރުން މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޒެފްރޯލްއިން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި ދިވެހި ސިފައިންގެ ކުލަބު އަތުން 33-28 އިން މޮޅުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިފައިވަނީ ޒެފްރޯލްގެ އަބްދުﷲ ޒިޔާއުއެވެ.

ފިރިހެން ޑިވިޝަންގެ މޮޅު ހަތް ކުޅުންތެރިންނަށް ހޮވުނީ ޒެފްރޯލްގެ ޒިޔާއު އާއި، އަބްދުﷲ ޒަހުވާން އިމްތިޔާޒާއި، އެ ޓީމުގެ މުޙައްމަދު ފިރުނާޝް އަބްދުﷲ އަދި ގޯލްކީޕަރު މުޙައްމަދު ރަމީޒުގެ އިތުރުން، ދިވެހި ސިފައިންގެ ކުލަބުގެ އަޙްމަދު ނަސީރާއި، މުޙައްމަދު ޝަމާލް އަދި ވެލިދޫ ޔުނައިޓެޑުގެ މުޙައްމަދު ޔަޝްމު އަޙްމަދެވެ.

މި ފަހަރުގެ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕުގެ އަންހެން ޑިވިޝަނުގައި 27 ޓީމު ވާދަކުރިއިރު، ފިރިހެން ޑިވިޝަނުގައި ވަނީ 10 ޓީމު ވާދަކޮށްފައެވެ.