ރާއްޖޭގެ ރިސޯޓުތަކުގެ މެދުގައި ކުރިއަށްގެންދާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ރިސޯޓް ލީގު 2023 ގެ އަރި ޒޯނުގެ ސެމީ ފައިނަލުގައި ލިލީ ބީޗް ބަލިކޮށް ފައިނަލަށް ވިލަމެންދޫ އައިލެންޑް ރިސޯޓް ދަތުރުކޮށްފިއެވެ.
ކޮންރެޑް މޯލްޑިވްސްގައި ކުރިއަށްދާ މި ޒޯނުގައި މިއަދު ހަވީރު ކުޅުނު ސެމީގެ މެޗުގައި ލިލީ ބީޗުގެ މައްޗަށް ވިލަމެންދޫ ކުރިހޯދީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ލީގު ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗުވެސް ކާމިޔާބުކޮށްފައިވަނީ ވިލަމެންދޫންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި ލަނޑު ޖަހަން ދެ ޓީމަށްވެސް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެކަމަކު މި ހާފު ނިމުމުގެ ކުރިން ވިލަމެންދޫން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އަލީ މާޖިދެވެ.
މި މެޗުގެ ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ވިލަމެންދޫން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުޙައްމަދު މިސްބާޙެވެ. އެކަމަކު މި ލަނޑާއެކު ލިލީ ބީޗުން ކުރިއަށް ޖެހި ފުލުފުލުގައި ވިލަމެންދޫގެ ގޯލަށް ނުރައްކާކުރިއިރު، މެޗުގެ 27 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު ލިލީ ބީޗަށް ޖަހައިދިނީ މުޙައްމަދު ޝާހިލެވެ.
ލިލީ ބީޗުން ރަނގަޅަށް ކުޅުނު ވަގުތު ލިބުނު ކައުންޓަ އެޓޭކެއްގެ ބޭނުން ހިފާ މެޗުގެ 33 ވަނަ މިނެޓުގައި ވިލަމެންދޫން ވަނީ އަލުހން ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިޙްސާން މަންސޫރެވެ. އަދި މެޗު ނިމުމުގެ ކުރިން ވިލަމެންދޫން ވަނީ އިތުރު ދެ ލަނޑު ޖަހާފައެވެ. އެގޮތުން މެޗުގެ 36 ވަނަ މިނެޓުގައި ވަލަމެންދޫގެ ހަތަރުވަނަ ލަނޑު މާޖިދު ކާމިޔާބުކޮށްދިންއިރު، ފަހު މިނެޓުގައި ވިލަމެންދޫގެ ފަސްވަނަ ލަނޑު ޖަހައިދިނީ މަންސޫރެވެ.
މި މޮޅާއެކު ފައިނަލަށް ވިލަމެންދޫ ދަތުރުކުރިއިރު، މި ޒޯނުގެ ލީގު ބުރުގެ އެއްވަނަ ހޯދައި ކޮންރެޑް ވަނީ މުބާރާތުގެ ފައިނަލުން ސީދާ ޖާގައެއް ހޯދާފައެވެ. ކޮންރެޑާއި ވިލަމެންދޫން ލީގު ބުރުގައި ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ކޮންރެޑުންނެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުގެ ހަވީރެވެ.