ކުޅިވަރު

ލިނިން މޯލްޑިވްސް ބެޑްމިންޓަން ޗެލެންޖް: ސިންގަލްސް ދެ ބައިގެ ޗެމްޕިއަންކަންވެސް އިންޑިއާއަށް


މާލޭގައި ކުރިއަށްދިޔަ ލިނިން މޯލްޑިވްސް އިންޓަރނޭޝަނަލް ބެޑްމިންޓަން ޗެލެންޖް 2023 ގެ ސިންގަލްސް ދެ ބައިގެ ޗެމްޕިއަންކަން އިންޑިއާގެ ރަވީ އާއި އަޝްމިތާ ޗާލިހާ ހޯދައިފިއެވެ.

އިއްޔެ ކުޅުނު ފިރިހެން ސިންގަލްސް ފައިނަލުގައި އިންޑިއާގެ ރަވީ ވަނީ ސީދާ ދެ ސެޓުން މެލޭޝިއާގެ ސޫންގް ޖޫ ވެން އަތުން މޮޅުވެފައެވެ. މި މެޗުގެ ދެވަނަ ސެޓުގެ ފަހުކޮޅުގައި ރަވީގެ ފައިގެ ކުޑަހުޅަށް އަނިޔާވި ނަމަވެސް ފަރުވާ ހޯދައިގެން އޭނާ ވަނީ މެޗު ފުރިހަަމަކޮށްފައެވެ. ރަވީ މި މެޗުގެ ސެޓުތައް ގެންގޮސްފައިވަނީ 21-19 އަދި 21-18 އިންނެވެ.

ފިރިހެން ސިންގަލްސް ޗެމްޕިއަނަށް ޓްރޮފީ ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

މީގެ އިތުރުން މި މުބާރާތުގެ އަންހެން ސިންގަލްސްގެ ފައިނަލުގައި ވާދަކުރީ އިންޑިއާގެ އަޝްމިތާ އާއި ތަސްނީމް މީރެވެ. އިއްޔެ ކުޅުނު ފަސް ފައިނަލްގެ ތެރެއިން ހަމައެކަނި ތިން ސެޓަށް ދިޔައީ މި ފައިނަލެވެ. އެ ގޮތުން ފުރަތަމަ ސެޓުގައި ތަސްނީމް ވަނީ 21-19 އިން ސެޓު ގެންގޮސްފައެވެ. އެކަމަކު ދެން ކުޅުނު ދެ ސެޓު 17-21 އަދި 11-21 އިން ގެންގޮސްގެން އަޝްމިތާ ވަނީ މެޗުން މޮޅުވެފައެވެ.

ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި ކުޅެވުނު ފަސް އިވެންޓުގެ ފައިނަލް މެޗުގެ ތެރެއިން ތިން ފައިނަލުގައި ވާދަކޮށް އިންޑިއާއިން ވަނީ ދެ އިވެންޓުގެ ޗެމްޕިއަންކަން ހޯދާފައެވެ. އެއީ ސިންގަލްސް ބައިންނެވެ. އިންޑިއާގެ ކުޅުންތެރިން ވަނީ އިއްޔެ ކުޅުނު އަންހެން ޑަބަލްސް ފައިނަލުގައިވެސް ވާދަކޮށްފައެވެ. އެ ގޮތުން އެއްވަނައަށް މުބާރާތުގައި ސީޑްކޮށްފައި އޮތް އިންޑިއާގެ އަޝްވިނީ ބަޓް އާއި ޝިކާ ގޯތަމްގެ ޕެއާ އަތުން ތައިލެންޑްގެ ލަކްސިކާ ކަންލަހާ އާއި ޕަތައިމަސް މުއެންވޯންގެ ޕެއާ މޮޅުވީ 22-24 އަދި 25-21 އިންނެވެ.

ފިރިހެން ޑަބަލްސް ބައިގެ ޗެމްޕިއަންކަން ތައިލެންޑްގެ ޕަރަންޔޫ ކައޮސަމާން އާއި ވޮރަޕޯލްގެ ޕެއާއިން ހޯދީ މެލޭޝިއާގެ ލޯ ހެންގް ޔީ އާއި އެންޖީ އިންގް ޝިއޯންގެ ޕެއާ 19-21 އަދި 16-21 އިން ބަލިކޮށްގެންނެވެ. މީގެ އިތުރުން މިކްސް ޑަބަލްސް ތަށި އުފުލާލީ މެލޭޝިއާގެ ހޫ ޕަން ރޮން އާއި ތެއޯ މެއި ޝިންގެ ޕެއާ އިންނެވެ. އެއީ ފައިނަލުގައި އެއްވަނައަށް ސީޑް ކޮށްފައިވާ އެމެރިކާގެ ވިންސަން ޝިއޫ އާއި ޖެނީ ގާއީގެ ޕެއާ އަތުން 13-21 އަދި 18-21 އިން މޮޅުވެގެންނެވެ.